އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ބަޣާވަތްކުރަން: މޫސަ

މޫސާ މަނިކް

އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ބަޣާވާތެއް ގެނެސްގެން ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރު ބަދަލުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކް ވިދާޅުވެއްޖެއެވެ.

ގއ ވިލިނގިލީގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސާ މަނިކް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި މިއަދު ގެއްލިފައިވާއިރު، އެފަރާތްތަކަށް އެހާލު ޖެހިވަޑައިގަތީ ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރު ވައްޓާލާ، ބަޣާވާތެއް ގެނައުމަށް މަސައްކަތް ކުރުމުން ކަން ގަބޫލުކުރައްވަންޖެހޭކަމަށެވެ. މޫސަ ވިދާޅުވީ ބަޣާވަތް ކުރުމަށް ދެތިން ފަހަރެއްގެ މަތިން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެފަރާތްތަކަށް އެކަން ކާމިޔާބު ވެފައިނުވާކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ރައީސް ޔާމީން ކާމިޔާބް ކުރައްވާނީ އެއްލަކިން ކަމަށް މޫސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް އިދިކޮޅު މަޖިލިސް މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާ މޫސަ ވިދާޅުވީ، ގާނޫނާއި ގަވާއިދާ ހިލާފަށް މަޖިލީހުގައި އެއްވެސް ކަމެއް ހިންގުމަށް ކުރިއަށް އޮތްތަނުގައިވެސް އިދިކޮޅު ފަރާތްތަކަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ މަޖިލިސް ބޭނުންކޮށްގެން ބަޣާވާތެއް ގެންނަން ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ.

މޫސަގެ ވާހަކައިގައި ވަނީ ޓެރެރިޒަމްގެ ކުށް ސާބިތުވެ ތޭރަ އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މޫސަ ވިދާޅުވީ، ތަންދޮރު ނުދަންނަ މީހަކަށް ވެރިކަން ހަވާލުކޮށްގެން އެއްކަމެއްވެސް ނުވާނެ ކަމަށެވެ. މާދަމާ ވެރިކަން ލިބުނަސް ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތައް ހުއްޓުވާލާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެގޮތަށް ވިދާޅުވާ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ރާއްޖެއަށް ވެދާނެ ގޮތަކާއި މެދުގައި މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެއިތުރުން ނަޝީދުގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތް ކުރުމަށް ދައުލަތުން ހަރަދު ކުރި ފައިސާއިން ތިން މީހަކު ސްރީ ލަންކާއިން ގޯތި ގަނެފައިވާކަމަށެވެ. އެހެންކަމުން ކޮރަޕްޝަނުގެ ވާހަކަ އެފަރާތްތަކަށް ދެއްކުމުގެ ޖާގައެއް ނޯނާނެކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުންވެސް އެކަންކަމަށް ފާޑު ކިޔަމުން އަންނަ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ. އެގޮތުން ހަގީގަތް ބެލުމެއް ނެތި، އެކި ގައުމުތަކުގެ ދާހިލީ މައްސަލަތާއި އިދިކޮޅު ފަރާތްތަކުން ބެހެމުން އަންނަ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

މޫސަ އިތުރަށް ވިދާޅުވީ، ކޮރަޕްޝަންގެ ވާހަކަ އިދިކޮޅު ފަރާތްތަކުން މިއަދު ދައްކަމުން އަންނައިރު، ހަގީގީ ވަގުން ތިއްބެވީ އިދިކޮޅުގައި ކަމަށެވެ. އަދި މިއީ ހަގީގަތްކަން ސާފުކޮށް އެނގެން އެބައޮތް ކަމަށާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަމަ، ދައްކަން ހުރިއެތައް ވާހަކައެއް އެބަހުރި ކަމަށް މޫސަ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...