ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ބާރަ މެންބަރުންގެ މައްޗަށް ކުރާ ދަޢުވާގެ އަޑުއެހުން ތާވަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މީޑިއާއަށް އިންޓަވިއު ދެއްވަނީ: ފޮޓޯ އަވަސް

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ހުއްދަނޫންތަކަށް ވަތް މައްސަލައާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ އިދިކޮޅު 12 މެންބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް މާދަމާ ކްރިމިނަލް ކޯޓްގައި ފަށަން ތާވަލްކޮށްފިއެވެ.

އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ހާޒިރުވުމަށް މާދަމާގެ ވަގުތަކަށް މިހާރު ވަނީ މެންބަރުންނަށް ޗިޓްފޮނުވާފައެވެ. ބާރަ މެންބަރެއްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ 3:00 އަށެވެ.

މިއީ މިހާ ގިނަ އަދަދެއްގެ މެންބަރުންނަށް އެއް ފަހަރާ ދައުވާ ކުރާ ފުރަތަމަ ފަހަރެވެ. އެ މައްސަލައިގެ ލިޔުންތައް އެ މެންބަރުންނާއި މިދިޔަ އޮގަސްޓް 14 ވަނަ ދުވަހު ވަނީ ކޯޓުން ހަވާލުކޮށްފައެވެ. އަދި އެ މެންބަރުންގެ ޝަރީއަތް އެއް ޝަރީއަތުގެ މަޖިލީހެއްގައި ކުރިއަށް ގެންދަން ވެސް ވަނީ ކޯޓުން ނިންމައިފައެވެ. ގާނޫނީ ވާޖިބު އަދާކުރަން ހުރި މުވައްޒަފަކަށް ހުރަސް އެޅި ކަމުގެ ދައުވާ ކުރަން ޕީޖީގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގައެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމްއާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީއާއި، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި، އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ މައްޗަށެވެ.
 
އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...