އައްޑޫ ސިޓީގެ ތަރައްގީއަށް ޕީޕިއެމްގެ ސަރުކާރުން ވަނީ 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައި - ރައީސް

ޕީޕީއެމް އިން ބޭއްވި "ތައްޔާރު" ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ނާސިފް

މާލެ ފިޔަވާ ރާއްޖޭގެ އެއްމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ ތަރައްގީއަށް ޕީޕިއެމްގެ ސަރުކާރުން 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތައް ގުޅިގެން "ތައްޔާރު" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވީ، އައްޑޫ ސިޓީގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ފަތުއަޑު ކިޔާފައި ކުރިއަށްދާ ކަމަށާއި، އެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އަދި އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން ހޭދަކުރި 1.5 ބިލިއަން ރުފިޔާގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުން ކުރި ހޭދަ ނުހިމެނޭނެ ކަމަށާއި، އެ ޚަރަދުތައް އެއްކޮށްފިނަމަ އެތައް ބިލިއަން ރުފިޔާއަކަށް އަރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަރައްގީ ގޮތުން އައްޑޫގެ ރައްޔިތުން ބޭނުންވާ އިތުރު މަޝްރޫއުތައްވެސް މި ސަރުކާރުން ފުރިހަމަކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫ ތަރައްގީ ކުރެވޭނެތޯ އަހާ އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާ ކަމަށާއި، އެ ސުވާލު އުފެއްދުމުން ސާބިތުވެގެންދަނީ ކުރީގެ ސަރުކާރު ތަކުން އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށް އެފަރާތްތަކުން އިއުތިރާފުވާތީ ކަމަށް ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީ ތަރައްގީ ކުރެވިދާނެތޯ އިދިކޮޅު ފަރާތްތަކުން ސުވާލު ކުރަނީ، އައްޑޫ ސިޓީ ތަރައްގީ ކުރުމުގެ ގާބިލްކަން އެ މަނިކުފާނުގެ ކިބައިގައި ހުރިކަން އެފަރާތްތަކުން ގަބޫލު ކުރާތީ ކަމަށާއި، އައްޑޫ ސިޓީގެ ތަރައްގީއަށް މިސަރުކާރުން ހޭދަކުރި އަދަދާއި ގާތް ކުރާ އަދަދެއް ވެސް ކުރީގެ ސަރުކާރުތަކުން އައްޑޫއަށް ކޮށްފައިނުވާއިރު، އެފަދަ ޚަރަދެއް ކުރި ކަމަށް ކުރީގެ ސަރުކާރުތަކުގެ ބޭފުޅަކަށް ވިދާޅުވާންވެސް ނުކެރޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.


 

ޕީޕީއެމްގެ މުސްތަޝާރު އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް

 


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި ކޮންވެންޝަން ސެންޓަރެއް ހެދުމަކީ ކުރި ބޭކާރު ހަރަދެއް ކަމަށާއި، ކޮންވެންޝަން ސެންޓަރު ހެދުމަށް ކުރި ހަރަދަކީ، އައްޑޫ ސިޓީގެ ފެނާއި ކަރަންޓާއި ނަރުދަމާ ގާއިމް ކުރުމަށް ބޭނުން ކުރެވޭނެހާ ގިނަ ފައިސާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެތަކެއް ސަތޭކަ މިލިއަން ރުފިޔާ ހަރަދުކޮށްގެން ބިނާ ކުރި އިމާރާތެއްގައި ބޭއްވުނީ ހަމައެކަނި ޖަލްސާއެއް ކަމަށާއި އެހާބޮޑު ހޭދައެއް ކޮށްގެން ހެދި އިމާރާތެއްގައި ސާކް ސަމިޓް ނިމުނު ފަހުން އެއްވެސް ބޭނުމެއް ހިފުނުތޯ ވިދާޅުވެ އައްޑު އަތޮޅުގެ ރައްޔިތުންނާއި އެކަން ކުރި އެމްޑީޕީގެ ބޭފުޅުންނާ ރައީސް ވަނީ ސުވާލު ކުރައްވާފައެވެ.

ކާނިވާ ސަރަހައްދު ފުރެންދެން މީހުން ޖަމާވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަކީ މި ސަރުކާރަށް ހަތަރު އަހަރު ފުރޭ ދުވަސް ކަމަށާއި، އެ އުފާވެރި ދުވަހު ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ރޭގެ ޖަލްސާގައި ބައްދަލު ކުރެއްވީ ޕީޕީއެމްގެ މުސްތަޝާރުގެ ހައިސިއްޔަތުން ކަމަށާއި އެހެން ނަމަވެސް އުފާވެރި ހަބަރުތަކަކާ އެކު އެދުވަހު ބައްދަލު ކުރައްވާނީ ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...