މާލޭ ސިޓީ ކައުންސިލަރުންގެ އަދަދު 19އަށް އިތުރު ކުރާތީ ޝިޔާމް ފާޑުވިދާޅުވެއްޖެ

މާލޭ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެެނެސްފައިވާ އިސްލާހަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ. 

ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހޭނެ ކަމަށާއި، އަދި ފަސް ކައުންސިލަރުން ތިބޭ ކޮންމެ ކައުންސިލެއްގައި މަދުވެގެން ދެ އަންހެން ކައުންސިލަރުން ތިބެން ޖެހޭ ގޮތަށް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން އެ ބިލު ވަނީ ފާސްކޮށްފައެވެ. 

ލާމަރުކަޒީ ގާނޫނަށް ގެންނަން ފާސްކުރި ބަދަލުތަކުގެ ތެރޭގައި 30،000އާއި 60،000އާއި ދެމެދުގެ އާބާދީއެއް އޮންނަ ސިޓީތަކަށް 13 ކައުންސިލަރުން،އަދި 60،000އިން މަތީގެ އާބާދީތަކަށް 19 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. 

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ތަމްސީލު ކުރައްވާ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށް ފާޑު ވިދާޅުވެ، މެމްބަރު ޝިޔާމް ވިދާޅުވި މި ސަރުކާރުގެ ސިޔާސީ މަގާމުތައް މިހާރުވެސް 800އަށްވުރެ އިތުރުވެފައިވާ ކަމަށާއި، ދައުލަތުގެ ހަރަދުތައް އެހާ ބޮޑުވެފައިވާއިރު، ގިނަ ކައުންސިލަރުންތަކެއް އިންތިހާބު ކުރުމުގެ ފައިދާއެއް އޮންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ވަޒީފާ އުފެއްދުމުގެ ނަމުގައި ސަރުކާރުން ކައުންސިލަރުންގެ އަދަދު އިތުރު ކުރަން ނިންމާފައިވާއިރު، މި ސަރުކާރަކީ އާމްދަނީ ހޯދަން އެނގޭ ސަރުކާރެއް ނޫން ކަމަށެވެ. އެގޮތުން ރައްޔިތުންގެ ފައިސާ ހުސްކުރަނީ "ސިޔާސީ މީހުންނަށް" ދީގެން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިއަހަރަށް ފާސްކުރި 33 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަށް ވީގޮތާމެދުގައި ރައްޔިތުން ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. 

އަދި ބަދަލު ދިނުމުގެ ނަމުގައި 2.4 ބިލިއަން ރުފިޔާ، ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ބަހާ ހުސްކޮށްފައިވާ ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވައްކަން ކުރަނީ ބަދަލުގެ ގޮތުގައި ފައިސާ ދީގެން ކަމަށް ސަރުކާރު ހިންގާ މައި ޕާޓީގެ އިސް ބޭފުޅުންވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް އެކަމަށް އިއުތިރާފުވެވަޑައިގެންފައިވާކަން ޝިޔާމް ވަނީ ފާހަގަކުރައްވައިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...