ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް މިމަހު 28 ގައި!

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް--

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑަރ ކުރެއްވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު ފަސް އަހަރުގެ މުއްދަތަކަށް ޖަލަށްލައި، ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރި ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުންތައް މިމަހުގެ 28 ގައި ފަށަން ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް ނިންމައި، ހުކުމް ކުރަން ހަމަޖެހިފައި އޮތް ދުވަހު އެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ، އަހުމަދު ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ރާވައިގެން ހިންގި އަމަލެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ހައިލަމް ސަސްޕެންޑް ކުރުމަށްފަހު، ރައީސް ޔާމީންގެ މައްސަލަ ދެން ބެއްލެވީ ކްރިމިނަލް ކޯޓުން އެކުލަވައިލި ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުންތައް މިމަހުގެ 28ގައި ފަށަން ނިންމާފައިވާއިރު، އެ އަޑުއެހުންތައް ނުފަށައި ގިނަ ދުވަސްތަކެއް ފާއިތުވަމުން ދިޔުމުން، އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ރައީސް ޔާމީންއަށް އިއްވި ހުކުމަކީ "ސިޔާސީ ހުކުމް"އެއްގެ ގޮތުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިފަ ކުރެއެވެ. އެ ހުކުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް އެބަކުރިއަށްދެއެވެ. މިހާތަނަށް ގާތްގަނޑަކަށް 30،000 މީހުން ވަނީ އެ ޕެޓިޝަނުގައި ސޮއިކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...