ނަޝީދު ހެދީ ދޮގެއް، ދިއްދޫގަ ފްލެޓް އެޅީ ރައީސް ޔާމީން: ލަތީފް

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް: ފޮޓޯ މިހާރު

ހއ.ދިއްދޫގައި އެޅި ފްލެޓްތަކާއި ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އަށް މައުލޫމާތު ދެއްވަމުން ލަތީފް ވިދާޅުވީ ރައީސް ނަޝީދު އެފަދަ ވާހަކަތަކެއް ދެއްކެވި އިރު ދިއްދޫގައި އެޅި 250 ފްލެޓްގެ ބިންގާ ކުރީގެ ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އަޅުވައިދެއްވިކަން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ބިނާކުރަންފެށި ފްލެޓްތައްކަމަށް އެމަނިކުފާނު ދިއްދޫއަށް ވަޑައިގެން ވިދާޅުވިޔަސް އެއީ ކަނޑައެޅިގެން ދޮގެއްކަން ރަށު ރައްޔިތުންނަށްވެސް އެނގޭނެކަން ލަތީފް ފާހަގަކުރެއްވިއެވެ.

ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވިގޮތުގައި ދިއްދޫގައި މީގެ 12 އަހަރުކުރިން އަޅާ ނިންމާފައި ހުރި ފްލެޓްތައް އިދިކޮޅި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ދިއްދޫ ރައްޔިތުންނަށް ނުދެއްވުނެވެ.

"135 ފްލެޓް ދިނުމަށްފަހުގައި މިދިޔަ 8 އަހަރު 12 އަހަރު އަޅުގަނޑުމެން ނެތީތީވެ އެތަންތަން ފަޅަށް ބަހައްޓާފައި އެތިބީ. ދިއްދޫ ރައްޔިތުންނަށް މާ ރަނގަޅަށް އިނގޭނެ، އައްސަވައި ބައްލަވައި ރައީސް ޔާމީންގެ ސަރުކާރުގައި 12 އަހަރުވީއިރުގައި  އަޅާފައިހުރި ތަނެއް ނުދެވިގެން އުޅުއްވަނީ ކީއްވެގެންތޯ." ނަޝީދު ވިދާޅުވިއެވެ.

ލަތީފް ވަނީ ނަޝީދުގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ޓުވީޓު ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ދިއްދޫގައި އަޅާފައިވާ 250 ހައުސިންގް ޔުނިޓުގެ މަސައްކަތް ކޮށްދެއްވައި ނިންމަވައިދެއްވީ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެ ހައުސިން ޔުނިޓު ތަކަށް ބޭނުންވާ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު ލިބޭނެގޮތް ރައީސް ޔާމީން ހަމަޖައްސަވައިދެއްވިކަން ލަތީފް ފާހަގަކުރެއްވިއެވެ. އޭނާ ހާމަކުރެއްވިގޮތުގައި 250 ހައުސިން ޔުނިޓުގެ ތެރެއިން ބައެއް ޔުނިޓުތައް ހައްގުވާ ފަރާތްތަކަށް ދީފައިވެއެވެ. އެކަމަށްޓަކައި ލަތީފް ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

ޑރ.މުއިއްޒު ވިދާޅުވިގޮތުގައި ރައީސް ނަޝީދުގެ ވެރިކަމުގައި 100 ހައުސިންގް ޔުނިޓެއްގެ ވާހަކަ އެމަނިކުފާނު ދެއްކެވިއެވެ. އެހެން ނަމަވެސް އެކަމުގެ މަސައްކަތް ފެއްޓެވީ ކުރިގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ. އަދި ރައީސް ޔާމީންގެ ޒައާމަތުގައި ވަނީ އިތުރު 150 ހައުސިންގް ޔުނިޓާއެއްކޮށް ޖުމްލަ 250 ހައުސިންގް ޔުނިޓުގެ މަސައްކަތް ނިންމާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...