ޒުވާނުންނާއި މެދު ދެކެމުން އައި ނުރަނގަޅު ގޮތް ރައީސް ޔާމީން ވަނީ ބަދަލުކޮށްދެއްވާފައި: އެޑިއުކޭޝަން މިނިސްޓަރ

1000 ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ބައިވެރިންގެ ދަސްވެނިވި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް އަދި ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު

ޒުވާނުންނާއިމެދު މީގެކުރިން މީހުން ދެކެމުންއައި ނުރަނގަޅު ގޮތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބަދަލުކޮށްދެއްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

 މިނިސްޓަރ މިހެން ވިދާޅުވީ، 1000 ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ބައިވެރިންގެ ދަސްވެނިވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ޒުވާނުންގެ ރައީސް. މިނަން އެމަނިކުފާނަށް ދެވިފައިވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއްހާސް ފޮޓޯގްރާފަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ، ޒުވާނުންނޭ ބުނުމުން އެބަޔަކާއި މެދުގައި މީގެކުރިން އުފައްދާފައި ވަނީ މާހެޔޮ ނޫން ތަސައްވުރެއް ކަމަށެވެ.

ޒުވާނުންނަކީ މަސައްކަތާއި ދުރު އަދި ވަގުތު ބޭކާރުކުރާ ބައެއްގެ ގޮތުގައި ކުރިން ބެލެވިފައިވާ ކަމަށެވެ. އަދި ޒުވާނުންނަކީ، ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރުމަށް ފަސްޖެހޭ ބައެއް ކަމަށްވެސް މީގެ ކުރިން ބެލެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން މިތަސައްވުރު ބަދަލު ކޮށްދެއްވާ، ޒުވާނުންނަށްޓަކައި އިހްލާސްތެރި މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާކަމަށް މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ މިއަދު ޒުވާނުންނަށްޓަކައި ގިނަ ފުރުސަތުތަކެއް ރައީސް ޔާމީން ފަހިކޮށްދެއްވާފައިވާއިރު، ގައުމު ޒުވާނުންނަށް ބޭނުންވެފައިވާކަން ވިސްނާ ދެއްވާ ޒުވާނުންނަށް ހައްގުވާ މަގާމާއި އިޙްތިރާމް ހޯއްދަވައި ދެއްވަން ރައީސް ޔާމީން މަސައްކަތް ކޮށްދެއްވި ކަމަށެވެ. އެގޮތުން، ރާއްޖޭގައި، ފޮޓޯގްރަފީގެ ދާއިރާއަކީ ދިވެހި ޒުވާނުންގެ ފަންނުވެރިކަން ދައްކާލުމަށްޓަކައި ހާއްސަ ދާއިރާއެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައެޅުވި ކަނޑައެޅުއްވުމަކީ ޒުވާނުންނަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން މި ޕްރޮގްރާމް ފެށިގެން ދިޔައީ 2016 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. ފޮޓޯގްރަފީގެ ދާއިރާއިން ކޯސް ފުރިހަމަކުރުމަށްފަހު، 414 ޒުވާނުން ތަމްރީންވެފައިވާއިރު، އެކުދިންނަށް އެދާއިރާއިން ކުރިއަށް ދިއުމަށްޓަކައި ރަނުގެ ފުރުސަތެއް ވަނީ ފަހިވެގެން ގޮސްފައެވެ. ފޮޓޯގްރަފީގެ ދާއިރާއިން ކޯސް ފުރިހަމަ ކުރި ކުދިންގެ ތެރެއިން 249 ދަރިވަރުން ވަނީ އިތުރު ތަމްރީންތަކުގައި ކިޔަވަމުންނެވެ. އަދި 178 ކުދިން މިހާރު ވަނީ ވަޒީފާގެ މައިދާނަށް ނިކުމެފައެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، ސަރުކާރުން ފަހިކޮށްދެމުން އަންނަ ތައުލީމްގެ ފުރުސަތުތަކާއި، ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ޒުވާނުން ހިފަމުން އަންނަނީ ނުހަނު ކެރުމާއި ހިތްވަރާއި އެކީގައި ކަމަށެވެ. އެކަމުގެ މިސާލެއް ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އޯގަސްޓްމަހު ފެށި އިލެކްޓްރިޝަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި އަދާ ހަމައަށް އެއްހާސް ހަސަތޭކަ ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެއްހާސް ފާމަސިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި ކުދިންގެ ތެރެއިން 527 ކުދިން ދަސްވެނިވެފައިވާ ކަމަށެވެ. އަދި 221 ކުދިން ތަމްރީން ވަމުން އަންނަ ކަމަށެވެ. މިއީ 748 ޒުވާނުންނަށް ރައީސް ޔާމީން ހޯއްދަވާދެއްވި ކުރިމަގާ ތަރައްގީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...