ވީއައިއޭގެ އިރުމަތީ ފަރާތު އޭޕްރަން ބޭނުން ކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެއާޕޯޓުގައި ތަރައްގީ ކުރަން ފެށި އާ އޭޕްރަން، ވަގުތީ ގޮތުން ޖެޓްތައް ޕާކްކުރުމަށް ހުޅުވާލައިފި އެވެ.

އާ އޭޕްރަން ވަގުތީ ގޮތުން ހުޅުވާލާފައި މިވަނީ އަހަރާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޖެޓްތައް ގިނަ ވެފައިވާ ދުވަސްވަރެއްގައެވެ. އެމްއޭސީއެލްއިން ބުނީ ހުޅަނގު ފަރާތު އޭޕްރަންތައް ފުރުމުން، އިރުމަތީ ފަރާތު އޭޕްރަން، ވަގުތީ ގޮތުން ހުޅުވާލީ، ތޮއްޖެހުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކާ ގުޅިގެން ކަމަށެވެ.

ވީއައިއޭގައި ހަދާފައިވާ އެންމެ ޒަމާނީ ރަންވޭ ބޭނުންކުރާކަށް އަދި ނުފަށައެވެ. އެމްއޭސީއެލުން ބުނި ގޮތުގައި އާ ރަންވޭ ބޭނުންކުރަން ފެށޭނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. އެއީ އެ ރަންވޭއާ ޖެހިގެން މިހާރު ހުރި ޓީއެމްއޭގެ ޓާމިނަލް އެތަނުން ނަގާ، ރަންވޭއަށް ބޭނުންވާ ހުސް ޖާގަ ހެދުމަށް ފަހު އެވެ.

ވީއައިއޭގެ އާ އޭޕްރަންގެ ބޭނުން ކުރަން ފެށުމާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މެގަ ޕްެރޮޖެކްޓް ފައްޓަވައިދެއްވި ކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތައުރީފުކުރައްވައިފައެވެ.

އެއާޕޯޓަށް ޖައްސާ ޖެޓްތައް ގިނަ ވެފައިވާ ދުވަސްވަރެއްގައި އޭޕްރަންގެ ބޭނުން ކުރަން ފެށުމުން ލުއިފަސޭހަ ވެގެންދާނެކަންވެސް ސައީދު ކުރެއްވި ޓްވީޓުގައި ވަނީ ފާހަގަކުރައްވައިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...