އައިސިސް ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ނޫރީ މިސްކިތް އިރާގް އަސްކަރިއްޔާގެ ބާރުގެ ދަށަށް!

އިރާގްގެ މޫސަލް ސިޓީގައި ހުންނަ އަލް-ނޫރީ މިސްކިތް. މި މިސްކިތް މިހާރު ވަނީ އިރާގް ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައި. ފޮޓޯ/ ބީ.ބީ.ސީ ނިއުސް

އިރާގް އަދި ސީރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިސިސް ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް އަލް-ނޫރީ މިސްކިތް އިރާގްގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފިއެވެ. 


އިރާގްގެ އަސްކަރިއްޔާއާއި ހަވާލާދީ ބައިނަލްއަޤްވާމީ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މޫސަލް ސިޓީގައި ހުންނަ އެތައް ގަރުނެއްވެފައިވާ އަލްނޫރީ މިސްކިތް މިހާރު އިރާގްގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަލްނޫރީ މިސްކިތަކީ، އިރާގްގައި އައިސިސް ޖަމާއަތުން އެމީހުންގެ އަމިއްލަ ހިލާފަތެއް އިއުލާން ކުރި މިސްކިތެވެ. 


އަލްނޫރީ މިސްކިތުގައި މީގެ 3 އަހަރުކުރިން އައިސިސް ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣްދާދީ ވަނީ އައިސިސް ޖަމާއަތުގެ ޚިލާފަތެއް އިއުލާންކޮށްފައެވެ.


މޫސަލް ސިޓީ އައިސިސް ޖަމާއަތުގެ ބާރުގެ ދަށުން މިނިވަން ކުރުމަށް އިރާގް ސިފައިން މަސައްކަތް ކުރަމުން އަންނަތާ 8 މަސްދުވަސް ވެފައިވާއިރު، މިހާރު އައިސިސްގެ ބާރު މޫސަލް ސިޓީގައި ވަަރަށް ކުޑަވެފައިވާކަމަށް އިރާގްގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ. 


މިދިޔަ ހަފްތާގައި އަލްނޫރީ މިސްކިތަށް ބޮމުގެ ހަމަލާއެއް ދީފައިވާއިރު، މިހަމަލާދިފައިވަނީ އައިސިސްއިން ކަމަށް އިރާގްގެ ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް، އައިސިސް ޖަމާއަތުން ބުނެފައިވާ ގޮތުގައި މިއީ، އެމެރިކާގެ ސިފައިން ދިން ހަމަލާއެކެވެ. 850 އަހަރުވެފައިވާ އަލް-ނޫރީ މިސްކިތަށް ބޮމުގެ ހަމަލާ ދީފައިވަނީ ނިމިދިޔަ ރަމަޟާންމަހުގެ 27 ވިލޭރޭގެ ވަގުތެއްގައެވެ.  


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...