ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް އަމުރުކޮށްފި

ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ހައިކޯޓުން އަމުރު ނެރެފިއެވެ.

މޮނިކޮން އަމުރުގެ ދަށުން ޓެގް އަޅުވަން ޖެހޭނެ ކަމަށް ކޮމެޓީއިން ފާސްކުރި ނުވަ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެފައިވާ ކަމަށް މައުލޫމާތު ލިބުނު ނަމަވެސް އެކަން އެއްވެސް ރަސްމީ ފަރާތުން ކަށަވަރެއް ކޮށްދީފައިނުވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މޮނިކޮން އަމުރު ތަންފީޒުކުރުމަށްޓަކައި ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އިތުރު ތަފުސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މޮނިކޮން އަމުރު މީހެއްގެ މައްޗަށް ނެރުމަށް އެދި ހައި ކޯޓަށް ހުށަހެޅުމުގެ ބާރު ދީފައި ވަނީ ދާހިލީ ވުޒާރާ ހިންގަވާ، ވަޒީރަށެވެ. އަދި އެ ގާނޫނުގައި ބުނާ ގޮތުން އެ އަމުރުގައިވާ ކަންތައްތަކަށް ބަދަލު ގެނައުމަށް ކޯޓަށް ހުށަހެޅޭނީ ވެސް ހޯމް މިނިސްޓަރަށެވެ. މޮނިކޮން އަމުރު ހިނގަހިނގާ ހުންނަ ކޮންމެ ވަގުތެއްގައި ވެސް އެ އަމުރު ހުއްޓާލުމުގެ ބާރު ވެސް ދީފައި ވަނީ ހޯމް މިނިސްޓަރަށްކަން ފާހަގަކޮށްލެވެއެވެ.

މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާ ފަރާތްތައް ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުމާއި ހޯމް މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި، އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ އިތުރުން އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގާ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަކޮށް ކޮންޓްރޯލްކުރުން ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...