ވެހިކަލްގައި ސްޓިކަރ ޖަހައިގެން ރައްޔިތުންގެ ފައިސާކޮޅު ޖަހައިގަނެފި: ނިމާލް

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް: ފޮޓޯ ސަން

ޕާކިންގް ވައިލޭޝަން ސްޓިކަރ ޖަހައިގެން ރައްޔިތުންގެ ތެރޭގައި ދައުރުވަމުންދިޔަ ފައިސާ ސަރުކާރުން ޖަހައިގަނެފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާދެކޮޅަށް އަޑު އުފުލުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ 2019 ވަނަ އަހަރު ވެހިކަލްތަކުގައި ސްޓިކަރ ޖަހައިގެން 233 މިލިޔަން ރުފިޔާ އާންމު ރައްޔިތުންގެ އަތުން ސަރުކާރުން ހޯދާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ސަރުކާރުން ކުރީ ރައީސް ޔާމީންގެ 5 އަހަރުގެ ތެރޭގައި އިގްތިސާދީގޮތުން ރައްޔިތުން ކުރި މަސައްކަތުގެ ފައިދާ ޖަހައިގަތުންކަން އޭނާ ފާހަގަކުރެއްވިއެވެ.

"މީގެ ހަގީގީ ބޭނުމަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އިގްތިސާދީގޮތުން އެކިއެކި ބޭފުޅުން ހޯދި މަންފާތައް ކޮންމެވެސް ގޮތަކުން ޖަހައިގަނެ ރައްޔިތުންގެ ދައުރުވަމުންދިޔަ ފައިސާތައް ސަރުކާރަށް ނެގުން." ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވިގޮތުގައި ސަރުކާރުން އެފަދަ ގޮތަކަށް އާންމު ރައްޔިތުންނާއި ދޭތެރޭގައި ކަންތައްތައް ކުރަނީ ރައްޔިތުން ބިކަ ހާލުގައި ޖައްސާ ވޯޓަށް އަޅުވެތި ކުރުމަށެވެ.

ޕާކު ކުރާނެ ތަނެއް ނުދައްކައި ސްޓިކަރ ނުޖަހާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުގެ ވައުދުތައް ހުންނަނީ އެއާ މުޅިން ޚިލާފަށެވެ. މިއަހަރުގެ ބަޖެޓުގައި ވެހިކަލްތަކުގައި ސްޓިކަރ ޖަހައިގެން 32 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު މިފަހަކަށް އައިސް ފުލުހުން ގެންދަނީ އޮޕަރޭޝަން ރިވެލީގެ ނަމުގައި ވެހިކަލްތައް ބަލާ ފާސްކުރުމާ ޕާކު ކުރާނެ ތަނެއް ނެތިގެން ކިރިޔާވެސް ޒޯނުން ބޭރުގައި ދުއްވާ އުޅަނދު ބަހައްޓާލާއިރަށް ސްޓިކަރ ޖަހަން ފަށާފައެވެ.

މިކަމާގުޅިގެން މީސްމީޑިއާގައި ބައެއް ފަރާތްތަކުން ބުނަނީ އޮޕަރޭޝަން ރިވިލެ ކިޔުމަށްވުރެ އޮޕަރޭޝަން ދަވާލި ކިޔުން މާ ރަނގަޅުވާނެކަމަށެވެ. މާލޭގެ ގިނަ މަގުތަކާއި ގޯޅި ތަކުގައި މިފަހަކަށްއައި އަންނަނީ ޕާކް ނުކުރެވޭގޮތަށް ޑަބަލް ލައިން ކުރަހަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...