ނަދީމްގެ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފި
ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަޙްމާން މަރާލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ނަދީމުގެ މަރުގެ މައްސަލައާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ، ނަދީމް މަރާލިމައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަރީއަތަށް ފޮނުވާފައިވާކަމަށެވެ.
އެ މައްސަލާއާއި ގުޅިގެން މިދިޔަ ބުދަ ދުވަހު ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަމު ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ސާމިހުގެ އިތުރުން ކުޑަކުއްޖެއްގެ މައްޗަށް. އޭގެ ތެރެއިން އެކަކަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، ބާކީ ތިބި ތިން މީހުންނަށް ކުރަނީ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ސާމިހު ވިދާޅުވީ މިއެންމެންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ. ނަމަވެސް ނަދީމަކީ ކުށުގެ ރެކޯޑް އޮތް މީހެއް ނޫންކަން ސާމިހު ފާހަގަކުރެއްވިއެވެ. ނަދީމަށް ހަމަލާދީފައި ވަނީ މިދިޔަ ޖުލައި މަހުގެ ހަތާވީސް ވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތް މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ކޮފީ ބޯން އިންދައެވެ. ސާމިހު ވިދާޅުވީ ނަދީމުގެ މަރާލާފައިވަނީ ސިލްސިލާ މާރާމާރީތަކުގެ ތެރެއިން އުފެދިފައިވާ ދެބަސްވުންތަކުގެ ތެރެއިން އުފެދިފައިވާ ރުޅިވެރިކަމެއްގެ ބަދަލުހިފުމިގެ ގޮތުން ކަމަށެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ސާމިހު ވިދާޅުވީ މިމައްސަލައިގައި ނަދީމުގެ އިތުރުންވެސް އިތުރު މީހަކަށް ހަމަލާދޭން އެގުރޫޕުން މަސައްކަތް ކުރުމުން އެ މަސައްކަތް ނާކާމިޔާބް ވެފައިވަނީ ކެފޭގެތެރޭގައި ތިބި މީހުން އެކަން ހުއްޓުވުމަށް ކުރި މަސައްކަތުން ކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު ފަސްތޮޅަހަށް ވުރެ ގިނަ ވީޑިއޯ ފްޓޭޖް އެނަލައިޒް ކޮށްފައިވާކަމަށެވެ. މި ވީޑިއޯ ފްޓޭޖްގެ އަލީގައި މާގިނަ ދުވަހެއް ނުވެ މި އަމަލު ހިންގި ފަރާތްތައް ދެނެގަނެވިފައިވާކަމަށް އޭނާ ވިދާޅުވިއެެވެ.
އަދި މި އެންމެންގެ މައްޗަށްވެސް އެކަށީގެންވާ ހެއްކާއި ގަރީނާ ހުރި ކަމަށް ސާމިހު ވަނީ ވިދާޅުވިއެވެ. މީގެއިތުރުން މިދިޔަ ޖުލައިމަހުގެ އެއްތިރީސް ވަނަ ދުވަހުގެރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާއި ގުޅިގެން ކުރަމުންދާ ތަހްގީގުގެ ނުވަދިހަ ނުވަ އިންސައްތަ ނިމިފައިވާކަމަށެވެ. މިމައްސަލައާއި ގުޅިގެން ހޯދަން އިއުލާނުކުރި ތ. ކިނބިދޫ، ގުލްފާމުގޭ މުހައްމަދު ސާޒް، މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.