މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންނަކީ އަމަލީ ގޮތުން ބައިވެރިވި މީހުން: ފުލުހުން

ރޭ މާލޭގައި މާރާމާރީ ހިންގި ސަރަހައްދުގައި، ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިއެއް ވެއްޓިފައި-- ފޮޓޯ ސަން

ރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ މި މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ. ނަމަވެސް ހައްޔަރުކުރި މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ރޭ ހިނގި މާރާމާރީ އާއި ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއް ގައި ބުނެފައިވަނީ މާރާމާރީއާއި ރޭވިގެން ހިންގާ ކުށްތައް މަދުކުރެވިފައިވަނިކޮށް ރޭގައި މާފަންނު އައިޓަމްސް ކައިރީގައި ހިންގި މާރާމާރީއާއި ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އަދި އެތިން މީހުންނަކީވެސް މިކަމުގައި އަމަލީ ގޮތުން ބައިވެރި ވި ތިން މީހުން ކަމަށެވެ. އަދި މި މާރާމާރީ ގައި 19 އަހަރުގެ މީހަކު މަރުވެފައިވާއިރު، ލިބުނު އަނިޔާގެ ސަބަބުން އައިޖީއެމް ހޮސްޕިޓަލް ގައި ފަރުވާދެމުންދަނީ އުމުރުން 24 އަހަރުގެ މީހަކަށް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

\މީގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށްވެސް މިމާރާމާރީގައި އަނިޔާވެފައިވާ ކަމަށާއި އޭނާ މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލައާއި އެކު މިފަދަ އިތުރު މައްސަލަތައްވެސް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށާއި މިފަދަ ހަމަނުޖެހުމާއި މާރާމާރީ ތައް ހުއްޓުވާ އަމަން އަމާންކަން ގާއިމް ކުރުމަށް ފިޔަވަޅުތައް އަޅާ އެކަން ތަންފީޒު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...