ތެލެސީމިއާ ތަމްރީނު ހޯދުމަށް ސައިޕްރަސްއަށްދާ ބޭފުޅުންނަށް ސެޓިފިކެޓް ހަވާލުކޮށްފި

ރާއްޖޭގައި ދެވޭ ތެލެސީމިއާ ބަލީގެ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސިއްހީ ދާއިރާގެ 5 ބޭފުޅަކު ތަމްރީނު ހޯދުމަށް ސައިޕްރަސް އަށް ފޮނުވަން މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ.


ތެލެސީމިއާ އިންޓްނޭޝަނަލް ފެޑަރޭޝަނާއި ސައިޕްރަސްއާއި ދިވެހި ސަރުކާރު ގުޅިގެން ތެލެސީމިއާގެ ފަރުވާ އިތުރަށް ހަރުދަނާ ކުރުމަށް ފަށާފައިވާ "ޓްރައިލެޓަރަލް ކޯލަބޮރޭޝަން ފޯ ދަ ޕްރިވެންޝަން އެންޑް މެނޭޖްމެންޓް އޮފް ތެލެސީމިއާ އިންދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން 5 ބޭފުޅުކަށް ތަމްރީނު ދިނުމަށް ހަމަޖެހިފައި ވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.


މިއަދު ހެލްތް މިނިސްޓްރީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި، ތަމްރީނު ހާސިލް ކުރުމަށް ސައިޕްރަސް އަށް ފޮނުވަން ނިންމާފައިވާ 5 ބޭފުޅުންނަށް ވަނީ އެކަމާ ގުޅޭ ސެޓިފިކެޓު ހަވާލު ކޮށްފައެވެ.


މިއަދު ބޭއްވި މި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓާރ އަބްދުﷲ ނާޒިމް، ވިދާޅުވީ ސައިޕްރަސް އަކީ ތެލެސީމިއާގެ ފަރުވާ ވަރަށް ރަނގަޅަށް ދެވެމުން އަންނަ ގައުމެއް ކަމަށާއި އެގައުމުން ދަސް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް ހުރި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.


ހެލްތު މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ސައިޕްރަސް އަށް ފޮނުވަން ހަމަޖެހިފައިވާ ފަސްބޭފުޅުންނަކީ، އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް އިން މެޑިސިން ޑރ. މަރިޔަމް ނިޔާޒް، ޑރ. އަބްދުލް އަޒީޒް ހަމީދު، މޯލްޑިވިއަން ބްލަޑްސާވިސެސްގެ ސީނިއާ ލެބޯރިޓަރީ ޓެކްނޮލޮޖިސްޓް ޝިޔާމާ ނަޒީމް، އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް އިން ޕީޑިއެޓްރިކްސް ޑރ. އަހްމަދު ފައިސަލްގެ އިތުރުން މޯލްޑިވްސް ބްލަޑްސާރވިސެސްގެ ޑރ. އަހްމަދު އުމަރުއެވެ.


10 ދުވަހުގެ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް،ހަމަޖެހިފައިވާ ފަސް ބޭފުޅުން ސައިޕްރަސްއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...