ގެދޮރު އެޅުމަށް ލޯނު ދޫކުރުމަށް މިހާރަށްވުރެ ލުއި ގޮތްތަކެއް ހޯދައިދޭނަން: މުޢިއްޒު

ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު: ފޮޓޯ އަވަސް

އާންމު ފަރާތްތަކަށް ހައުސިން ލޯނު ދިނުމަށްޓަކާ މިހާރަށް ވުރެ ލުއި ގޮތްތަކެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.  

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައުސިން ލޯނު ބޭނުންވާ ފަރާތްތަކަށް ވީހާވެސް ލުއިވާނެ ގޮތަކަށް ލޯނު ދޫކުރުމުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި ފައިނޭންޝަލް އެކްސްޕޯގެ ސަބަބުން އެދާއިރާގައި ހުރި ފުރުސަތުތަކުގެ ބޭނުން ވީހާވެސް ބޮޑަށް ރައްޔިތުންނަށް ހިފޭނެ ގޮތް މެދުވެރިވުމުން، ކުރިއަށް އޮތްތަނުގައި ގެދޮރުވެރިކަން ހޯދުމަށް އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.


މިނިސްޓަރ މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މާލޭގައި އިތުރު ފްލެޓްތައް އެޅުމަށް ނިންމާފައިވާ ކަމަށް. އަދި ހުޅުމާލޭގައިވެސް ސޯސަލް ހައުސިން ޔުނިޓުތައް އެޅިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިމަހުގެ ހަ ވަނަ ދުވަހު ދަރުބާރު ގޭގައި ވަނީ ފަށާފައެވެ. އެކްސްޕޯގެ މައިގަނޑު މަގުސަދަކީ އާއްމުންގެ މެދުގައި މާލީ އަދި އިގްތިސާދީ ކަންކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި، އާއްމުންނާއި މާލީ އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގު ފަހި ކުރުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. މި އެކްސްޕޯގައި ގެދޮރު ގަތުމަށާއި، އަމިއްލަ ފަރާތްތަކުގެ ބިންތައް އިމާރާތްކުރުމަށް ހުރި ފުރުސަތުތަކާއި، އަދި އެފަރާތްތަކަށް ފައިނޭންސް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު، ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން އެކްސްޕޯގެ ތެރެއިން ސެމިނާތައްވެސް ކުރިޔަށްދާ އިރު، އެކްސްޕޯގައި ބައިވެރިވެފައިވާ ބައެއް ބައިވެރިންގެ އާ ޚިދުމަތްތަކާއި ޕްރޮޑަކްޓްތައް ލޯންޗުކުރުމަށް ވެސް  ހަމަޖެހިފަވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ކުއްޔަށް ހައްލެއް ބޭނުންތަ؟
Loading...