ފްރާންސްގެ އިންޓަނޭޝަނަލް ފްރެންޗް ޓްރެވަލް މާކެޓްގައި ރާއްޖެ ޕްރޮމޯޓް ކުރަން ފަށައިފި

އިންޓަނޭޝަނަލް ފްރެންޗް ޓްރެވަލް މާކެޓުގައި ބައިވެރިވި ދިވެހި ވަފުދުގައި ހިމެނޭ ބައެއް މެމްބަރުން

ފްރާންސްގައި ކުރިއަށްދާ އިންޓަނޭޝަނަލް ފްރެންޗް ޓްރެވަލް މާކެޓް އައިއެފްޓީއެމް ޓޮޕް ރޭސާ 2017 ގައި ދިވެހިރާއްޖޭ ޕްރޮމޯޓް ކުރަން ފަށައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަނާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 25 ކުންފުންޏަކުން 43 ފަރާތެއް ބައިވެރިވެފައިވެއެވެ.


މި ފެއާގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް 62 އަކަފޫޓުގެ ސްޓޭންޑެއް ވަނީ ލިބިފައެވެ. މި ސްޓޭންޑުގައި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި މަންޒަރުތައް ދައްކުވައިދީ، ދުނިޔޭގެ އެހެން މަންޒިލްތަކާ ހުރި ތަފާތުތައް ދައްކުވައިދޭނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.


މީގެ އިތުރުން އެމްއެމްޕީއާރުސީން ބުނީ މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ފްރާންސުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުތަކުގެ ތެރޭގައި ހީނަރުވެފައިވުމާއެކު، އެގައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓްކޮށް، ގެއްލިފައިވާ ފްރާންސްގެ މާކެޓުގެ ހިއްސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.


މިދިޔަ އަހަރުގެ ފަތުރުވެރިކަމާ ގުޅޭ ތަފާސްހިސާބުތަކަށް ބަލާއިރު ފްރާންސުން ޖުމްލަ 40،487 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެގައުމުން 26،149 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.8 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި އަދަދަކީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ 3.4 އިންސައްތަ ކަން ވެސް ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...