ކުއްލި ގޮތަކަށް ގާސިމް ގައުމުން ބޭރަށް ވަޑައިގަންނަވަން އުޅުއްވުމުން ސުވާލު އުފެދޭ: ޝައިނީ

ގާސިމް އިބްރާހީމް ހޮސްޕިޓަލުގައި އޮންނެވި އިރު، އަރިހުގައި ރައީސް މައުމޫން ހުއްޓިވަޑައިގެން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުއްލި ގޮތަކަށް އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަންނަވަން އުޅުއްވުމުން ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ގާސިމް އިބްރާހީމްގެ މައްޗަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީޢަތުގެ އަޑުއެހުން އިއްޔެ އަށް ތާވަލްކޮށްފައިވަނިކޮށް ކުއްލި ގޮތަކަށް ގާސިމް ހޮސްޕިޓަލުގައި އެނދުމަތިކުރުމާ ގުޅިގެންނެވެ.

ޗެނަލް ތާޓީންގެ ނިއުސް ޓޯކު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ކޯޓުގައި މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ދަނިކޮށް އެއްވެސް މީހަކަށް ކޯޓުގެ ހުއްދަ ނެތި ފުރައިގެން ނުދެވޭނެ ކަމަށެވެ. އަދި ހުއްދަ ނެތި ފުރައިގެން ދާން އުޅޭނަމަ ކަމާ ބެހޭ ފަރާތްތަކުން އެމީހަކު ހިފަހައްޓާނެ ކަމަށާއި، ހުއްދަ ނަގާފައިވާ ނަމަ އެމީހަކު ހުއްޓުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝައިނީ ވިދާޅުވިއެވެ. 

މިނިސްޓަރ ޝައިނީ ވިދާޅުވީ ގާސިމް އިބްރާހީމް ދައުލަތަށް ދައްކަންޖެހޭ 200 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެބަހުރި ކަމަށެވެ.  މިފައިސާ ނުދައްކާ ތިބެ، ވަކި ކަމެއް ކޮށްދޭމަތިން ފައިސާ ދޭނެ ކަމަށް ވިދާޅުވަމުންދަނީ ވެސް ހަމަ އެބޭފުޅުން ކަމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ.  މިނިސްޓަރ ވިދާޅުވީ ކޮންމެ މީހަކު ވެސް ގާނޫނާ ޚިލާފަށް އަމަލުކުރާ ނަމަ އެމީހަކަށް ހައްގު އަދަބު ލިބޭނެ ކަމަށާއި މިސަރުކާރުން ގާނޫނާއި ޚިލާފް ކަންތައްތަކަށް ހިއްވަރު ނުދެއްވާނެކަމަށެވެ. 
ަ
މީގެއިތުރުން ޝައިނީ ވިދާޅުވި ގޮތުގައި  ދައުލަތަށް ދުއިސައްތަ މިލިއަން ޑޮލަރު ދައްކަންޖެހިފައިވާ މީހަކު ކުއްލި ގޮތަކަށް ފުރައިގެން ދާން އުޅުމަކީ ބޮޑު މައްސަލައެކެވެ. އަދި ކުށް ކުރާ ކޮންމެ މީހަކު ކުށުން ބަރީޢަވުމަށް ރާއްޖެއިން ބޭރަށް ގޮސް ފިލާ ތިބެ ސަރުކާރަށް ދަތިކޮށް، ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. 

ތަފާތު ތިން ދައުވާއެއް ގާސިމްގެ މައްޗަށް އުފުލާފައިވާ އިރު، ގާސިމާ ދެކޮޅަށް އުފުލި ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލް ކުރި ދުވަހު ބަލިވެގެން ގާސިމް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އަދި ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަތުމުގެ މަސައްކަތް ފެށިއިރު، ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ފުރޭގޮތް ވަނީ ނުވެފައެވެ. މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެކަމާބެހޭ އިތުރު މައުލުމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ކުއްޔަށް ހައްލެއް ބޭނުންތަ؟
Loading...