އެމްޑީޕީގެ "ހައްގުވާ މިންވަރު"ގެ ވާހަކަ އަކީ އިންތިހާބުތަކާ ދިމާކޮށް ބޭނުންކުރާ ސިޔާސީ އުކުޅެއް!

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކޮންމެ އިންތިހާބަކާ ދިމާކޮށްވެސް ހައްގު މިންވަރުގެ ވާހަކަ ދައްކައެވެ. އެގޮތުން ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީގެ މެމްބަރުންނަށް ހައްގު މިންވަރު ހޯދައިދޭ ވާހަކަ ދެއްކިއެވެ. އަދި އެ ހައްގުވާ މިންވަރު ނުލިބެނީ ކޯލިޝަނާ ހެދި ކަަމަށްވެސް އެޕާޓީން ދަނީ ބުނަމުންނެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު މަސައްކަތަށްވީ ތިބޭފުޅުންގެ ހިތަށް އެވިސްނުން ވައްދައިދޭން. ތިމަންނާ އަކީ ހައްގުވާ މީހެކޭ. ހައްގު މިންވަރެއް އޮތް މީހެކޭ. ތިޔަ ބޭފުޅުންގެ ދުލުން، މީ ހެއްޔޭ ހައްގުވާ މިންވަރަކީ ބުނާ ބުނުން އަޅުގަނޑުމެން އަޑުއެހުން" މިއީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހދ.ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ  ނަޝީދު ދެއްކެވި ވާހަކަފުޅެވެ. ހައްގުވާ މިންވަރުގެ ވާހަކަ، މިއަދު ހަރު އަޑުން ނަޝީދު ވަނީ ދައްކަވައިފައެވެ.

މިއީކީ އާ ކަމެއް ނޫނެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށްވެސް އެމްޑީޕީއަށް ހައްގުވާ މިންވަރު ނުލިބޭތީ އެކަމުގެ ޝަކުވާ ނަޝީދު ކުރައްވައެވެ. އެ މިންވަރު ހޯދަން ހުރަސް އަޅަނީ ސަރުކާރު ކޯލިޝަނުގެ ބައިވެރިން ކަމަށް ވިދާޅުވެ، ކޯލިޝަން ބާކީކޮށް، އެމްޑީޕީއަށް ކޮންމެ އިންތިހާބެއްގެ މެޖޯރިޓީ ހޯދުމަށްޓަކައި އެ ޕާޓީން ގެންގުޅޭ ސިޔާސީ ހަތިޔާރަކަށް "ހައްގުވާ މިންވަރު" މިވަނީ ވެފައެވެ.

އެމްޑީޕީން ބުނާ ގޮތުގައި ހައްގުވާ މިންވަރެއް ކަނޑައެޅިފައިވަނީ އެޕާޓީގެ މެމްބަރުންނަށް އެކަންޏެވެ. އަދި ހައްގުވާ މިންވަރު އިންސާފުވެރިކަމާއެކީގައި ލިބޭނީވެސް ހަމައެކަނި އެމްޑީޕީގެ ތިލަފަތަށް ވޯޓު ދީގެން ކަމުގައިވެސް އެޕާޓީން ގަބޫލު ކުރެއެވެ.

"އަޅުގަނޑުމެން ނޫން ބަޔަކަށް ތިބޭފުޅުން ވޯޓު ދެއްވުމަކީ މުޅި މި ކަންތަކުގެ އިންސާފު ގެއްލޭނެ ކަމަށް" ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ހައްގު މިންވަރުގެ ވާހަކަ ދައްކައިގެން ސަރުކާރު ކޯލިޝަނުގެ ބައިވެރިން ބާކީކޮށް، ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރަން މަސައްކަތް ކުރިއަސް، އެޕާޓީއަށް ކޯލިޝަން ރޫޅާ ލެވޭކަށް ނެތެވެ. ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވި ފަދައިން، މި ސަރުކާރު ދެމި އޮތީވެސް ކޯލިޝަންގެ ސަބަބުންނެވެ. ވެރިކަން ހޯދައިދޭންވެސް ކޯލިޝަނުން ބުރަ މަސައްކަތްތަކެއް ކުރިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ވޯޓު ދިން މީހުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި، އަދާލަތު ޕާޓީގެ މެމްބަރުންގެ އިތުރުން، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރާ މީހުންވެސް ހިމެނެއެވެ.

އެ އެންމެންގެ މޫނުގައި ކޮޅުފައިން ޖެހުމަށްފަހު، ކޯލިޝަން ރޫޅާލަން އެމްޑީޕީއަށް ނުކެރޭއިރު، އެޕާޓީން މިއަދު ހައްގުވާ މިންވަރެއްގެ ވާހަކަ އެ ދައްކަނީ އެމްޑީޕީގެ މެމްބަރުންނަށް އޮޅުވާލުމުގެ ގޮތުން ކަމާމެދު ޝައްކެއް ނެތެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...