ލަތީފްގެ ސުވާލެއް މަހުލޫފަށް: ޒުވާނުންނަށް ކޮށްދެވުނު ކަމެއް ނިކަން ބުނެބަލަ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ޒުވާނުންނަށް ވީ އެއްވެސް ފައިދާއެއް ނެތްކަމަށް ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ނުހައްގުން އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ މައްޗަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް ކުރިއަށް ގެންދިޔަ ސިލްސިލާ ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ޒުވާނުންގެ ކުރިއެރުމަށް ވީ އެއްވެސްކަމެއް ނެތްކަމަށެވެ. އެގޮތުން ދިވެހި ޒުވާނުން އެންމެ ފޯރިއާއެކު ކުޅެމުންދާ އަދި ބަލަމުންދާ ކުޅިވަރުކަމުގައިވާ ފުޓުބޯޅައަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އުފެދިފައިވާ މަޝްހޫރު ފުޓުބޯޅަ ކުލަބުތަކަށް ހައްގުވާ ލާރި ލިބޭނެގޮތެއް ނެތުމުގެ ސަބަބުން ރާއްޖޭގައި ފަސްޓް ޑިވިޝަންއަށް ކުޅެމުންދިޔަ ވެލެންސިޔާ، ވިކްޓްރީ ސްޕޯރޓްސް ކްލަބް އަދި ނިއުރޭޑިޔަންޓު ފަދަ މަޝްހޫރު ކުލަބުތައް ހުއްޓިފައިވާކަން ލަތީފް ފާހަގަކުރެއްވިއެވެ. މި ކުލަބުތަކަކީ އެތައް ޒުވާން މޮޅު ކުޅުންތެރިންނަކަށް ފުޓުބޯޅައިގެ މައިދާނުގައި ފުރުސަތުތައް ހޯދައިދެމުންދިޔަ ކްލަބުތަކަށް ވީހިނދު މިއަދު ކްލަބްތައް ހިންގުމަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކްލަބްތައް ހުއްޓުމަކަށް އައިސް އެތައް ޒުވާނުންނެއްގެ ކުރިމަގަށް ހުރަސްއެޅިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން ޔޫތު މިނިސްޓަރ އިސްކޮށް ހުންނަވައިގެން ރާއްޖޭގެ ޒުވާނުންނަށް ކަސްރަތު ޕްރޮގްރާމްތައް ހިންގައި ދަސްކޮށްދިނުމަށް އިންޑިޔާގެ ފިލްމްތަކުގައި ނުބައިބައި ރޯލް ކުޅުނު އުމުރުން ދުވަސްވީ ތަރިއަކު އައްޔަން ކުރިކުރުމަށް ލަތީފްވަނީ ވަރަށް ބޮޑަށް ފާޑުކިޔުއްވާފައެވެ. ފިޓްނަސްގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު އަދި ފަންނީ އެތައް ޒުވާނުންނެއް މިގައުމުގައި ހަރަކާތްތެރިވަމުންދާއިރު މިއީ ސީދާ އެކުދިންނަށް ލިބެންޖެހޭ ފުރުސަތުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ބަލާލި ކޮންމެ ދިމާއަކުންވެސް މި ސަރުކާރުން ޒުވާނުންގެ ކުރިމަގާއި ޒުވާނުންނަށް ހުރި ފުރުސަތުތައް ހަނިކުރުމަށް މަސައްކަތްކުރަމުންދާ މިންވަރު ހާމަވެގެންދެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...