ރޮހިންގާގެ މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފުރަތަމަ ނުކުތް އިސްލާމީ ގައުމަކީ ދިވެހި ރާއްޖެ

ރޮހިންގާގެ މުސްލިމުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ތިބިކަން ރަމްޒުކޮށްދޭ ފޮޓޯއެއް

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ ތެރެއިން ފުރަތަމަ ތެދުވި ގައުމަކީ ދިވެހި ރާއްޖެ ކަމަށް ހޯމްމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ޗެނަލްތާޓީންގެ ނަނާ ހުވަފެން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމްމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސިއްދީގު ވިދާޅުވީ ދިވެހި ސަރުކާރުން ރޮހިންޖާގެ މުސްލިމުންނާ މެދު އިންސާނިއްޔަތުކަން ނެތްކަން ދޭހަވާ ގޮތައް ހަގީގަތާ ޚިލާފް ވާހަކަ ބަޔަކު ދައްކަމުންދާކަމަށެވެ. ނަމަވެސް ރޮހިންޖާ މުސްލިމުންނާ މެދު މިޔަންމާ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، ފިޔަވަޅު އެޅި ފުރަތަމަ މުސްލިމު ގައުމަކަށް ދިވެހި ރާއްޖެ ވެގެންދާނެ ކަމަށް ސިއްދީގު ވިދާޅުވިއެވެ.


ސިއްދީގު ވިދާޅުވީ އަމިއްލަ މަސްލަހަތުގެ މައްޗަށް ރޮހިންޖާ މުސްލިމުންގެ މަސްލަހަތު އިސްކުރުމަށްޓަކާ ދިވެހި ދައުލަތުން އެގައުމާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަކީ ރައީސް ޔާމީން އެޅުއްވި ރަގަޅު ފިޔަވަޅެއް ކަމަށެވެ.  

މިޔަންމާއިން ރާއްޖެއަށް އަގު ހެޔޮކޮށް މުދާ އެތެރެކުރެވޭކަން ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ އެގައުމުން ރާއްޖެއަށް އަގުހެޔޮކޮށް ހަނޑޫ ވެސް އެތެރެކުރެވޭ ކަމަށެވެ. ނަމަވެސް މުސްލިމުންނަށް އަނިޔާކުރާ ބަޔަކަށް ފައިސާ ދީފިނަމަ، އެފައިސާ ހަރަދުކުރާނީ ވެސް މުސްލިމުންނަށް އަނިޔާކުރުމަށް ކަމަށް ގަބޫލުކުރާތީ މިޔަންމާގެ ސަރުކާރާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލީ ކަމަށް ވިދާޅުވިއެވެ.

ސިއްދީގު ވިދާޅުވީ މިޔަންމާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކަމެއް ނުކުރާކަމަށް ބުނެ، ބައެއް ދިވެހިން ބޭރުގެ ގައުމުތަކުގައި ރާއްޖެ ބަދުނާމް ކުރަމުންދާއިރު، މިހާރު ވެސް ސަރުކާރުން ޓެލެތޯން ވެސް ބާއްވަމުންދާ ކަމަށެވެ. ނަމަވެސް ސަރުކާރާ ގުޅިގެން އެއްވެސް ކަމެއް ކުރުމުގެ ވިސްނުން އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ސިއްދީގު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބާއްވާ ޓެލެތޯންއެއް އިސްލާމީ މަރުކަޒުގެ ހޯލްތެރޭގައި އޮންނާނެ ކަމަށެވެ. އަދި މިޓެލެތޯނަކީ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ޓެލެތޯނެއް ކަމަށާއި، ޓެލެތޯންއިން ލިބޭ ހުރިހާ ފައިސާއަކާ ތަކެއްޗެއް ދިވެހި ރެޑްކްރެސެންޓް މެދުވެރިކޮށް، ރޮހިންޖާ ފަންޑަށް ޖަމާކުރާނެ ކަމަށް ސިއްދީގު ވިދާޅުވި އެވެ.

މިޔަންމާގެ ރަޚީން ސްޓޭޓުގައި ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފް އަމަލުތަކާއި ގުޅިގެން އެގައުމު ދޫކޮށް، ބަންގްލަދޭޝްއަށް ހިޖުރަ ކުރި މީހުންގެ އަދަދު މިހާރު ވަނީ ހަތަރު ލައްކައަށް އަރާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...