އިންތިގާލީ ކެނޑިޑޭޓަކު ނެރުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގާ ވާހަކަފުޅުދައްކަވަނީ: ފޮޓޯ ވީ ނިއުސް

އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކާ ކޮންމެ ފަހަރަކު ވެސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދަނީ ސިޔާސީ ބައެއް އިސް ފަރާތްތަކެވެ. އެގޮތުން 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމުގައި ވެސް ހީލަތްތެރި ޑީލްތަކެއް ނަޝީދު ވަނީ ހައްދަވާފައެވެ. ހަމަ އެއުސޫލުން މިފަހަރުވެސް ނަޝީދުގެ މަކަރުވެރި ހީލަތްތެރި ރޭވުމުގެ ދަށުން ވެރިކަމަށް ވަޑައިގަތުމަށްޓަކާ ސިޔާސީ ލީޑަރުންގެ ނަމުގައި ތިއްބެވި ބައެއް ފަރާތްތަކާއެކު ވަނީ ޚިޔާލީ އެއްބަސްވުމެއް ވެފައެވެ.

އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނުގެ އޯޑަރަށް ފަނޑިޔާރަކު ވަގަށް ނަގައި ނިޒާމުން ގެއްލުވާލި މައްސަލައިގެ ކުށް ސާބިތުވެ ނަޝީދުގެ މައްޗަށް އިއްވާފައިވާ ތޭރަ އަހަރުގެ ޖަލު ހުކުމާއި ގުޅިގެން 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދައެއް ނުކުރެއްވޭނެއެވެ. ކަން މިހެން ހުރުމުން ވެރިކަމަށް ވަޑައިގަތުމަށް މަގު ފަހި ކުރެއްވުމުގެގޮތުން އިންތިގާލީ ކެންޑިޑޭޓަކު ނެރުމަށް ތާއީދު ކުރައްވާ ނަޝީދު ވަނީ ދާދިފަހުން މީޑިއާގައި ވާހަކަ ދައްކަވާފައެވެ.

މިކަން ނަޝީދު އިއުލާން ކުރެއްވިތާ ސައުވީސް ގަޑިއިރު ނުވަނީސް ނަޝީދު ވިދާޅުވި ކޮންމެ ކަމަކަށް މީގެކުރިންވެސް އެއްބަސްވެވަޑައިގެންފައިވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ކުފޫ ހަމަނުވާކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ އެކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ވަނީ ވެރިކަމަށް ވަޑައިގަތުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. މިކަމާ ގުޅިގެން ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުގެ ބޮޑެތި ފާޑުކިއުންތަކެއް ކުރީގެ ރައީސް މައުމޫނާއި ނަޝީދާ އަދި، ފުވާދަށް އަމާޒުވެގެން ދިޔައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހުމަދު ނިހާން ވިދާޅުވީ ނަޝީދަކީ ރައީސް މައުމޫނަށް ވަފާތެރި ބޭފުޅެއް ނޫން ކަމަށާއި، ދުވަހަކު ވެސް ހެވެއް ނޭދޭނެ ކަމަށެވެ. އަދި އިންތިގާލީ ކެންޑިޑޭޓުގެ ގޮތުގައި ނެރޭނެ ކަމަށް ބުނާ ފުވާދު ތައުފީގަކީ މީގެކުރިން ވެސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނަވައިގެން އެމްޑީޕީއާ އެކު އެތެރޭގެ ސިއްރު މަޝްވަރާތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ނިހާން ތުހުމަތު ކުރެއްވި އެވެ.

އިދިކޮޅު އިއްތިހާދުގެ އިންތިގާލީ ކެންޑިޑޭޓަކު ނެރުމާ ބެހޭ ގޮތުން ނިހާންގެ ވިސްނުން ފުޅު ހާމަކުރެއްވި އިރު، ސަރުކާރު ކޯލިޝަންގެ މިހާރު އެންމެ މަގުބޫލު ބޭފުޅެއްގެ ގޮތުގައި ހުންނެވި އެމްޑިޕީގެ ކުރީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެފައިވަނީ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ފުވާދު ތައުފީގު ނެރުމަކީ ސިޔާސީ ގޮތުން ފުވާދު ކަތިލުން ކަމަށެވެ. ނަޝީދުގެ ހަގީގަތް އެންމެ ރަގަޅަށް އެނގިވަޑައިގެން ހުންނެވި މޫސަ ވިދާޅުވި ގޮތުގައި ދައުރުގެ މެދުތެރެއިން ވެރިކަން ވައްޓާލަން މަސައްކަތް ކޮށްގެން ނުވާނެއެވެ. އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް ވެރިކަން ދޭނެ ކަމަށް ވިދާޅުވެ، މަކަރާ ހީލަތުން ޖަމީލަށް ރަން އިލޮށިން ކަދުރުކާންދީގެން އިނގިރޭސިވިލާތުގައި ބަހައްޓާފައިވާކަމަށް މޫސަ ވިދާޅުވިއެވެ.

2018 ގައި އިދިކޮޅުން އިންތިގާލީ ކެންޑިޑޭޓެއް ނެރުމާ ބެހޭ ގޮތުން ނަޝީދު ވާހަކަފުޅު ދެއްކެވި އިރު، 2008 ވަނަ އަހަަރު ކުރީގެ ރައިސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކާ ސަރުކާރާ ދެކޮޅަށް އޭރު ތިއްބެވި ފަރާތްތަކާ އެކު ވެސް އިންތިގާލީ ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވުމެއްހެދިއެވެ. މިއެއްބަސްވުމުގައި ދައުރުގެ މެދު ތެރެއިން ކޯލިޝަންގެ ލީޑަރުންގެ މެދުގައި އިންތިޚާބެއް ބޭއްވުމަށް ފަހު، ދައުރުގެ ބާކީ ދުވަސްތައް އިންތިޚާބު ކާމިޔާބުކުރައްވާ ފަރާތަކާއި ހަވާލުކުރަން ނިންމިއެވެ.

ނަތީޖާއެއްގެ ގޮތުން ވެރިކަން ބޭނުންވެގެން ތިއްބެވި ހުރިހާ ފަރާތްތަކުން ނަޝީދުގެ މި ދަޅަތަކަށް ހެއްލި އެފަހަރު ހެދި ކޯލިޝަންގެ ތެރެއިން ނަޝީދަށް ވެރިކަން ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން ފަހުން ދައުރުގެ މެދުތެރެއިން ބާއްވަން ނިންމި އިންތިޚާބުގެ ވާހަކައެއް ނުދެއްކެވިއެވެ. އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި މެދުތެރެއިން އިންތިޚާބެއް ބޭއްވުމާ ބެހޭ ގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު ނަޝީދާ ސުވާލު ކުރުމުން އެމަނިކުފާނު އެކަމަށް އެއްވެސް ޖަވާބެއްދެއްވާފައެއް ނުވެއެވެ. ނަމަވެސް ބަދަލުގައި އަރިހުގައި އިންނެވި ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެފައިވަނީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަކީ އެއީ ފަލްސަފާއެއް ކަމަށެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ވޯޓްލައްވަނީ

ދައުރުގެ މެދުތެރެއިން މަގާމުން އިސްތިއުފާދެއްވުމަށް ފަހު ނަޝީދު ދެން ވިދާޅުވަމުން ގެންދެވީ ދައުރުގެ ބާކީ އޮތް މުއްދަތު ފުރިހަމަކުރުމަށްޓަކާ ދެ އަހަރު ދުވަހަށް ވެރިކަމަށް އަނބުރާ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް. އެންމެ ފަހުން ވެރިކަމުގައި ހުންނަވައިގެން ފަނޑިޔާރަކު ވަގަށް ނެގި މައްސަލައިގައި އިއްވި ތޭރަ އަހަރުގެ ޖަލު ހުކުމުން ފިއްލެވުމަށް، އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލެވި، އިނގިރޭސީންގެ ހިމާޔަތް ހޯއްދަވައިގެން ހުންނަވާ، ނަޝީދު ވިދާޅުވަމުން ގެންދެވީ 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމްޑިޕީން ނުކުންނަވާނީ ނަޝީދު ކަމަށެވެ.

އަދި ނަޝީދަށް ބައިވެރިވެ ވަޑައިނުގެންނެވޭ އިންތިޚާބެއްގައި އެމްޑީޕީ ބައިވެރި ނުވާނެ ކަމަށް. ނަޝީދުގެ މިވާހަކަފުޅު ވެގެން ދިޔައީ އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރުމުގެ ފޮނި ހުވަފެންތައް ދެކެމުންދިޔަ ބޭފުޅުންގެ ހިތް ކުދިކުދިކޮށްލި ވާހަކަފުޅަކަށެވެ. އަދި އެއީ އެމްޑިޕީގެ ގިނަ މެންބަރުން ރުހޭ ގޮތަކަށް ވެސް ނުވިއެވެ. ނަޝީދުގެ ވިސްނުމާ ފިކުރު ހާމަކުރެއްވި އިރު، އެމްޑިޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމުގެ ވިސްނުންފުޅު އިބްރާހީމް މުހައްމަދު ސޯލިހުއާއި، އަބްދުﷲ ޝާހިދު ގެންގުޅުއްވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. 

ދުވަސްތަކަކަށް ފަހު މިވާހަކަތަކުގެ އަޑު މަޑުވެ، ނަޝީދު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުތައް އަވަސްވެ، މަހަކު ދެފަހަރު ލަންކާއަށް ދަތުރުފުޅުތައް ކުރައްވަން ފެއްޓެވިއެވެ. ލަންކާގައި ބާއްވާ ބައްދަލުވުންތަކަށް ފަހު، ދެން އިވިގެން ދިޔައީ އިދިކޮޅު ކޯލިޝަންގެ ފަރާތުން 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ނަޝީދަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް، ފޫގަޅައިގެން ހުންނެވި، އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސް، ފުވާދު ތައުފީގު ކަމަށެވެ.

ނަޝީދުގެ މިނިންމެވުން ގޯހެއް ނޫން. ސަބަބުތައް ބައިވަރެވެ. ތިމާއަށް މޮޅެއް ހޯދައިދިން މީހެއްގެ އަގު ވަޒަންކުރަންޖެހޭނެ. ވެރިކަމުގެ ތަޚުތައްވަޑައިގަތުމުގެ ހުވަފެންފުޅު އެންމެ ތުއްޕުޅު އިރުއްސުރެ ދެކެމުން ދިޔަ ނަޝީދަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް އަމިއްލަ އިއްޒަތާ ޝަރަފަށް ބެއްލެވުމެއް ނެތި، ރައްޔިތުންގެ ކުރިމަތީ ބޭޒާރުވި ބޭފުޅަކީ ފުވާދު ތައުފީގު ކަމާ މެދު އެއްވެސް ރައްޔިތަކު ދެބަހެއް ނުވާނެއެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ އެންމެ ފަހު ދުވަސްތައް ގުނަމުން ދިޔައިރު، ރަސްމީ ގަޑީގައި ކޮމިޝަންގައި އިންނަވައިގެން ބުރަ މަސައްކަތްތައް ކުރައްވަމުން، އަދި ނުރަސްމީ ގަޑީގައި އެމްޑިޕީގެ އިސްވެރިންގެ ބައްދަލުވުންތައް ފަޅުފިލުވަމުން ގެންދެވި އިރު އަނެއްކޮޅުން އަނބިކަނބަލުން އެމްޑިޕީގެ މުޒާހަރާތަކުގެ ޖަޑިބަކަށްވެގެން އުޅުނު މަންޒަރުވެސް ފެނިގެން ދިޔައެވެ. 

ކަން މިހެން ހުރި އިރު، 2013 ގެ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވެރިކަން ހޯދައި ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނަވައިގެން ފުވާދު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާ ގުޅިގެން ސްޕްރީމް ކޯޓުންނެރުނު އަމުރުތަކަށް ފުވާދު ވަނީ ތަކުރާރުކޮށް ގޮންޖަހާ ވަހަކަ ދައްކާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ފުވާދު ތައުފީގު ހިންގި ގާނޫނާއި ޚިލާފް އަމަލުތަކާ ގުޅިގެން 9 މާޗް 2014 ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އާއި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް، އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައެވެ. 

އަދި އެހުކުމާ އެކު ހަމަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި. ނަމަވެސް އެޙުކުމް ތަންފީޒު ކުރުން ތިން އަހަރު ދުވަހަށް ފަސްކުރަން ވެސް ސްޕްރީމް ކޯޓުން އެންގިއެވެ. އަދި އިންތިޚާބުގައި ވޯޓް ލުމުގެ ސުންގަޑި ކުޑަތަންވެފައި ވަނިކޮށް، އިންތިޚާބުގެ ސައްހަކަމާ މެދު ރައްޔިތުން ސުވާލު އުފެއްދުމުން، އެކަމުން ރެކިވަޑައިގަތުމަށްޓަކާ ނޫސްވެރިން އެއްކޮށް، އެންމެ ފަހުން ފުވާދު ދެބޯގެރިވެސް ދުއްވިއެވެ.

ފުވާދުގެ މިއަމަލުތަކުން ނަޝީދަށް ވެރިކަން ހޯދައިދިނުމަށް ކޮށްފައިވާ މަސައްކަތް ވަރަށް ރަގަޅަށް ހާމަވެއްޖެއެވެ. އެހެންކަމުން ދެބޯގެރި ދުއްވައިގެން ވެރިކަން ހޯދައިދިން މީހާއަށް ކަމެއް ކޮށްދިނުމުގެ ގޮތުން 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިންތިގާލީ ކެންޑިޑޭޓަކަށް ފުވާދު ތައުފީގު ހަމަޖައްސާ، ޓިކެޓް ދޭނެ ވާހަކަ ނަޝީދު މިވަނީ ވިދާޅުވެފައެވެ. ނަޝީދުގެ މި ގޮވާލެއްވުމަށް ހިތާ ރޫޙުން ތިމަންނާ މިހުރީ ތިކަމަށް ތައްޔާރަށޭ ވިދާޅުވެ، އަނެއްކާވެސް މީޑިއާތަކުގައި ފުވާދު ވަނީ ވާހަކަދައްކަވަން ފެއްޓެވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް، ފުވާދު ތައުފީގު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ފުވާދު މިހެން ވިދާޅުވި އިރު ފުވާދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ކުފޫ ހަމަނުވާ ބޭފުޅެއްކަމަށް ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމެވި ކަމެއް ހަނދާނެއް ނެތެވެ. ދައުލަތުގެ މުއައްސަސާއެއް ނުހިންގުނު މީހަކު ގައުމު ހިންގާނީ ކިހިނެއްބާވައެވެ. އަނެއްކޮޅުން ފުވާދުގެ މައްޗަށް އިއްވާފައިވާ ހުކުމަށް ބަލާއިރު، ތިން އަހަރު ފަހުން އެހުކުމް ތަންފީޒުކުރަންޖެހޭ ނަމަ، 2018 ގެ މާޗް 9 ގެ ފަހުން ފުވާދު ހަމަހަށް ޖަލަށް ވަޑައިގަންނަވަން ޖެހޭނެއެވެ. ނަޝީދަށް ވެރިކަން ލިބިވަޑައި ނުގަތުމުން ގައުމުން ބޭރަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި ފުވާދު ދާދި ފަހުން މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ލިބިއްޖެނަމަ އެކަން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އެހެންނަމަވެސް އެނބުރި ރާއްޖެ ވަޑައިގަތުން ރައްކާތެރި ނޫން ކަމަށާއި، ސަބަބަކީ ޖަލަށް ލާނެތީ. އެހެންކަމުން ނަޝީދަށް ވެރިކަން ހޯދައިދެން އުޅުއްވުމުން ފުވާދަށް މިފަދަ ބޮޑުއަނިޔާއެއް ލިބިފައިވަނިކޮށް، މިފަހަރު 2018 ގެ ރިޔާސީ އިންތިޚާބުގައި ވެރިކަމަށް ވަޑައިގަތުމަށް ނަޝީދު ގެންގުޅުއްވާ ދެ ބޯގެރިއަކަށް ފުވާދު ނުވާނެބާވައެވެ. 

މީގެއިތުރުން ފުވާދުގެ މައްޗަށް ސްޕްރީމް ކޯޓުން އިއްވާފައިވާ ހަމަސްދުވަހުގެ ޖަލު ހުކުމް އަންނަ އަހަރުގެ ކުރީކޮޅު ތަންފީޒު ކުރަންޖެހޭއިރު، ޖަލުގެ ތޭރިތަކުގެ ތެރެއަށް ދާ ކޮންމެ މީހަކީ ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންކުރާ ހަތިޔާރެއް ވެސްމެއެވެ. އެގޮތުން ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކާ ފުވާދު ތައުފީގު މިވަނީ ނަޝީދު ގެންގުޅުއްވާ ސިޔާސީ އެންގަނޑަކަށް ހަދާފައެވެ. ޖަލުގެ ތޭރިތަކުގެ ދަށަށް ވަންނަ ކޮންމެ މީހަކީ ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންކުރާ ހަތިޔާރެއްކަން މާޒީއަށް ބަލާއިރު ވަރަށް ސާފުކޮށް ފެންނަން ހުރިކަން ފާހަގަކޮށްލަންޖެހެއެވެ.

ވެރިކަމަށް ވަޑައިގަތުމަށްޓަކާ ނަޝީދު ސިޔާސީގޮތުން އެކިއެކި ދަންތުރަ ޖެހި ނަމަވެސް ހަގީގަތަކީ 2018 ގެ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަ ނުކުރެއްވޭނެކަމެވެ. އެހެންކަމުން އިންތިގާލީ ކެންޑިޑޭޓަކު ނެރުމަށް ނަޝީދު މަސައްކަތް ފަށާފައިވަނީ ނަޝީދުގެ މައްޗަށް އިއްވާފައިވާ ތޭރައަހަރުގެ ޖަލު ހުކުމުން މިންޖުވެ، ދައުރުގެ މެދު ތެރެއިން އިންތިޚާބެއް ބޭއްވުމުގެ ނިޔަތުގައި ކަމަށް ބެލެވެއެވެ. އަދި މިދިޔަ އޮކްޓޯބަރު މަހުގެ ވިހިވަނަ ދުވަހުގެރޭ ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު، ސްރީލަންކާގައި ތިބި އިދިކޮޅު ސިޔާސީ ފަރާތްތަކާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

އެގޮތުން ނަޝީދަށް ލިބިވަަޑައިގެންފައިވާ ތަޖުރިބާއާއި، ކަންކަން ދިމާވެފައިވާ ގޮތައް ބަލައި، އަދި ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެމްޑިޕީއާއި ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީގެ އިތުރުން އަދި ރައީސް މައުމޫނަށް ވެސް މި އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމުގެ ސާފު މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ކެންޑިޑޭޓެއް ނެރުމަކީ އެމްޑިޕީގެ ތެރެއިން ވެރިކަމަށް އައުމަށް ބޭނުންވެފައި ތިބި މީހުންނަށާއި، ޕާޓީއަށް ވެސް އެންމެ ރަގަޅު ގޮތް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު

އަދި ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ކުރެއްވި ދިރާސާއިން ނަޝީދާއި ނަޝީދުގެ ފަހަތްޕުޅުގައި ވެރިކަން ބޭނުންވެގެން އެނބުރެމުންދާ މީހުންނަށް 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވިއެވެ. ނަޝީދުގެ ސައިންޓިފިކް ހޯދުންތަކުން އަނބުރާ ވެރިކަމަށް ވަޑައިގަނެވެން ނެތް ކަމާއި، އަދި ފަހަތްޕުޅުގައި ވަހުތާނެއް ހެން އެނބުރޭ މީހުންނަށް ވެސް ވެރިކަމަށް ވަޑައިގަނެވެން ނެތްކަމަށް ޚުދު ނަޝީދުގެ އަނގައިން ބޭރުވެގެން ދިއުން މިއީ ހަމަ ޔަގީނުންވެސް ރައްޔިތުންނަށް ލިބިގެންދިޔަ އުފާވެރި ޚަބަރެކެވެ. ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ދިރާސާތައް ކުރައްވަމުންދާ، ނަޝީދުގެ ފަހަތްޕުޅުގައި އެނބުރެމުންދާ ބޭފުޅުންނަށް ބަލާއިރު، ނުޖޫމީ އިލްމުވެރިއަކާއި ނޭނގިހުއްޓައި ޑޮކްޓަރުކަން ލިބުނު ނުދަންނަ ބޭކަލަކާއި، ވެރިކަމުގެ ދަހިވެތި ކަމުގައި މާތްވެގެންވާ އިސްލާމް ދީން ހަތިޔާރަށް ހެދި ޢިލްމުވެރިއަކު ހިމެނެއެވެ.

ސައިންސާއި، ޓެކްނޮލޮޖީގެ ހޯދުންތަކުގެ އެހީގައި ފާލުބަލާ ރަމަލުޖަހަމުން ދާއިރުވެސް ނަޝީދުގެ ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން ރަމަލަށް ވެސް ނާރާ އެއްކަމެއް އެބައޮތެވެ. އެއީ ނަޝީދުގެ މައްޗަށް އިއްވާފައިވާ ތޭރަ އަހަރުގެ ޖަލު ހުކުމުން މިންޖުވެވޭނެ ދުވަހެވެ. 

ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ނަޝީދު ހެއްދެވި އެ ދިރާސާއަކީ ވަރަށް ރަގަޅު ދިރާސާއެކެވެ. އަބޫޖަހުލަކު ބުންޏަސް ތެދެއްވިއްޔާ ވާނީ ހަމަތެދަކަށެވެ. އިދިކޮޅު ފަރާތްތަކަށް 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެކަން ޔަގީންވުމުން، އިންތިގާލީ ކެނޑިޑޭޓެއް ނުވަތަ ވަގުތީ ކެންޑިޑޭޓެއް ނެރުމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ޕާޓީއަކުން ގޮތް ނިންމާކަށް ނުކެރުނެވެ. ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ނަޝީދު ބޭނުންކުރެއްވީ ވެސް ހަމަ މިކަހަލަ ތާކުންތާކު ނުޖެހޭ ސިޔާސަތެކެވެ.

2008 ވަނަ އަހަރު ނަޝީދު އެވިދާޅުވާ އިންތިގާލީ ކެންޑިޑޭޓަކު ނެރެން ވާހަކަ ދެއްކެވުމުން ރައީސް މައުމޫން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ނަޝީދަކީ ޔަހޫދީންނަށް ވިކިފައި ހުންނެވި ބޭފުޅެއް ކަމަށާއި، ނަޝީދަކީ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް މައުމޫން ވިދާޅުވިއެވެ. 

2008 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫން ނަޝީދު ސިފަވާ ގޮތް ހާމަކުރައްވާ ޑީއާރުޕީގެ ޖަލްސާއެއްގައި އެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި އިރު، 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ބިޔަބޮޑު ކޯލިޝަނެއް ހަދާފައި ވަނިކޮށް، އިންތިގާލީ ކެންޑިޑޭޓަކު ނެރުމަށް ތާއީދު ކުރައްވާ ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައީސް މައުމޫން ވަނީ އިންތިގާލީ ކެންޑިޑޭޓަކު ނެރެން އަދި މާ އަވަސް ކަމަށް ވިދާޅުވެފައެވެ. އަދި އެ ވާހަކަ އެއްގޮތަކަށް ވެސް ނުދައްކަވާ ކަމަށާއި، މިހާރު ދައްކަމުން ދަނީ ކުރަން ހުރި އެހެން މަސައްކަތްތަކުގެ ވާހަކަތައް ކަމަށް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫންގެ މި ވާހަކަފުޅާއެކު ނަޝީދު ވަރަށް ބޮޑަށް މާޔޫސްވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫންއާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު

މީގެއިތުރުން ވެރިކަމުގެ ދަހިވެތި ކަމުގައި ޖާނާ މާލު ގުރުބާންކޮށް، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ މިއަދުގެ ހާލަތަށް ބަލާއިރު، އެއް ހަރަކުން ފަސް ފަހަރަށް ކަށިޖެހުމުގެ ސަބަބުން ގާސިމް ވިހަވެއްޖެއެވެ. 2008 ގެ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވެރިކަން ހޯދައިދިނުމުގެ އިސް މޭސްތިރިއެއްގެ ގޮތުގައި ހުންނެވި ގާސިމް 2013 ގެ ރިޔާސީ އިންތިޚާބުގައި ނަޝީދާ ދެކޮޅަށް އަޑުއުފުލިއެވެ.

އެގޮތުން ގާސިމް އޭރު ވިދާޅުވެފައިވަނީ މުއުމިނެއްގެ ގައިގައި އެއް ހަރަކުން ދެފަހަރު ކަށި ނުޖެހޭނެ ކަމަށެވެ. އަދި ނަޝީދަށް ވެރިކަން ހޯދައިދެން ދުވަހަކު ވެސް މަސައްކަތް ނުކުރައްވާނެ ކަމަށާއި، އެދުވަހަކީ ނެތް ދުވަހެއް ކަމަށެވެ.

ގާސިމްގެ ބޮޑު ހިއްސާއަކާ އެކު ވެރިކަމަށް ވަޑައިގެން ނަޝީދު، ވެރިކަމުގެ 22 ދުވަސް ތެރޭގައި ގާސިމް ނަގާ އެއްލައިލިއެވެ. އަދި މާލީ ގޮތުން ގާސިމަށް ފިއްތުންތައް ކުރިމަތި ކުރުވަމުން ގޮސް މާލީ ގޮތުން ގާސިމް އެތައް އަހަރެއް ފަހަތަށް ޖައްސުވާލިއެވެ. ނަމަވެސް ވެރިކަމުގެ ދަހިވެތިކަން އޮތްލެއް ބޮޑުކަމުން އެދުވަހު ގާސިމާމެދު ނަޝީދު ކަންކުރެއްވި ގޮތާ މެދު މިއަދު ވިސްނާކަށް ބޭނުމެއްނުވިއެވެ.

ވެރިކަމުގެ ދަހިވެތި ކަމުގައި އިންތިގާލީ ކެންޑިޑޭޓަކު ނެރުމަށް ނަޝީދު ދައްކަވާ ވާހަކަތަކުގެ އަވާގައި ގާސިމް ވެސް ޖެހިއްޖެއެވެ. މާބޮޑު ބިޔަ ކޯލިޝަނެއް ހަދައިގެން މިއަދާ ހަމައަށް އައިރުވެސް 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބަދަލުގައި ކޮންމެ މީހަކު ވެސް ބަލަނީ އެކުގައި އުޅުނު ސިޔާސީ މިތުރުން މަރާފައިވިޔަސް ވެރިކަމަށް އާދެވޭތޯއެވެ. ކަން މިހެން ހުރިއިރު، ނަޝީދުގެ ވެރިކަމާ ދެކޮޅަށް ނުކުތް އިސްވެރިން މިިއަދު ނަޝީދު ޖެހި ހުރިހާ ދަންތުރައެއްގައި ބެދި އެއްބަޔަކު އަމިއްލައަށް ޖަލަށް ލެވި، ބާކީ ތިބި މީހުން ތިބީ އަމިއްލަ އަށް ގައުމުން ބޭރަށް އަރުވާލެވިގެންނެވެ.

ނަޝީދުގެ ވެރިކަމާ ދެކޮޅަށް ނުކުންނެވި އިސް ބޭފުޅުން ނަޝީދު ދެމި ގުއިރޯނުގައި ޖެހިއްޖެއެވެ. ނަޝީދަށް ފައިދާވާނެހާ ގޮތްތައް ބަލައިގެން ކަންކަން ނިންމަމުންދާއިރު، ހައްގު ބަސް ނުބުނެވޭހާ ދަށު ދަރަޖައަށް މިބޭފުޅުން ވެއްޓިގެން ތިބެ، ނަޝީދުގެ ކޮންމެ ނިންމެވުމަކަށް ބޯޖަހާލުން ފިޔަވައި ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަހަލައެވެ.

މީގެކުރިން އިންތިގާލީ ވެރިކަމާ އަދި ބަރުލަމާނީ ނިޒާމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ ނަޝީދަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅުން މިއަދު ތިއްބެވީ އިންތިގާލީ ކެންޑިޑޭޓަކު ނެރުމަށް ވެސް ރުހި ގަބޫލު ވެގެންނެވެ. ނަޝީދަށް އާރާ ބާރުތައް ލިބިވަޑައިގެން ދުވަހު ދިން އަނިޔާގެ ހަނދާންތައް ހުރި އެއްވެސް މީހަކު ނެތް ކަހަލައެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ސައްލާ ކުރުމަށް ޖަމާޢަތް ހަދައިގެން ގައުމުން ބޭރުގައި ހިންގާ ޖަރީމާތަކުގައި މިއަދު އެބައި މީހުންވެސް ބައިވެރިވެއެވެ.

އިނގިރޭސި ވިލާތުގައި އެމްޔޫއޯގެ ނަމުގައި އުފަން ކުރުވި ޖަމާޢަތް، އުފަންކުރިތާ މާގިނަ ދުވަހެއް ނުވަނީސް އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ފަޅިފަޅިވެ، އެކީ މީހުން އެކިތަނަށް ބައިވެގެން ގޮސްއެކަން ވެސް ނިމިއްޖެއެވެ. އެގޮތުން އެމްޔޫއޯގެ ނައިބް ލީޑަރުކަމުގައި ހުންނެވި އަލީ ވަހީދު ވަނީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ. ސިޔާސީ ޕޯޑިއަމްތަކަށް އަރުވަން ރައީސް މައުމޫން ފައްކާކުރި އަލީ ވަހީދު ޑީއާރުޕީގައި ހުންނަވައިގެން ރައީސް ނަޝީދަށް އެކި މަޖިލިސްތަކުގައި ހުތުރު ބަސްތައް ވިދާޅުވަމުން ގޮސް އެންމެ ފަހުން ނަޝީދަށް ބައިޢަތު ހިފުމަށް ފަހު، ނަޝީދަށް ވެސް ދޯކާ ދިނެވެ.

އަދި އެމްޑީޕީގެ ޖަގަހައިގައި ރައީސް މައުމޫނަށް ތައުރީފުކޮށް، ހަދާފައިވާ ތިޔައީ ޒައީމޭ ލަވަ ޖަހަންޖެހޭ ހިސާބަށް އަދި ނުދާކަމަށް ވިދާޅުވެ އަލީ ވަހީދުގެ އުދާސްތައް ބަންޑުންކޮށްލި އެވެ. އޭނާ ވިދާޅުވި ގޮތުގައި 2018ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ނެރެންވާނީ ގައުމީ ކެންޑިޑޭޓެކެވެ. ނަޝީދަކީ އަޚުލާގީ ގޮތުން ކޮން ފެންވަރެއްގެ ބޭފުޅެއްކަން އަލީ ވަހީދަށް ވަރަށް ސާފުކޮށް އެނގޭނެއެވެ. އެގޮތުން ހަފްތާގެ ހަތް ދުވަހު ނަޝީދު އުޅުއްވާނެ ގޮތް ރައްޔިތުންނަށް ސާފްކޮށްދެއްވި ބޭފުޅަކީވެސް އަލީ ވަހީދެވެ. 

މީގެއިތުރުން ގާނޫނު އަސާސީގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ، ވެރިކަމުގެ ދަހިވެތި ކަމުގައި ބަޔަކު މީހުން ރާއްޖޭގައި އުފެއްދި ބޮޑު ކޯލިޝަން ވެސް ބޮނޑު ނަގުލަށް ގޮސްފައިވާ އިރު، ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރެއިން ބަސްބުނަން މިހާރު ހުރީ އެންމެ ލީޑަރެކެވެ. އެގޮތުން އެމްޑިޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތޭރައަހަރުގެ ޖަލު ހުކުމާއެކު އަމިއްލަފުޅަށް ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވެސް ވަނީ ހުކުމާއެކު ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ގައުމުން ބޭރަށް ވަޑައިގެން އުޅުއްވަނީ ފިއްލަވައިގެންނެވެ.

އަދި އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް އިއްވި ހުކުމާއި އޭނާ ގެންދަވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން. އެހެންކަމުން ބިޔަ ބޮޑު ކޯލިޝަން ހިންގަން ހަރުގެއާއި ކުނޫޒާ ދެމެދު ގަން ހިންގުވަން މައުމޫން ބަހައްޓައިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއް ނުފެނުނު. ތިރީސް އަހަރު ގައުމުގެ ހުންގާނުގައި ހުންނެވި ތަޖުރިބާކާރު ބޭފުޅަކު އަމަލުކުރައްވަމުން ގެންދަވަނީ އެންމެ ތިން އަހަރު ދުވަހު ގައުމު ފަނާކުރި ބޭފުޅެއްގެ ލަފާފުޅާއެކުއެވެ.

އެހެންކަމުން ރައީސް މައުމޫން ސިޔާސީ ގޮތުން ބަލިކަށިވެފައިވާ މިންވަރު މިކަމުން ވަރަށް ރަގަޅަށް ވަނީ ހާމަވެފައެވެ. ނަޝީދު ދެމި ގުއިރޯނުގައި ރައީސް މައުމޫން ޖެހިވަޑައިގެން ނަޝީދަށް ވެރިކަން ހޯދައިދިނުމަށްޓަކާ މުސްކުޅި ވީ ދުވަހު މައުމޫން މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، ނަޝީދުގެ ވެރިކަމުގައި މައްޗަންގޮޅި ކިނބިގަސްދަށުގެ ދައުލަތަށް ނެގި ހަނދާންވެސް މިހާރު ނެތް ކަހަލައެވެ. ރައީސް މައުމޫންގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ނަޝީދުގެ އޯޑަރަށް ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ކުރިމަތީ ރަތްދޫލަ އަޅައިގެންތިބެ، މާލޭ ސިޓީ ކައުންސިލުން ކިނބިގަސްދޮށުގެ ދައުލަތަށް ނަގަން ނިންމި ދުވަސް ހަމަ ގައިމުވެސް ރައްޔިތުން ހަނދާން އެބަހުއްޓެވެ.

އާރާ ބާރުގައި ގައުމު ހިންގަން ލިބިވަޑައިގެންނެވި ފުރުސަތުގައި އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވުމަށް ފަހު، ބަޣާވާތުގެ މޭސްތިރިއަކީ ރައީސް މައުމޫން ކަމަށް ވިދާޅުވެ، އޭރު ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނުކުމެ މާލޭގައި ހިންގި ހުރިހާ ޖަރީމާއެއްގެ ފަހަތުގައި ހުންނެވީ ނަޝީދުކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ. އެގޮތުން ގާނޫނާ ޚިލާފް އެއްވުންތަކަށް ގޮވާލާ، އެއްވާނެ މަގުތައް ކަނޑައެޅުއްވީ ނަޝީދެވެ.

އެގޮތުން ގައުމު ހަލާކުކޮށް ދައުލަތާ ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަށް ނުކުތް މީހުން ހިނގާނެ މަގު ދެއްކެވީ ވެސް ނަޝީދެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެއީ ސައްޙަ ސީދާ މަގެވެ. މިއުންމަތަށް ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އީމާންތެރިކަންމަތީ ދެމިހުރި ކޮންމެ މުސްލިމަކަށް ސީދާ ސައްހަ މަގަކީ ކޮބައިކަން އެނގޭއިރު، ނަޝީދަށް ސީދާ ސައްހަ މަގު އެނގިވަޑައި ނުގަތުމަކީ މުސްލިމު ގައުމެއްގެ ވެރިކަމަށް ކުފޫ ހަމަނުވާކަން ދޭހަކޮށްދިން ކަމެކެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި ހިންގި ގާނޫނާ ޚިލާފް އަމަލުތަކާ ގުޅިގެން މަތިމައްޗަށް ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ ނަޝީދު، މިފަހަރު ވެރިކަމަށް ވަޑައިގަތުމަށްޓަކާ ދެބޯގެރި ދުއްވައި ދިން ފުވާދު ތައުފީގު ގުރުބާންކުރި ނަމަވެސް ނަޝީދަށް ވެރިކަމަށް ވަޑައިގަނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ސިޔާސީ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.

އަދި މިފަހަރުގެ އިންތިޚާބުގައި ވެސް ފުވާދަށް އޮތީ ހަމައެކަނި ދެބޯގެރި ދުއްވައިދިނުން ކަމަށާއި، ވަގުތު ޖެހުމުން ނަޝީދަށް ދެބޯގެރި ދުއްވައިދިން މީހާ ވެސް ނަގާ އެއްލައިލާނެ ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

ނަޝީދުގެ ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ހެދި ދިރާސާއިން ހާމަކުރައްވާފައި ނުވި ނަމަވެސް ކުރިއެކޭ އެއް އުސޫލުން ފުވާދު ތައުފީގުލައްވާ ދެބޯގެރި ދުއްވުމުން މިފަހަރުވެސް ކުށުގެ ކަށިމާފައްޗަށް އަނެއްކާވެސް ކަށިމަލެއް ފުވާދުގެ ކަރަށް އިތުރުވެގެންދާނެ ކަމަށް ވެސް މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...