ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އަދި ފަނޑިޔާރުކަމަށް ސުއޫދު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އަހުމަދު މުއުތަސިމް އަދުނާން އަދި ފަނޑިޔާރުކަމުގެ މަގާމަށް އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި މަރުތަކާއިބެހޭ ކޮމިޝަންގެ ރައީސް ކަމުގައި ދާދި ފަހަކާޖެހެންދެން ހުންނެވި ހުސްނުއްސުއޫދު އައްޔަން ކޮށްފިއެވެ.

މި ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 64 މެންބަރުން ވޯޓުންނެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު އައްޔަން ކުރުމާއި ގުޅޭގޮތުން ތައްޔާރު ކުރި ރިޕޯޓަށް ބަހުސް ކުރަމުން، މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވަނީ ސުއޫދަކީ އެމަގާމަށް އައްޔަން ކުރުމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅާ ރައީސެއްގެ މަގާމުގައި ހުންނަވައި މަރުކޮމިޝަނުގެ މަސައްކަތްތަކަށް ވާނުވާ ނޭނގުމުގެ ސަބަބުން އެނގި ހާމަވެގެން ދަނީ ސުއޫދަކީ ޒިންމާދާރުކަން ކުޑަ ބޭފުޅެއްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އޭނާ ވަނީ ހުސްނުއް ސުއޫދަކީ ސިޔާސީ ބޭފުޅެއްކަން ފާހަގަ ކުރައްވައި، އެބޭފުޅާއަކީ އެމަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫންކަން ފާހަގަކުރައްވާފައެވެ. ސުއޫދު ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި އެބޭފުޅާއަކީ އަކީ ޓުވިޓަރގައި އާންމު ފަރާތްތަކަށް ސިޔާސީގޮތުން ރައްދު ދެއްވަމުން ގެންދެވި ބޭފުޅެކެވެ.

މުއުތަސިމް އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްްވައިގެންނެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގެ ބައިވެރިވެ ސިޔާސީގޮތުން ރައީސް ނަޝީދުގެ އަރިހުގައި މަސައްކަތްކުރެއްވި މެމްބަރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ސަރިވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެޖޯރިޓީ ގުޅިގެން ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން އަލްއުސްތާޒު އަބްދުﷲ ދީދީ މަގާމުން ވަކިކޮށްފައެވެ. އަދި ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރިކަމަށް ބުނެ ދައުލަތުން އުފުލި ދައުވާގެ ހުކުމް ކުރުމަށް ފުރަތަމަ ކްރިމިނަލް ކޯޓުގައި ތާވަކު ކުރި ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ހުކުމް ކުރުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ޖޭއެސްސީއިން އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން އެކަހެރިކޮށްފައިވެއެވެ. އަދުލުގެ ނިޒާމް ފުނޑާލާފައިވާ ފަދަ މޭރުމަކުން ވާހަކަ ދެއްކެވުމަށް ފަހު ހައިލަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ސުލޫކީ މައްސަލަތަކެއް ފެންމަތިވެފައިވާ ފަނޑިޔާރު އަލީ ރަޝީދު އިސްވެ ހުންނަވައިގެން ރައީސް ޔާމީންގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މި މައްސަލަ މިހާރުވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ ފަރާތަތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...