ކަޅުސައި ބުއިމުން ލިބޭ ފައިދާތައް ވަރަަށް ގިނަ!

ކަޅުސައި.

ކަޅުސަޔަކީ ދިވެހިންނާއި ވަަރަށް ގާތް، އަދި ދިވެހިންގެ ސުފުރާތަކާއި އެންމެ ރައްޓެހި ބުއިމޭ ބުނުމުން އެއްވެސް މީހަކު މިކަމާ ދެކޮޅު ނުހަދާނެކަން ޔަގީނެވެ. ފަހަކަށް އައިސް އެކި ބާވަތްތަކުގެ ކޮފީގެ ރަހަތައް ދިވެހިންގެ މެދުގައި މަގްބޫލް ވަމުން އަންނަ މިންވަރު އިތުރު ވިޔަސް ކަޅުސަޔަށް ލޯބި ކުރާ ދިވެހިންގެ އަދަދު މަދެކޭ ދެންނެވޭކަށް ނޯންނާނެއެވެ. މީރުކަމުން ކަޅު ސައި ބުއިމަށް ލޯބިކުރާ ގިނަ ދިވެހިންނަށް ސިއްހީ ގޮތުން ކަޅު ސައިން ލިބޭ ފައިދާތައް ރަނގަޅަށް އެނގޭހެނެއް ހިއެއް ނުވެއެވެ. މިލިޔުމުގައި މިހިމަނާލަނީ ކަޅުސައިން ލިބޭ ބައެއް ފައިދާތަކެވެ.


ކަޅުސައި ބުއިމަކީ، ދަތް ފަނިކެމާއި، ދަތްތައް ހަޑިވުމުން ދުރުކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. ކަޅުސައި ބުއިމުން ދަތްފަނި ކެއުމުން ދުރުކޮށްދީ، ދަތްތަކުގައި ޖަރާސީމު އުފެދުމުން ދުރުކޮށްދެނީ ކަޅުސައިގައި އެކުލެވިގެންވާ "ޕޮލިފެނޮލް" ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. މިމާއްދާއަކީ ދަތުގައި އުފެދޭ ބެކްޓީރިޔާ ނައްތާލާ އެއްޗެކެވެ.


ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި، ދުވާލަކު 3 ނުވަތަ އެއަށްވުރެ ގިނައިން ކަޅުސައި ބޯ މީހުން ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ. އަދި ސްޓްރޯކް ފަދަ ނުރައްކާތެރި މައްސަލަތައް އާއްމުކޮށް ކަޅު ސައިބޯ މީހުންނަށް ދިމާނުވާ ކަމަށްވެސް ދިރާސާއިން ވަނީ ދައްކާފައެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެބައްޔެއް ޖެހިދާނެތީ އެންމެ ކަންބޮޑުވާ އެއް ބައްޔަކީ ކެންސަރެވެ. އާއްމުކޮށް ކަޅުސައި ބުއިމަކީ ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ސިއްހީ މާހިރުން ބުނާގޮތުގައި ކަޅުސައިގައި އެކުލެވިގެންވާ ޕޮލިފެނޮލް އަދި ކަޓެޗިން ފަދަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ބައެއް ވައްތަރުގެ ކެންސަރު ބަލި ޖެހުމުން ދުރުކޮށްދޭ ކަމަށެވެ.


ކަޅުސައިން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި ކަށި ވަރުގަދަކޮށްދިނުން ހިމެނެއެވެ. ކަޅުސައިގެ ސަބަބުން ގައިގެ ކަށި ވަރުގަދަކޮށްދެނީ، އޭގައި އެކުލެވިގެންވާ ފައިޓޯކެމިކަލްގެ ސަބަބުން ކަމަށް ސިއްހީ މާހިރުން މައުލޫމާތުދެއެވެ.


ކަޅުސައިން ލިބޭ ފައިދާތައް މިހާހިސާބުން ނިމުނީކީ ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި އާއްމުކޮށް ކަޅު ސައި ބުއިމަކީ، ފިކުރު ކުރުމުން ދުރުކޮށްދީ މީހާއަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. އާއްމުކޮށް ކަޅުސައިބޯ މީީހުންނަކީ، އެހެން މީހުންނަށްވުރެ އުފާވެރި މީހުން ކަމަށް ފާހަގަކުރެވެނީ އެހެންވެގެން ކަމަށް ވެދާނެ ނޫންހެއްޔެވެ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...