އާމްދަނީ ހޯދުމަށް މަސައްކަތް ކުރަންވާނީ ޝައުގުވެރިކަމާއި، ޒިންމާދާރު ކަމާއެކީގައި: މިނިސްޓަރ ސައީދު

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވާހަކަ ދައްކަވަނީ

އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ، ޒިންމާދާރުކަމާއެކު ޝައުގުވެރިވެގެން ކުރާ މަސައްކަތަކަށް ހެދުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ބައިވެރިން ގްރެޖްއޭޓް ވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ޒުވާނުންނަށް އެތަކެއް ފުރުސަތުތަކެއް ވަޒީފާގެ މައިދާނުގައި ތަނަވަސްވެފައިވާކަމަށެވެ. އަދި އެއްވެސް މަސައްކަތަކީ ބީރައްޓެހި މަސައްކަތެއްގެ ގޮތުގައި ނުދެކި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ، ޒިންމާދާރު ކަމާއި ޝައުގުވެރިކަމާއެކީގައި އެމީހަކު ކުރާ މަސައްކަތަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓާރ ވިދާޅުވިއެވެ. އަދި އެގޮތަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބްކަމާއެކު ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ޒުވާނުން ބޭނުންވާފަދަ ވެއްޓެއް ގާއިމްކޮށް އެމީހުންގެ ވާހަކަ އެހާ ބޮޑަށް ދެއްކެވި ރައީސެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނޫނީ ރާއްޖޭގައި މިއިން ޒަމާނަކު ވެސް ނެތް ކަމަށެވެ. އަދި ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ގައުމު ބިނާ ކުރުމުގެ އިތުރުން، ޒުވާނުންނަށް މުހިއްމުވާ ކުދިކުދި ކަންކަމަކީވެސް ވަރަށް މުހިން ކަންތައްތަކެއްގެ ގޮތުގައި ދެކިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، މިއަދު ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ގައުމު ބިނާ ކުރުމަށް ބޭނުންވާ މަގު ދައްކާނެ ފަދަ ރައީސަކު މިގައުމުގައި ހުރުން ކަމަށެވެ. މިއަދު ރައީސް ޔާމީން ދައްކަވާ މަގުން ހިނގުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް ހުޅިވައިފާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އަންހެނަކަށް ވިޔަސް އަދި ފިރިހެނެކަށް ވިޔަސް އަދި މުއްސަންޖަކަށް ނުވަތަ ފަގީރަކަށް ވިޔަސް އެކި ދާއިރާތަކުން ކުރިއަށްދިއުމުގެ މަގު ހުޅުވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ އިރުޝާދާއެކު، ސަރުކާރުގެ ހުރިހާ ވުޒާރާއެއް އޮތީ ދިވެހި ޒުވާނުންނަށާއި، މަސައްކަތްތެރިންނަށް އެދެވޭ މުސްތަގްބަލެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...