ނޯބެލް ސުލްހައިގެ އިނާމު ހައްގުވަނީ އަޅުގަނޑަށް: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް-- ފޮޓޯ: ޓައިމް

ނޯބެލް ސުލްހައިގެ އިނާމު ހައްގު ވަނީ އެމަނިކުފާނަށް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އޮހާޔޯގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެއްބަސްވުމެއް ހަދައި، ގައުމެއް ސަލާމަތް ކުރެއްވީ އެމަނިކުފާނު ކަމަށާއި، ގިނަ ހަނގުރާމަތަކެއްވެސް ހުއްޓުވާފައިވާނެ ކަމަށެވެ.

ޓްރަމްޕް އެ އިޝާރާތް ކުރެއްވީ މިދިޔަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވި އިތިއޯޕިއާގެ ބޮޑު ވަޒީރު އަބީ އަހުމަދަށެވެ. އުމުރުން 43 އަހަރުގެ އަބީ އަކީ އެފްރިކާގެ ގައުމެއްގެ އެންމެ ޒުވާން ވެރިޔާއެވެ. އިތިއޯޕިއާގެ ބޮޑުވަޒީރު ކަމަށް އެމަނިކުފާނު ހޮވިވަޑައިގަތީ 2018 ވަނަ އަހަރުގެ އޭޕްރީލްމަހުގައެވެ.

އަބީގެ ވެރިކަމުގައި ސުލްހައަށް ކުރެއްވި މަސައްކަތްޕުޅު ތަކުގެ ތެރޭގައި އިދިކޮޅު އެތައް ބަޔަކު ޖަލުން ދޫކޮށްލެއްވި އެވެ. މީޑިއާގެ މިނިވަންކަން ދެއްވައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރެއްވިއެވެ. އެމަނިކުފާނަށް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވަނީ އެރިތުރިއާ އޮތް ހަމަނުޖެހުންތަކަށް ހައްލެއް ގެނެސް ދެއްވުމުންނެވެ. އިތިއޮޕިއާއާއި އެރިޓްރިއާގެ ސަރަހައްދީ ރޮނގުގައި 1988 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ދެމެދު ވަރުގަދަ ހަނގުރާމައެއް ވަނީ ހިނގައިފައެވެ.

އެ ހަނގުރާމައިގައި 10،000އަށްވުރެ ގިނަ މީހުން މަރުވިއެވެ. 2000 ވަނަ އަހަރުގައި ދެގައުމުގެ މެދުގައި ހަމަލާ ބަދަލު ކުރުންތައް ހުއްޓާލިނަމަވެސް، 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ދެ ގައުމުގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުން އައިސްފައިވެއެވެ. 2018 ވަނަ އަހަރު، އަބީއާއި އެރިޓްރިއާގެ އިސް ވެރިންނާއި ސޮއިކުރެއްވި އެއްބަސްވުމަށްފަހު، އިތިއޮޕިއާގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވިއެވެ. އެ ސުލްހައިގެ އެއްބަސްވުން ގާއިމު ކުރުމުގައި އެމެރިކާގެ ދައުރު ވަރަށް ކުޑައެވެ.

އަބީއަށް ނޯބެލް ސުލްހައިގެ އެވޯޑް ލިބިވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގައެވެ. އެއީ 2016 ވަނަ އަހަރުގައި އެމެރިކާގެ ރައީސްގެ މަގާމަށް ޓްރަމްޕް އިންތިހާބުވެވަޑައިގެންނެވި ފަހުން، ގައުމެއްގެ ވެރިއަކަށް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...