ގޮނޑި ގެއްލިފައިވާ މީހަކަށް، އެހެން މީހެއްގެ ގޮނޑި ދިފާޢުކޮށްދެވިދާނެބާ!

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުން

އަމިއްލަފުޅު ގޮނޑި ގެއްލިފައިވާ ބޭފުޅަކަށް އެހެން މީހެއްގެ ގޮނޑި ދިފާޢު ކުރެވިދާނެ ކަމަށް ގަބޫލު ކުރުމަކީ ހަމަ ބުއްދިން ވިސްނާ އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ. ނަމަވެސް ގޮނޑި ގެއްލިފައިވާ މީހަކު އެހެން މީހުންނަށް ގޮނޑި ހޯދައިދޭނެ ކަމަށް ވިދާޅުވުމުން އެކަމާ ހިނި އަންނަ މީހުން ވެސް މަދެއްނޫނެވެ. 

ވަކި ސިޔާސީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރަކު ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތައް ސްޕްރީމް ކޯޓުން ހުކުމް ކުރުމާއެކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލުމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅު، ގޮނޑިގެއްލިއްޖެ މެންބަރެއްގެ ގޮނޑި ތިމަން މަނިކުފާނު އަނބުރާ ހޯދައިދެއްވާނެ ކަމަށް ބޭފުޅަކު ވިދާޅުވި އަޑު އިވިގެން ދިޔައެވެ.  އެގޮތުން އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު ގައުމުން ބޭރުގައި އަމިއްލަފުޅަށް އަރުވާލެވިގެން ހުންނަވާ ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީއަކުން ވަކިކޮށްގެން މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކޮންމެ މެންބަރަކަށް އަނބުރާ ގޮނޑި ހޯދައިދެއްވާނެ ކަމަށެވެ. ނަމަވެސް މިއީ ވާނެ ކަމެއް ކަމަށް ގަބޫލުކުރާނީ މިއަދު ކިތައް މީހުން ބާވައެވެ.  ސަބަބުތައް ބައިވަރެވެ. އެގޮތުން އަމިއްލަ ގޮނޑި ދިފާޢު ނުކުރެވުނު ބޭފުޅަކަށް އެހެން މީހެއްގެ ގޮނޑި ދިފާޢު ކުރުމާއި އަދި ގޮނޑި ހޯދައި ދިނުމަށް މަސައްކަތް ކުރެވިދާނެ ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. އަދި ނުވެސް ކުރެވޭނެ އެވެ. އެހެން ނަމަވެސް ބަޔަކަށް ލަނޑެއް ދިނުމުގެ ގޮތުން ބޮލަށް ސަވާރުވެގެން ހުރެ އެފަދަ ދަޅައެއް ދައްކައިގެން ފޮނި ވާހަކަ ދެއްކިދާނެއެވެ. 

މިވާހަކަ ދެއްކެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ގޮނޑިއާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގޮނޑި ލިބިވަޑައިގަތުމުން އެގޮނޑި ދިފާޢު ކުރައްވަން އެނގިވަޑައި ނުގެންނެވި ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑިއަށް އިންތިޚާބު ވުމަށްފަހު އެގޮނޑި ނަޝީދަށް ގެއްލިގެން ދިޔައީ ވެލާނާގެއިން ވައްކަން ކުރި ކަމުގެ ކުށް ސާބިތުވެ، ދެ އަހަރާ ހަ މަހަށް އަރުވާލުމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.  އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގޮނޑި ގެއްލިގެން ދިޔައީ ފަނޑިޔާރަކު ވަގަށް ނެގުމާ ގުޅިގެން ފަނޑިޔާރު މިނިވަން ކުރުމަށް ގޮވާލާ ރައްޔިތުން ކުރި އާދޭސް ގަބޫލު ކުރަން ބޭނުންފުޅު ނުވުމުންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

އޭގެ ފަހުން ފަނޑިޔާރު ހައްޔަރުކުރި މައްސަލައިގައި ދައުވާ ކުރުމުން އަނދަގޮނޑީގައި އިނދެވޭނެ ކަމަށް ވިދާޅުވެ އެމައްސަލަ އަވަސްކޮށްދިނުމަށް ރައީސް ނަޝީދު ހުޅުމާލޭ ކޯޓުގައި އެދިވަޑައިގަތެވެ.  ނަމަވެސް އަނދަގޮނޑީގައި ޖެހުނުތާ އެންމެ ދިހަ މަސް ވީތަނުން އަނދަގޮނޑީގައި ނީނދެވޭނެ ކަމަށް ނަޝީދު ވިދާޅުވަނީ ވިދާޅުވެފައެވެ. އަދި ނަޝީދު އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވި އިރު، އެންމެން ވެސް ދަންނަ ހަގީގަތަކީ ނަޝީދު މިހާރު އިނގިރޭސިވިލާތުގައި ފުރޮޅުލީ ގޮނޑި ދުއްވާކަމެވެ. ކަންމިހެން ހުރި އިރު، ނަޝީދަކީ ލިބުނު ހުރިހާ ގޮނޑިއެއް ގެއްލިފައިވާ ބޭފުޅެއްކަން ވަރަށް ރަގަޅަށް އެބަ ހާމަވެއެވެ.  އެހެންކަމުން އަމިއްލަ ގޮނޑި ދިފާޢު ނުކުރެވުނު ބޭފުޅަކަށް އެހެން މީހަކަށް ގޮނޑި ދިފާޢުކޮށްދެވިދާނެކަން މިއީ އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ.

އެހެންކަމުން މަޖިލީހުގެ ގޮނޑިގެއްލޭ ބޭފުޅުންނަށް ގޮނޑި ހޯދައިދެއްވާނެ ކަމަށް ނަޝީދު އެވިދާޅުވާ ބަހުގެ މާނައަކީ، ގޮނޑި ގެއްލުނު ބޭފުޅުންނަށް އިނގިރޭސިވިލާތުން ފުރޮޅުލީ ގޮނޑި ހޯދައިދިނުން ކަމަށް ވުމީ ވެސް އެކަށީގެންވާ ކަމެކެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...