4 އަހަރުގެތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ކުޅިވަރުގެ ދާއިރާއިން ހޯދާފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް

ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ނުހޯދޭފަދަ ބޮޑެތި ކުރިއެރުންތަކެއް ވޭތުވެދިޔަ ހަތަރު އަހަރުގެތެރޭގައި ހޯދާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ނެސްލޭ ކަލާސް އެވޯޑް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތައުލީމާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތަކުގައި ރާއްޖެ ތަމްޞީލު ކުރުމަށް ބައިވެރިވާ ކުޅުންތެރިން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދެމުންދާކަމަށެވެ.

އެގޮތުން ކުޅިވަރުގެ ދާއިރާއިން ރާއްޖެ ވޭތުވެދިޔަ ހަތަރު އަހަރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި އެ ކާމިޔާބީ ތަކަކީ މީގެ ކުރިން ހޯދިފައި ނުވާ ކާމިޔާބީތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުޅިވަރުގެ މައިދާނުން ރަން ވަނަތައް ޙާސިލުކޮށްގެން ދިވެހިރައްޔިތުންނަށް އެއުފާ ލިބިގެންދާއިރު އެ ފަޚުރުވެރި ރަންވަނަ ހޯދާ ނުވަތަ ހޯދުމަށް މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި ސްކޫލްތަކުގައި ތަޢުލީމު ހާސިލުކުރަމުން ގެންދާ ދަރިވަރުން ހިމެނެމުން ދާކަމީ އުފާކުރައްވާކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުދިންނަށް ލިބިފައިވާ ހުނަރެއް އިތުރަށް ތަރައްގީ ކުރުމުގައި އެދެވޭ ފުރުސަތެއް މީގެ ކުރިން ލިބިގެން ގޮސްފައި ނުވާ ކަމަށް. ނަމަވެސް އެއާ ހިލާފަށް މިއަދު އެދަރިވަރުން ފާހަގަކޮށް އެ ދަރިވަރުންނަށް ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ކުޅިވަރު ކުޅެވޭނެ މަގު ފަހި ކޮށްދީ ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް، އެ ހުނަރުވެރިންގެ އަގު މިސަރުކާރުން ވަޒަންކޮށް އެ ހުނަރުވެރިންނަށް ހިތްވަރު ދެވެމުންވެސްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކަލަރސް އެވޯޑަކީ، ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުން، ދިރާސީ އަހަރުގެ ތެރޭގައި ވާދަކުރާ އެކިއެކި ކުޅިވަރު މުބާރާތްތަކުން ހޯދާފައިވާ ރަންވަނަތައް ޤައުމީ ފެންވަރެއްގައި ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކޮށް އެދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމާއެކު، ދެހާސް ސާދަ ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފުކޮށްފައިވާ އެވޯޑެކެވެ.

އެގޮތުން ވޭތުވެ ދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރު މި އެވޯޑް ހޯދާ ދަރިވަރުންގެ ނިސްބަތް ސަތާރަ އިންސައްތަ އަށް ވަނީ އިތުރު ވެފައެވެ. މިއަހަރު ކަލާރސް އެވޯޑް ވަނީ ސަތޭކަ ފަސްދޮޅަސް ނުވަ ކުއްޖަކު ޙާސިލުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...