މޯދީގެ ގުޖުރާތު މޮޑެލް: މުސްލިމުންނާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއް!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ--

އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ރެންދްރަ މޯދީއަކީ އަބަދުވެސް އިސްލާމް ދީނަށް ނަފްރަތުކުރާ، މުސްލިމުންގެ އަދުއްވެކެވެ. އެކަން މިއަދު މުޅި ދުނިޔެއަށް ހާމަވެފައިވާއިރު މުސްލިމުންނަށް އަނިޔާވެރިވުމުގައި ދެމިހުރުމަށް މޯދީ އޭނާގެ އަމިއްސަ ސިޔާސީ ކެރިއަރވެސް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލަން ފަސް ނުޖެހޭނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

އިންޑިޔާގެ ސްޓޭޓުތަކުގެ އިގްތިސާދު ކުރިއެރުވުމުގެ ނަމުގައި ހުރިހާ ސްޓޭޓުތަކުގައި "ގުޖްރާތު މޮޑެލް" ގެ ނަމުގައި ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަން މޯދީ ވަނީ އިއުލާނުކުރައްވާފައެވެ.

މި މޮޑެލްއަކީ އިންޑިޔާއަށް އިގްތިސާދީގޮތުން ފައިދާތަކެއް ކުރާނެ އަދި ފަގީރުންނާއި މުއްސަދިންގެ ދެމެދުގައި އޮތް ފަރަގު ކުޑަކޮށްދޭނެ މޮޑެލްއެއްކަމަށް މޯދީ ވިދާޅުވަމުން ދިޔަކަމުގައި ވީނަމަވެސް މި ހަރަކާތްވެސް އިންޑިޔާގެ ގިނަ އެކްޓިވިސްޓުންނާއި ރައްޔިތުން ސިފަކުރަނީ މުޅިން އެހެން ގޮތަކަށެވެ. އެބޭފުޅުން " ގުޖުރާތު މޮޑެލް" ސިފަކުރަނީ އިންޑިޔާގެ ދީނީގޮތުން މައިނޯރިޓީ އޮންނަ ފަރާތްތަކަށް ޚާއްސަކޮށް މުސްލިމުންނަށް ކުރާ އަނިޔާތައް އިތުރަށް ފުޅާކޮށް ހަރުކަށި ކުރުމަށް ގެންނަ މޫވްމަންޓެއްގެ ގޮތުގައެވެ.

މިހާ ހިސާބުން ހަގީގަތުގައި "ގުޖުރާތު މޮޑެލް" ފެށިގެންއައި ގޮތަށް ނަޒަރު ހިންގާލާނަމެވެ. ގުޖްރާތަކީ އިންޑިޔާގެ އިގްތިސާދަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދިޔަ ސްޓޭޓެކެވެ. އެގޮތުން 2001 ވަނަ އަހަރުގެ ނިޔަލަށް އިގްތިސާދީގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ގުޖުރާތުގެ ރައްޔިތުން ދިޔައީ ހޯދަމުންނެވެ. ރިޕޯޓުތަކަށް ބަލާލާއިރު އިގްތިސާދީ ގޮތުން އަހަރަކަށް ދަށްވެގެން 14.5 އިންސައްތައިގެ ކުރިއެރުމެއް ގުޖުރާތުން ހޯދަމުން ދިޔައިރު ގައުއުމުގެ އިގްތިސާދަށް ގުޖުރާތުގެ ތަރައްޤީގެ 5.5 އިންސައްތައިން ފެށިގެން 8.9 އިންސައްތަ އާއި ހަމަޔަށް ދިޔައީ ހިއްސާ ކުރަމުންނެވެ.

ގުޖުރާތުގެ ރައްޔިތުން ދިރިއުޅެމުންދިޔަ ފުދުންތެރި ދިރިއުޅުން އެފުށްމިފުށަށް ޖަހާލީ 2002 ވަނަ އަހަރު ރަސްމީކޮށް ނަރެންދްރަ މޯދީ ގުޖުރާތު ސްޓޭޓު ހިންގުމާއި ހަވާލުވުވެޑައިގެންނެވުމާއި ވިދިގެންނެވެ. އެ އަހަރުގައި މުސްލިމުންނާއި ހިންދޫ ދީނުގެ މީހުންނާއި ދެމެދުގައި ހިނގާފައިވާ ހަމަނުޖެހުމެއްގެ ތެރެއަށް މޯދީ އަމިއްލަފުޅަށް ވަދެވަޑައިގެން ހައިޖާނު ބޮޑު ކޮށްލުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މުސްލިމުންގެ ތެރެއިން 1000އަށް ވުރެ ގިނަ މީހުން ޝަހީދުވެގެންދިއުމެވެ.

މީގެ އިތުރުންވެސް މުސްލިމް އެތައް އަންހެން ކުދިންނެއްގެ އިތްފަތްތެރިކަން ފޭރިގަނެ ދިރިހުއްޓާ ގައިގައި އަލިފާން ޖެއްސުން ފަދަ ލާ އިންސާނީ ހަމަލާތަކެއް ހައްދުފަހަނައަޅާފައިވާ ހިންދޫ ދީނުގެ މީހުންގެ ފަރާތުން މުސްލިމުންނަށް ލިބިގެންދިޔައެވެ. ގުޖުރާތު މޫވްމެންޓު ފެށިގެންދިޔައީ މިހާހިސާބުންނެވެ.

މި ލާއިންސާނީ އަމަލުތައް ދިފާޢުކުރައްވާ އެދުވަހުވެސް މޯދީ ވިދާޅުވަމުން ދިޔައީ ހިންދޫންނަށް އެމީހުންގެ ހިންހަމަ ނުޖެހުންތައް ބޭރުކުރުމަށް ފުރުސަތު ލިބެން ޖެހޭނެކަމަށެވެ. އަދި އެ ލާއިންސާނީ ހަރަކާތްތައް އެތައް ދުވަހަކަށް ދެމިގެންދިޔައިރުވެސް އެކަން ހުއްޓުވާ އަމާންކަން ގާއިމްކުރުމަށް މޯދީ އެއްވެސް މަސައްކަތްޕުޅެއް ކޮށްފައިނުވާކަން ގުޖުރާތު ޕޮލިސް އިންޓަލިޖެންސް ބިއުރޯގެ ސީނިއާ އިންޓަލިޖެންސް އޮފިސަރ ސަންޖީވް ބަޓް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިއަދު އަނެއްކާވެސް "ގުޖްރާތު މޮޑެލް" ގެ ނަމުގައި މޯދީ ކުރައްވަން އެ އުޅުއްވަނީ ހަމަ އެފަދަ ލާއިންސާނީ ހަރަކާތްތަކެއްކަން ހާމަވެއެވެ. އަދި އިންޑިޔާގައި 64 ވަންދެން ތަންފީޒުކުރަމުން ދިޔަ ސިޓިޒަންޝިޕް ބިލަށް ބަދަލުގެނެސް މުސްލިމުންނަށް ރަށްވެހިކަން ނުލިބޭގޮތަށް ނިންމާ އިންޑިޔާ ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލައިގެން އެ އުޅުއްވަނީވެސް ހަމަ އެމަނިކުފާނު އިންޑިޔާއިން އިސްލާމްދީން ނައްތާލުމަށް ގެންގުޅުއްވާ ޒާތީ ހުވަފެންފުޅެއް ސީދާކުރުމަށް ކަމަށްވެސް ގިނަ ބަޔަކު ސިފަކުރައްވައެވެ. މި ބިލާއި ދެކޮޅަށް އިންޑިޔާގެ ގިނަ ރައްޔިތުން ހުއްޓުމެއްނެތި އިހުތިޖާޖުކުރަމުންދާއިރު މި ބިލާ ދެކޮޅަށް އިހުތިޖާޖު ކުރާ ފަރާތްތަކާއި މެދު މޯދީގެ ސަރުކާރުން ކަންތައްކުރަމުން ދަނީ ވަރަށް އަނިޔާނެރިކޮށްކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް މުސްލިމުންގެ މައްޗަށް އެކަށީގެން ނުވާ ބާރުގެ ބާނުންކޮށް ފިއްތުންތައް ދަނީ ކުރިމަތިކުރުވަމުންނެވެ.

އޭގެތެރެއިންވެސް ޖަވާހިރުލާލް ނެހުރޫ ޔުނިވަރސިޓީގެ އެތެރަށް އިންޑިޔާ ފުލުހުން ގަދަކަމުން ވަދެ އެތަނުގައި އުޅޭ މުސްލިމު ދަރިވަރުންނަށް ދީފައިވާ ހަމަލާ ފާހަގަކޮށްލެވެއެވެ. މި ހާދިސާގައި 60 އަށް ވުރެ ގިނަ ކުދިންނަށް އަނިޔާވެފައިވާކަން ރިޕޯޓުތަކުން ހާމަވެއެވެ. އަދި އެ އަނިޔާތަކަށް ބިރުން ގިނަ ދަރިވަރުންތަކެއް ޔުނިވަރސިޓީ ދޫކޮށް ގޮސްފައިވާއިރު މި ޚަބަރުތައް ގެންސްދިނުމަށް މަސައްކަތްކުރަމުންދިޔަ މުސްލިމު ނޫސްވެރިޔާ އިންޑިޔާ ސިފައިން ހައްޔަރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

"ގުޖުރާތު މޮޑެލް" އަކީ އިންޑިޔާއަށް އެއްވެސް ވަރެއްގެ ތަރައްގީއެއް ގެނެވޭނެ އެޖެންޑާއެއް ނޫންކަމަށް ސިފަކުރައްވާ އިންޑިޔާގެ ކުރީގެ ޔޫނިއަން މިނިސްޓަރ އަދި ސީނިއަރ ކޮންގްރެސް ލީޑަރ ވިދާޅުވަނީ މި ހަރަކާތަކީ އެކެއްގެ އަތައް ގައުމުގެ ހުރިހާ ބާރެއް ގެންދިއުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. އަދި މި ހަރަކާތަކީ އެއްވެސްވަރަކަށް ގައުމުގެ އިގްތިސާދަށް އަންނާނެ ބަދަލުތައް މިންކުރެވިގެން ކުރިއަށްގެންދާ ހަރަކާތެއް ނޫންކަމަށާއި މިކަމުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކާއި އިންޑިޔާ އާއި ދެމެދުގައި އޮންނަ ގުޅުމަށްވެސް ބުރޫ އަރާނެކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

އިންޑިޔާގައި "ގުޖުރާތު މޮޑެލް" ކުރިއަށް ގެންދިއުމަށް އިއުލާނު ކުރުމާއި ގުޅިގެން އިންޑިޔާގެ މަހަރާސްތްރަ ސިޓީގެ ކުރީގެ ޗީފް މިނިސްޓަރވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ގުޖުރާތު މޮޑެލް އޭނާ ސިފަކުރައްވަނީ "މޯދީ މޮޑެލް" ގެ ގޮތުގައެވެ. އަދި މި ހަރަކާތަކީ ސީދާ ފަގީރުން އިތުރަށް ފަގީރުކޮށްލާ މުއްސަދިންނަށް އިތުރު ކުރިއެރުންތަކާއި ޕްރޮޖެކްޓްތައް ހޯއްދަވައިދެއްވުމަށް ފަށާ ހަރަކާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންޑިޔާގެ ގުޖްރާތު ސްޓޭޓަށް އެންމެ ފުރަތަމަ މި މޮޑެލް ގެނައުމާއި ގުޅިގެން އެ ސްޓޭޓުގެ ހާލަތު ދަށްވެގެން ގޮސްފައިވާ މިންވަރު ހާމަކުރައްވަމުން އޭނާ ވިދާޅުވީ ގުޖްރާތަކީ އިގްތިސާދީ ގޮތުން އިންޑިޔާގެ 6 ވަނަ ރޭންކުގައި އޮތް ސްޓޭޓެއްކަމަށާއި މި ހަރަކާތް ގެނައިތާ ފަސްއަހަރު ފުރިހަމަ ނުވަނިސް އެ ރޭންކު ވަނީ 11 ވަނައަށް ދަށަށް ވެއްޓިފައި ކަމަށެވެ.

އަދި މިހާރު ގުޖުރާތުގެ ހާލަތައް ނަޒަރު ހިންގާލާކަމުގައި ވާނަމަ ގުޖްރާތުގެ 21.5 އިންސައްތަ މީހުން ދިރިއުޅެމުން ދަނީ ފަގީރުކަމުގެ ގިންތިއަށްވުރެވެސް ދަށުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 47 އިންސައްތަ ކުޑަކުދިން، 28 އިންސައްތަ ފިރިހެނުން އަދި 63 އިންސައްތަ އަންހެނުންނަކީ މިންހެޔޮ ކާނާ އެއްގޮތަކަށްވެސް ނުލިބޭ މީހުންކަން ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ކަންމިހެންހުރިއިރު "ގުޖްރާތު މޮޑެލް" ހަރަކާތަކީ ސީދާގޮތުން މުސްލިމުންނަށް ކުރާ އަނިޔާ ފުޅާކުރުމަށް މޯދީ ފައްޓަވާ ހަރަކާތެއްކަން ކަށަވަރުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...