ކައުންސިލަރުންގެ މުސާރަ ބޮޑުތަނުން އިތުރު ކުރުމަށް ރައީސް ސޯލިހު ނިންމަވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު---

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ހދ. ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކައުންސިލަރުންގެ މުސާރައަށް ގެންނާނެ ބަދަލުތައް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން މަޖިލީހަށް ފޮނުވި މުސާރަ ޝީޓްގައި އޮންނާނީ ސިޓީގެ މޭޔަރަކަށް 40000ރުފިޔާ، ޑެޕިއުޓީ މޭޔަރަކަށް 35000ރުފިޔާ، ސިޓީ ކައުންސިލް މެމްބަރަކަށް 30000ރުފިޔާ، އަތޮޅު ކައުންސިލު ރައީސްއަކަށް 28000ރުފިޔާ، ރަށު ކައުންސިލްގެ ރައީސްއަކަށް 23000ރުފިޔާ، ޑެޕިއުޓީއަށް 15000ރުފިޔާ އަދި މެންބަރަކަށް 12000ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރަށު ކައުންސިލުތަކުގެ މެމްބަރުންނަށް ދޭނީ 12،000 ރުފިޔާގެ މުސާރައެއް ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، ކައުންސިލުގެ މެމްބަރަކަށް ދަށްވެގެން 20،000 ރުފިޔާގެ މުސާރައެއް ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ކަމަށް ޗެނަލް13އަށް ވަނީ ކަށަވަރުވެފައެވެ.

ކައުންސިލަރުންނަށް ދޭ މުސާރައަށް ބޮޑު ބަދަލެއް ގެންނަން ސަރުކާރުން ނިންމާފައިވާއިރު، މި ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ކައުންސިލަރުންގެ އަދަދުވެސް އިތުރު ކުރަން ނިންމާފައެވެ.

އެގޮތުން 3000 ދަށުގެ ކޮންމެ އާބާދީއެއްގައި ފަސް ކައުންސިލަރުން ހިމެނޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. މިދިޔަ ޑިސެމްބަރު މަހުގައި "ވިޔަވަތި ރާއްޖެ" މި ނަމުގައި ބޭއްވި ކައުންސިލަރުންގެ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކައުންސިލަރުންގެ އަދަދު އިތުރުވުމަކީ މާލީ ގޮތުން ދައުލަތަށް ބުރައަކަށް ނުވާނެ ކަމަށެވެ.

ކައުންސިލަރުންގެ އަދަދު އިތުރުކޮށް، މުސާރައަށް ބޮޑު ބަދަލެއް ގެނައުމަކީ ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެގެންދާނެ ކަމެއް ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ކައުންސިލަރުންގެ މުސާރަ އިތުރު ކުރަން ނިންމި ނިންމުމަށް ފާޑު ކިޔަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...