އެމްޑީޕީއަށް ކޯލިޝަނާ ހެދި ބޮޑު އުނދަގުލަކަށް ވެއްޖެ!

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަށް ވެރިކަން ލިބުނީ، ގިނަ ޕާޓީތަކަކާ ގުޅިގެންކަން އެންމެންވެސް ދަނެއެވެ. އެކަނި ވެރިކަން ހޯދުމުގެ ގާބިލު ކަމެއް އެމްޑީޕީއަށް ލިބިފައިނެތްކަން ތާރީހު ހެކިދެއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް އެމްޑީޕީން ކާމިޔާބު ކުރީ ބޮޑު ކޯލިޝަނަކާއެކުގައެވެ. އޭރުވެސް ވެރިކަން ލިބުމުން ކޯލިޝަންގެ ބައިވެރިން ވެގެން ދިޔައީ ބޭނުންކޮށްފައި އޮތް ޓިޝޫކޮޅުތަކެއް ފަދަ އެއްޗަކަށެވެ.

ތުން ފޮހެލާފައިވާ ޓިޝޫކޮޅެއް ބާއްވާނީ ކާކުތޯއެވެ؟ ވެރިކަން ލިބުމުން އެފަހަރުވެސް ކޯލިޝަނުގެ ބައިވެރީން ބާކީ ކޮށްލީއެވެ. މިފަހަރު އެހެން ނުހަދަންވީ ސަބަބެއް ނެތެވެ. އެއްފުޅައްމަތިން ފުއްމާލި ބަކަރި، އަނެއް ފުޅައް މަތީންވެސް ފުންމާލާނެއެވެ.

އެމްޑީޕީއަކީ ބާރުތައް އެއްކުރުމަށް ނިކަން ޝައުގުވެރިކަން ހުންނަ ޕާޓީއެއް ކަމަށް ސިޔާސީ މުފައްކިރުން ބުނެއުޅެއެވެ. އެޕާޓީން ބޭނުންވަނީ، އެޕާޓީ އެކަންޏަށް ހުރިހާ އިންތިހާބެއްގެ ހުރިހާ ގޮނޑިއެއް ހޯދުމަށެވެ. ކޯލިޝަނުގެ ބޯކިބަލުގެ އެންމެ ފޮއްޗެއްވެސް އެމްޑީޕީއަށް ވެގެންވާނަމަ، އެހެން ބަޔަކަށް ނުދޭނެއެވެ. އެޕާޓީން މި ގެންގުޅޭ އުކުޅަކީ، އިންތިހާބުތަކާ ދިމާކޮށް ކޯލިޝަނުގެ ބައިވެރިންނަކީ ތަނެއް ދޮރެއް ނޭނގޭ ބަޔަކަށް ހެދުމެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ކަންކުރީ އެގޮތަށެވެ. އެޖެންޑާ 19 އަކީ ކޮންއެއްޗެއްކަން އެނގޭނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންނަށް ކަމަށް ބުނެ، ކޯލިޝަނުގެ އެއްބަސްވުމާ ހިލާފަށް އެމްޑީޕީން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރަން ނިންމައި، މަޖިލީހުގެ ބާރުތައްވެސް މުށުތެރެއަށް ނެގީއެވެ.

މިހާރު ފެންނަމުންދަނީވެސް އެފަދަ މަންޒަރުތަކެކެވެ. މިފަހަރު ލާމަރުކަޒީ ރާއްޖެއެެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ ލާމަރުކަޒީ ނިޒާމު ދަންނަނީ ހަމައެކަނި އެމްޑީޕީ ކަަމަށެވެ. ކައުންސިލް ހިންގަން އެހެން ބަޔަކަށް ނޭނގޭނެ ކަމަށެވެ. އަދި ކޯލިޝަނާ ހެދި ބޮޑު އުނދަގުލަކަށް ވެފައިވާ ކަމަށްވެސް ރިވެތި ބަހުން ނަޝީދު މިވަނީ ވިދާޅުވެފައެވެ.

ކޯލިޝަނުގެ ވިސްނުމަށްވުރެ ބޮޑަށް ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ފިކުރުކަމަށް ނަޝީދު ވިދާޅުވިއިރު، މި ސަރުކާރަކީ ހަމައެކަނި އެމްޑީޕީގެ ސަރުކާރެއް ނޫން ކަަމާއި، ސަރުކާރަކީ ކޯލިޝަން ސަރުކާރެއްކަން މަނިކުފާނު ހަނދުމަފުޅު ނެތީތޯއެވެ؟

ކެމްޕެއިން ދަތުރެއްގައި ހއ.އިހަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް އުފެދިފައި އޮތް ނަމަވެސް ރަށްރަށުގައި ތިބި ރައްޔިތުންގެ ގިނަ ބަޔަކަށް އަދިވެސް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭ ކަމަށާއި އޭގެ ސަބަބަކީ ސަރުކާރު ހިންގުމަށް ހަދާފައިވާ ކޯލިޝަން ކަމަށެވެ. އަދި ރައްޔިތުންނަށް ވެސް ހައްގުވާ މިންވަރު ނުލިބި ދަނީ އެބައި އެހެން ތަންތަނަށް އަޅަން ޖެހޭ މިންވަރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ވިދާޅުވެވުނީ ވަރަށްވެސް ބޮޑު ތެދުފުޅެކެވެ. ވެރިކަން ލިބިވަޑައިގެންނެވި ދުވަހުން ފެށިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދަވަނީ ރައްޔިތުންނަށް ހައްގުވާ މިންވަރު "އެހެން ތަންތަނަށް އަޅުއްވަމުން"ނެވެ. ރައްޔިތުންގެ ޖީބަށް ފައިސާއެއް ނުވަދެއެވެ. ބަދަލުގައި ރައްޔިތުންގެ ޖީބުން، ސަރުކާރުގެ އެކި އިސް މަގާމުތަކުގައި ތިބި މީހުންނަށް ބޮޑު މުސާރަ ދޭން މިވަނީ ޓެކްސް ދައްކަން ޖެހިފައެވެ.

އެމްޑީޕީގެ މެމްބަރުން ހިތްފުރޭވަރަށް އިސް މަގާމުތައް ނުދެވުނަސް، ބޮޑު ކޯލިޝަނުގެ ބައިވެރީންނަށް ބޮޑެތި މަގާމުތައް ނުދީ ފަރުޖެއްސޭކަށް ނެތެވެ. ކޯލިޝަން އޮތީ ބަދަހިކޮށްކަން ދެއްކުމުގެ ގޮތުންވެސް އެވެރީންނަށް ބޮޑެތި މަގާމުތައް ދޭން ސަރުކާރަށް މިވަނީ މަޖުބޫރުވެފައެވެ. ކޯލިޝަން ރޫޅާލައިގެންވެސް ވާކަށް ނެތެވެ. ކޯލިޝަން ރޫޅިއްޖެ ނަމަ، ވެރިކަން ވެއްޓިދާނެއެވެ. 2008 ވަނަ އަހަރު ލިބުނު ވެރިކަން ބީވެގެން ދިޔަ ގޮތާއި އޭގެ ހިތި ރަހަ އަދި އެމްޑީޕީގެ އަރުތެރެއިން ފިލާނެހެނެއް ހީއެއް ނުވެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާމެދު ވިސްނާލާއިރުވެސް މިހާރު އޮތް ކޯލިޝަން ރޫޅާލުމަކީ ބުއްދިވެރި ގޮތެއް ނޫންކަން އެމްޑީޕީއަށްވެސް އެނގެއެވެ. އެހެންނަމަވެސް އެ ކޯލިޝަނާ ހެދި އުނދަގޫވެގެންވެސް އުޅެންޖެހެނީ މަދެއްކޮށް ނޫނެވެ. އެމްޑީޕީން ބޭނުންވާ ގޮތަށް އެޕާޓީއަށް ހުރިހާ ގޮނޑިއެއް ހޯދުމަށް ފުރުސަތު ދީ، ކޯލިޝަނުގެ ބައިވެރީން އިންތިހާބުތަކުން އެކަހެރިވެލާނަމަ، ކިހާ ރަނގަޅު އެހެންނޫތޯއެވެ؟ އެމްޑީޕީން ބޭނުންވަނީ އެގޮތެވެ. ބޯކިބާ ބައިބަޔަށް ބަހާކަށް އެޕާޓީން ބޭނުމެއް ނުވެއެވެ.


ވާނީވެސް އެހެންތާއެވެ. އެމްޑީޕީގެ "ލޮޖިކް"ގައި، ހައްގު މިންވަރެއް ކަނޑައެޅިފައިވަނީ ހަމައެކަނި އެޕާޓީއަށެވެ. އެހެން މީހުންނަށް އޮންނަނީ ފެންކައްކާ ބޮލީގެ އިއްޒަތެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...