ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ފަޒީލް ނަޖީބް ޢައްޔަނު ކުރައްވައިފި

ޑރ. ފަޒީލު ނަޖީބު، ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފޮރިންމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް މާފަންނު ފަށަލަ ޑޮކްޓަރ ފަޒީލް ނަޖީބް ޢައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ފަޒީލު ނަޖީބު އެމަގާމަށް އައްޔަން ކުރައްވާފައި ވަނީ 20 ސެޕްޓެންބަރު 2017 ގައި ކަމަށާއި، ފަޒީލު މަސައްކަތް ކުރައްވާނީ ފޮރިން މިނިސްޓްރީގައި ކަމަށެވެ. ފަޒީލު ނަޖީބް ވަނީ މީގެ ކުރިން އެމްއެމްއޭގެ ގަވަރނަރުގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.

އެގޮތުން ފަޒީލް ވަނީ 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ވަންދެން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމު އަދާ ކުރައްވާފައެވެ. އޭނާ އިސްތިއުފާދެއްވީ، 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޑޮކްޓަރ ފަޒީލް ނަޖީބަކީ 1987 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަޤާމުތައް ފުރުއްވައި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދެވި، ތަޖުރިބާކާރު ބޭފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި ޚާއްޞަކޮށް، ބޭރުގެ ވިޔަފާރިވެރިންގެ ކަންކަން ބެލެހެއްޓެވުމުގައި، ޓްރޭޑް މިނިސްޓްރީގެ އިންވެސްޓްމަންޓާއި، އިންޓަނޭޝަނަލް ކޯޕަރޭޝަން ބައިގައި ވަރަށް ގިނަ ދުވަހު ފަޒީލު މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން، އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ، އިންވެސްޓްމަންޓްސްގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަރ، އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މަޤާމާއި، ޑިރެކްޓަރ، އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ.
ފަޟީލް ނަޖީބަކީ އިނގިރޭސިވިލާތުން އިންޓަރނޭޝަނަލް ބިޒްނަސް ލޯ އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...