އެއް ޕާޓީއަކަށް ކައުންސިލްތަކުގެ ހުރިހާ ގޮނޑިއެއް ދިނުމާ ޔުމްނާ ދެކޮޅު

އެމްއާރްއެމްގެ ނައިބު ރައީސާ ޔުމްނާ މައުމޫން--

ލޯކަލް ކައުންސިލް އިންތިހާބުގައި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް އެކަނި ވޯޓުދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވާފައިވަނިކޮށް، އެއް ޕާޓީއަށް ހުރިހާ ގޮނޑިއެއް ނުދިނުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ނައިބު ރައީސާ ޔުމްނާ މައުމޫން ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކަށް ލާމަރުކަޒީ ނިޒާމު ނުހިންގޭނެ ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ދިން ވިސްނުމެއް ކަމަށް ވިދާޅުވެފައެވެ.

އަދި ކައުންސިލް އިންތިހާބުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ދިނުމަށްވެސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ. އެހެންނަމަވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުންވެސް ކައުންސިލް އިންތިހާބުގައި ވާދަ ކުރެއެވެ. އެ އިންތިހާބުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބޭކަށް އެޕާޓީތަކުން ނޭދެއެވެ.

އެއް ޕާޓީ އަކަށް ހުރިހާ ގޮނޑިއެއް ދިނުމާ ދެކޮޅުކަން ފާހަގަކުރައްވައި، ހެރިޓޭޖް މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮންނަން ވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށެވެ. އަދި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަން ހާސިލު ނުކުރެވޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރު ޔުމްނާ ވަނީ ރައްޔިތުން އެކަމާމެދު ފުންކޮށް ވިސްނާލުމަށްވެސް އިލްތިމާސް ކުރައްވައިފައެވެ.

ޔުމްނާ އެހެން ވިދާޅުވިއިރު، އެމްއާރްއެމް އިން ވެސް ވަނީ އަންނަ އޭޕްރީލްމަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައެވެ. އެޕާޓީގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.


އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދީގެން ނުވާނެ ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އިން ބޮޑު އަޣުލަބިއްޔަތެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...