މި ދައުރުގައި 50 ރިސޯޓް ހުޅުވުމަކީ ވަރަށް ބޮޑު އުންމީދެއް: ރައީސް ޔާމީން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މިދައުރުގެ ތެރޭގައި ފަންސާސް ރިސޯޓު ހުޅުވައި، އެތަންތަނުން ޚިދުމަތް ދޭން ފެށުމަކީ، ވަރަށް ބޮޑު އުންމީދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ޔާމީން ވިދާޅުވީ ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހޯދާފައިވާ ކުލަގަދަ ކާމިޔާބީތަކާއި ރަން ވަނަތަކަކީ، އެއާމެދު ކޮންމެ ދިވެއްސަކުވެސް އުފާކުރުން ހައްގު، އަދި ފަހުރުވެރިވުން ހައްގު ވަނަތަކެއް ކަމަށެވެ. އަދި، މި ސިނާޢަތް ކުރިއެރުވުމަށް މަސައްކަތް ކުރާ ފަތުރުވެރިކަމާ ގުޅޭ އެންމެހާ ޖަމިއްޔާ ޖަމާއަތްތަކަށާއި މި ދާއިރާއާއި ސީދާ ގޮތުންނާއި ނުސީދާގޮތުން ގުޅި ލާމެހިފައިވާ ހުރިހާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް މިއަހަރު ރާއްޖޭގައި ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމްޢިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ ޝިޢާރަކީ "ދެމެހެއްޓެނިވި ފަތުރުވެރިކަން – ތަރައްޤީއަށް ވަސީލަތެއް" މި ޝިއާރެވެ. ރައީސް ޔާމީން ވިދާޅުވީ މި ޝިއާރަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއަށް ގެންދިޔުމުގައި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރުވެސް ވަރަށް މުހިންމު ޝިއާރެއް ކަމަށެވެ.


ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ރައީސް ޔާމީން ވިދާޅުވީ ފަތުރުވެރިކަމުން ސީދާގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތަކެއް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މިދައުރުގެ ތެރޭގައި 50 ރިސޯޓު ހުޅުވައި، އެތަންތަނުން ހިދުމަތް ދޭން ފެށުމަކީ، އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


ހަމައެއާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމަށް ދިމާވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، ދަތުރުފަތުރުގެ ނިޒާމުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން މިފަދަ މައްސަލަތަކުގެ ހައްލެއްގެ ގޮތުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީ ކުރުމަށް އިންވެސްޓަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...