ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވަނުންގެ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި، ރައީސް ޔާމީން، ޒުވާނަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ

އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރާ ޒުވާނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.


ޔޫތު މިނިސްޓްރީން ބުނީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. ޒުވާނުންގެ އިނާމް 10 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވާއިރު މި އަހަރުވެސް ޝަހީދު ޖަވާދު އުމަރުގެ ހަނދާނީފިލާ ދިނުމަށް ހަމަޖެހިފައިވެއެވެ. 

ޒުވާނުންގެ އިނާމަށް ހޮވޭ މީހުންނަށް އެވޯޑާއި ސެޓްފިކެޓާއި އަދި 25,000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޒުވާނުންގެ ގައުމީ އިނާމު ދިނުމުގެ ހަފުލާ އޮންނާނީ ޒުވާނުންގެ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 17 ގައެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެމީހުންނަކީ މުޖުތަމައަށް ފައިދާ ހުރި، އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރު އެޅުމުގެ ގޮތުން ދޭ އިނާމެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...