ސަރުކާރު ކޯލިޝަން ލީޑަރުންނަށް މުހިންމުވި ކަންތައްތައް މުހައްމަދު އިސްމާއީލްގެ ދުލުން!

ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް: ފޮޓޯ ޗެނަލް 13

ސަރުކާރު ކޯލިޝަނަށް ނިސްބްތްވާ ލީޑަރުންނަށް މިއަދު މުހިންމުވީ ރައްޔިތުންނަށްވުރެ އެބޭފުޅުންގެ ޒާތީ އަމިއްލަ މަންފާ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން އިއްވާފައިވާ ޖަލު ހުކުމާ ދެކޮޅަށް އަޑު އުފުލުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ މީގެ ކުރިން ރައްޔިތުންނަށް ހެޔޮއެދޭ ވާހަކަ އެކި ޕޯޑިއަމްތަކުގައި ދައްކަވާފައިވާކަމަށެވެ. އަދި މިއަދު ސަރުކާރުގައި "ބައްދައިގެނެގެން" ކޯލިޝަނުގައި ތިއްބެވިއިރު އަދުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިި ގައުމަށް ބޮޑެތި އިހުމާލުތަކެއް ވެފައިވާއިރު އެބޭފުޅުން އެކަންކަން ގަބޫލު ކުރައްވާނީ ކިހާވަރަކަށް ސަރުކާރުން ރައްޔިޔުންނަށް އިހުމާލުވީމަތޯ ވިދާޅުވެ އޭނާ ވަނީ ކޯލިޝަންގެ ބައިވެރިންނަށް ސުވާލެއް އަމާޒަ ކުރައްވާފައެވެ.

ގައުމުގެ ހާލަތު ގޯސްވެފައިވާކަން ފާހަގަކުރައްވައި އޭނާ ވަނީ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިންނަށް މިއަދު މާތްވެގެންވާ އިސްލާމް ދީނާއި ގައުމާއި ރައްޔިތުންގެ ދިފާއުގަ ނޫސްބަޔާނެއް ނުނެރެވުނު ތަނުގައި އެއްޗެއް ވިދާޅުވާންވެސް ކެރިވަޑައި ނުގެންނެވިކަމަށް ވިދާޅުވެފައެވެ.

"ހަގީގަތުގައިވެސް 30 އަހަރު ވެރިކަން ކުރައްވައި ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް އޮތް ބޭފުޅެއް ވެސް ކޯލިޝަނުގައި އެބަހުންނެވި. އަދި ހަމަ ރާއްޖޭގެ ތަނަވަސް މުއްސަނދި މަހުޖަނެއްވެސް އެބަހުރި. ހަމަ އެމަނިކުފާނަކީވެސް ރާއްޖޭގެ ލޮބުވެތި އެތައް ރައްޔިތުންނަށް އެހީތެރިވާ ބޭފުޅެއް. ދީނީގޮތުން އަޅުގަނޑުމެން ގަބޫލު ކުރާ ޕާޓީއެއްގެ ލީޑަރު ޝެއިޚް އިމްރާންވެސް އެބަހުންނެވި. އެހެން ނަމަވެސް މި އެއްވެސް ބޭފުޅަކަށް މިއަދަކު ގައުމެއް މުހިންމެއް ނުވި. މިއަދަކު ރައްޔިތުންނެއް މުހިންމެއް ނުވި. މިއަދަކު އަޅުގަނޑުމެންގެ މިނިވަންކަން މުހިންމެއް ނުވި. މިއަދަކު އަޅުގަނޑުމެންގެ އިސްލާމް ދީނެއް މުހިންމެއް ނުވި." މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި ރައީސް މާއުމޫނާއި، ގާސިމް އިބްރާހީމާއި އަދި ޝެއިޚް އިމްރާނަށް އަމިއްލަ ފައިދާއާއި އަމިއްލަ މަންފާ ނޫން އެހެން އެއްވެސް ކަމެއް މުހިންމު ވެގެން އުޅުއްވާކަމަށް ގަބޫލެއް ނުކުރެއްވެއެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ އޭނާ އެވާހަކަތައް ދައްކަވަނީ އޭގެ ތެރެއިން އެއްވެސް ބޭފުޅަކާއި ޒާތީ އެއްވެސް މައްސަލައެއް އޮވެގެން ނޫންކަމަށެވެ. ސަރުކާރު ކޯލިޝަންގެ ތެރޭގައި މައުމޫން، ގާސިމް އަދި އިމަރާން ތިއްބެވުމުގެ ސަބަބުން ގިނަ ފަރާތްތަކުން އަންނަނީ އެބޭފުޅުން މީގެ ކުރިން ދައްކަވަމުން ގެންދެވި ވާހަކަތަކަށް ވީ ކިހިނެއްތޯ ކަމަށްބުނެ އެބޭފުޅުންނަށް މަލާމާތުގެ ބަސްތައް ރައްދުކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...