ރާއްޖޭގައި އޮންނަ ގާނޫނީ ސަރުކާރު ވައްޓާލުމަކީ ކެރަފާ ޢާއިލާއަށް ޖެހިފައިވާ ބައްޔެއް: ސަލީމް

ހޯމްމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަހުމަދު ސަލީމް

ރާއްޖޭގައި އެއިރެއްގައި އުފެދިފައި އޮންނަ ގާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމަކީ ކެރަފާ އާއިލާއަށް ޖެހިފައިވާ ބައްޔެއް ކަމަށް ހޯމްމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. 

ޗެނަލް ތާޓީނުން ގެނެސްދޭ ނަނާ ހުވަފެން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު ސަލީމް ވިދާޅުވީ ރާއްޖޭގައި ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމަކީ ޒަމާނުއްސުރެ ކެރަފާ އާއިލާއިން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެއީ އެ އާއިލާއަށް ޖެހިފައިވާ ބައްޔެއްގެ ގޮތުގައި ސަލީމް ސިފަކުރެއްވިއެވެ. ސަލީމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކާފާފުޅުން ފެށިގެން މިއަދާ ހަމައަށް ވެސް ކެރަފާ އާއިލާއިން ރާއްޖޭގެ ވެރިކަމާ ތޮޅެމުންދާ ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް ކެރަފާ އާއިލާއިން ބޮޑެތި ޖަރީމާތައް ހިންގާފައިވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަވަހަރާކޮށްލުމަށް މަސައްކަތް ކުރިކަމަށް ވެސް އޭނާ ތުހުމަތު ކުރައްވާފައި ވެއެވެ. 

މީގެއިތުރުން ސަލީމް ވިދާޅުވީ ގައުމެއްގައި އޮންނަ ގާނޫނީ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރުމުން އެކަމަށް އަދަބު ނުދޭ އެއްވެސް ގައުމެއް ދުނިޔޭގައި ނެތް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނީ ވެރިކަން ބަދަލު ކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ޔަހޫދީންގެ އެހީ ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ނަޝީދަކީ ފެށުނީއްސުރެ ހުޅަނގުގެ ޔަހޫދީންގެ އެހީގައި ދިރިއުޅެމުންދާ ބޭފުޅެއް ކަމަށެވެ.  ސަލީމް ވިދާޅުވީ ރާއްޖޭގެ ވެރިކަމާ ތޮޅޭ ބަޔަކު އަބަދުވެސް ބޭރުގެ އެހީ ހޯދައިގެން ރާއްޖެއާ ހަނގުރާ ކުރަމުންދާ ކަމަށާއި، އެގޮތުން ރައީސް ނަޝީދުގެ އިތުރުން މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުން ވެސް ބޭރުގެ އެހީ ހޯދައިގެން ރާއްޖެއާ ހަނގުރާމަކޮށްފައިވާ ކަމަށް ދިވެހި ތާރީޚުން ފެންނަން އެބަހުރި ކަމަށް ސަލީމް ވިދާޅުވިއެވެ.    


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...