ޝަރުޢީ ކޯޓުތަކުގެ އިތުބާރު ނަގާލަން އެމްޑީޕީން މަސައްކަތްކޮށްފި

ކުރީގެ ރައީސް ނަޝީދު ކުރިމިނަލް ކޯޓަށް ވަދެ ވަޑައިނުގަތުމަށް ގަދަ ހައްދަވަނީ

ރާއްޖޭގެ ފަނޑިޔާރުގެ ތަކަށް ރައްޔިތުން ކުރަމުންދާ އިތުބާރު ނަގާލައި، އިދިކޮޅު އެމްޑިޕީން ޖުޑިޝަރީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެގެން އިއްވާފައިވާ ތޭރަ އަހަރުގެ ޖަލު ހުކުމަކީ ގާނޫނާ ޚިލާފަށް ކުރި ހުކުމެއް ކަމަށާއި، އެހުކުމްް ލިޔުއްވީ ފަނޑިޔާރަކު ނޫން ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން މިވަނީ ވިދާޅުވެފައެވެ.

ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި އެމްޑީޕީގެ ރޫޙާނީ ލީޑަރ މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ތޭރަ އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ފަނޑިޔާރުންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއްކޮށް، ކޯޓުތަކުގެ އިތުބާރު ގެއްލޭ ގޮތައް ވާހަކަ ދައްކާފައި މިވަނީ 33 އަހަަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަހުމަދު އަދީބު ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ނަޝީދުގެ ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވެފައިވަނީ ނަޝީދުގެ މައްޗަށް އިއްވި ހުކުމަކީ ފަނޑިޔާރަކު ލިޔުއްވި ހުކުމެއް ނޫން ކަމަށެވެ. އަދި ނަޝީދުގެ މައްޗަށް ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ގާނޫނާ ޚިލާފް އެއްވެސް އަމަލެއް ނަޝީދު ހިންގާފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

ހަސަން ލަތީފު ފަނޑިޔާރުންނާ މެދު މިހާބޮޑު ތުހުމަތެއް ކުރެއްވި އިރު، ނަޝީދުގެ ސަރުކާރުން އެމަނިކުފާނުގެ އޯޑަރަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށް 21 ދުވަސް ވަންދެން ގިރިފުށީގައި ބެހެއްޓިކަން މިއީ ދިވެހި ރައްޔިތުންނަށް އެނގޭ ބޮޑު ހަގީގަތެކެވެ. އަދި ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ނިންމާލަން ޖެހިވަޑައިގަތުމުގެ އެންމެ ބޮޑު ސަބަބަކަށް ވެގެން ދިޔައީ ވެސް ފަނޑިޔާރު ވަގަށް ނެގުމެވެ.  ހަސަން ލަތީފު މިހެން ވިދާޅުވި ނަމަވެސް އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ފަހު ނަޝީދު ވަނީ ކޯޓުގެ 100 ފޫޓާ ގާތަށް ވެސް އަބްދުﷲ މުހައްމަދަށް ވަޑައިނުގެންނެވޭނެ ކަމަށާއި، އަބްދުﷲ މުހައްމަދު މިނިވަން ނުކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މީގެއިތުރުން ނަޝީދު ވަނީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެވުނުކަން އެއީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި އެންމެ ދެރަވަރު ކަންތައް ކަމަށާއި، އެމައްސަލައިގައި ބޮޑު ހުކުމެއް އަންނާނެ ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެސް ވެފައެވެ. ނަމަވެސް ގާޒީއަކު ވަގަށް ނެގި ނެގުން އެއީ ނުވާކަމަކަށް ހަދަން ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ އިތުރުން މުޅި ދުނިޔެވެސް އެކަން ގަބޫލު ނުކުރާނެކަން ޔަގީނެވެ.

ނަޝީދުގެ އަނިޔާވެރި ވެރިކަމުގެ ތެރެއިން އުސް ފަސްގަނޑުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ ޖުޑިޝަރީ އިސްލާހު ކުރުމަށް ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ބައެއް ހިނދު ހިނދުކޮޅުގައި ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. ކަން މިހެން ހުރިއިރު، އަބްދުﷲ ގާޒީ ހައްޔަރުކުރީ ދުރާލާ ރޭވިގެންކަން ނަޝީދުގެ ވާހަކަތަކުން ވަރަށް ބޮޑަށް މިވަނީ ހާމަވެފައެވެ. 

އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެމަގާމުގައި ހުންނެވި ބޭފުޅަކު ފަނޑިޔާރަކު ހައްޔަރުކުރުމަކީ ވަރަށް ބޮޑު ކުށެއް ކަމަށާއި، އެމައްސަލައިގައި ދައުލަތުން ނަޝީދުގެ މައްޗަށް ކުރާނީ އެންމެ ބޮޑު ދައުވާކަމަށް ވިދާޅުވެ ނަޝީދު ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވުމުން ކަމަށް ވިދާޅުވެ ގާޒީ ހައްޔަރުކުރި ކަމަށް އަމިއްލަފުޅަށް އިއުތިފާރުވެސް ވެފައެވެ. 

މީގެއިތުރުން އަބްދުﷲ ގާޒީ ހައްޔަރުކުރި ކަމުގެ ކުށް ސާބިތުވެ ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ނަޝީދުގެ މައްޗަށް ކޯޓުން އިއްވި ހުކުމަކީ ނަޝީދު އެއްވެސް ކުށެއް ނުކޮށް ހުންނަވަނިކޮށް، ބޭއިންސާފުން އިއްވި ހުކުމެއް ކަމަށް ވަކީލުންގެ ޓީމުން ވިދާޅުވި ނަމަވެސް މިއަދުވެސް ސަރުކާރުގެ ފަރާތުން އެކަން ވަނީ ދޮގުކޮށްފައެވެ. އެގޮތުން ހޯމްމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ސަލީމް ވިދާޅުވީ ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ގާނޫނާ ޚިލާފަށް ނަޝީދު ހިންގި އަމަލުތަކުގެ ސަބަބުން ކަމަށެވެ.  އެގޮތުން އަބްދުﷲ ގާޒީ ހައްޔަރުކުރުމުން ގާޒީ މިނިވަން ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ގޮވާލުމުން، އަބްދުﷲ ގާޒީ މިނިވަން ނުކުރަންވެގެން އެންމެ ފަހުން ނަޝީދު މަގާމުން އިސްތިއުފާދެއްވީ ކަމަށް ސަލީމް ވިދާޅުވިއެވެ. 

އެހެންކަމުން މިހާ ސާފުކޮށް އެނގެން އޮތް ކަމެއްގައި ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށްޓަކާ ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ނަޝީދު ހުދު ފޮތިކޮޅަކަށް ހަދަން އުޅުނަސް އެކަން ރައްޔިތުން ގަބޫލެއް ނުކުރާނެއެވެ. ރައްޔިތުންގެ ލޯމައްޗަށް ފެނިގެން ދިޔަ މަންޒަރު އެއަށްވުރެ މާސާފެވެ. ތިމާ ބޭނުންވާ ގޮތައް ސިޔާސީ ލީޑަރުން ހައްޔަރުގައި ބައިތިއްބަން އެދުމުން ފަނޑިޔާރުގެއިން ބަންދުގެ މުއްދަތު ޖަހައި ނުދެއްވުމުން އެންމެ ފަހުން އެމްޑީޕީން ހެދި މަގުމަތީ ކޯޓުން އިއްވި ހުކުމެއް ތަންފީޒު ކުރުމަށްޓަކާ، ފުރަ މެންދަމު ބަރު ހަތިޔާރާއެކު ސަލާމަތީ ބާރުތައް މެދުވެރިކޮށް، ގާޒީ ހައްޔަރު ކުރީ ވަރަށް ހާމަކަންބޮޑު ގޮތަކަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު ތިމާއަށް މާމޮޅުކަމެއް ކުރެވުނޭހިތާ، ކޯޓާ ސަތޭކަ ފޫޓު ގާތަށް ވެސް ދެން އަބްދުﷲ ގާޒީއަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވިތާ މާގިނަ ދުވަހެއް ނުވަނީސް، ނަޝީދުގެ ޝަރީޢަތްފެށުމުން ނަޝީދު ވަނީ ކޯޓުދެކެ ގަންނާކުރައްވާ ބިރުން، ކޯޓާ ސަތޭކަ ފޫޓު ދުރަށް އަމިއްލަފުޅަށް ވެއްޓިގަނެ ޝަރީޢަތަށް ފިލަން މަސައްކަތް ކުރައްވާފައެވެ. އެހެންކަމުން އަބްދުﷲ މުހައްމަދު ހައްޔަރު ނުކުރާކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ނަޝީދުގެ ގާނޫނީ ޓީމުން އެކުރައްވާ މަސައްކަތަކީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމެކެވެ.  


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ކުއްޔަށް ހައްލެއް ބޭނުންތަ؟
Loading...