އެމްޑީޕީއަކީ އުފެދުމުގައިވެސް "ލާދީނީ ޕާޓީ"އެއް!

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަކީ ރާއްޖެއަށް އެހެން ދީންތައް ގެނެސް، ރާއްޖޭގައި ބުދު ފައްޅިއަޅަން މަސައްކަތް ކުރާ ޕާޓީއެކޭ ގިނަ ބަޔަކު ބުނާތީ އަޑުއިވެއެވެ. އެމްޑީޕީ ނޫނަސް ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް އެބަހުއްޓެވެ.

އެޕާޓީތަކަށް "ލާދީނީ" ޓެގް އަޅުވާ ތަނެއް ނުފެނެއެވެ. އެމްޑީޕީއާއެކު އެކި ފަހަރުމަތީން ކޯލިޝަން ހެދި ޕާޓީތަކަށްވެސް އެ ލަގަބު ލިބިފައެއް ނުވެއެވެ. ދެން އުފެދޭ ސުވާލަކީ "ކީއްވެ އެމްޑީޕީ؟"އެވެ. ލާދީނީ ނުވަތަ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ވާހަކަތަކާ، އަމަލުތައް ހިންގާ ޕާޓީއެއްގެ ލަގަބު އެމްޑީޕީއަށް ލިބެނީ ކީއްވެގެންތޯއެވެ؟ އެމްޑީޕީއަށް ލާދީނީ ޕާޓީއޭ ގޮވަމުންދަނީ އެޕާޓީން ކީއްކޮށްގެންތޯއެވެ؟ ބައެއް ސަބަބުތައް ދަންނަވާލާނަމެވެ.

އެންމެ ފުރަތަމަ އަޅުގަނޑު ބެލުންތެރިންނާ ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެކެވެ. އެއީ ސެކިއުލާ ވިސްނުމުގެ މީހުން ނުވަތަ ލާދީނީ ވިސްނުމުގެ މީހުން އެމްޑީޕީއަށް މަރުދެނީ ކީއްވެގެންތޯއެވެ؟ އިސްލާމް ދީން ގަބޫލު ނުކުރާ ކަމަށް ފާޅުގައި އިއުލާންކޮށްފައިވާ މަދު ބަޔަކު އެމްޑީޕީއަށް ތާއީދު ކުރާ ސަބަބާމެދު ވިސްނާލިންތޯއެވެ؟ ގިނަ މީހުންގެ ސިޔާސީ ފިކުރު ބަދަލުވާ މަންޒަރު ފެނެއެވެ. އެހެންނަމަވެސް ދިވެހީންގެ ތެރެއިން އިސްލާމް ދީން ދޫކޮށްލި މަދު ބަޔަކު އަބަދުވެސް އެމްޑީޕީއަށް ތާއީދުކުރެއެވެ.

ޓްވިޓަރގައި އިސްލާމް ދީނާ ދެކޮޅަށް ޓްވީޓް ކުރާ "މުޖޫ ނައީމް"އާ އެއް ޖިއްސުން ގުޅުން ހިންގާ ކަމަށް ފާޅުގައި އިއުލާނުކޮށްފައިވާ، އޭނާގެ ކޮއްކޮ އިބްރާހީމް ނައީމް އެމްޑީޕީއަށް ތާއީދު ކުރަނީ ކީއްވެގެންތޯއެވެ؟ "މުޖޫ ނައީމު" އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާއެކު ހިނިތުންވެގެން ސެލްފީ ނެގީ ކީއްވެގެންތޯއެވެ؟ އިސްލާމް ދީނަށް ފުރައްސާރަކޮށް ބޮޑު މާސިންގާ ރިޕޯޓެއް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް( އެމްޑީއެން)ގެ މެމްބަރުންވެސް ތާއީދު ކުރަނީ ހަމަ އެމްޑީޕީއަށެވެ. މިއީ އަޖައިބެއްފަދަ އިއްތިފާގެއް ނޫންތޯއެވެ؟ މިއީވެސް ވިސްނާލުން ރަނގަޅު ނުކުތާއެކެވެ.

ދެން އޮތީ އެމްޑީޕީގެ ރައީސްގެ ވާހަކައެވެ. އެމަނިކުފާނުގެ ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ތެދުތެދަށް ދަންނަވާނަމަ، އެމްޑީޕީ އަކީ އެމަނިކުފާނެވެ. އަދި އެމަނިކުފާނަކީ އެމްޑީޕީއެވެ.

އެމަނިކުފާނަކީ "ލާދީނީ" ބޭފުޅެއް ކަމަށް ވަރަށް ގިނަ މީހުން ގަބޫލު ކުރެއެވެ. ޕާޓީގެ ރައީސްއަށް ލިބިވަޑައިގެންނެވި ލަގަބު ޕާޓީއަށް ނުލިބި ދާނެ އެއްވެސް ގޮތެއް އޮންނާނެތޯއެވެ؟ އެމްޑީޕީއަކީ "ލާދީނީ" ފިކުރުގެ ޕާޓީއެއް ނޫންނަމަ، އެޕާޓީގެ ރައީސް ކީރިތި ޤުރުއާނާ ރަސޫލާގެ ސުންނަތް ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވީ ކީއްވެގެންތޯއެވެ؟

ރަސޫލާއަށް ސަލަވާތް ކިޔަވަން ނުޖެހޭނެ ކަމަށާއި، ކަންމަތީ ފިހާރައިން ބިޔަރު ދަޅު ލިބެން ޖެހޭނެ ކަމަށާއި، އެންމެން އަބަދު ހަމައިގައި ތިބެން ނުޖެހޭނެ ކަމަށް ވިދާޅުވީ ކީއްވެގެންތޯއެވެ؟ އިސްލާމް ދީނަށް ފުރައްސާރަކުރި އެމްޑީއެންގެ މެމްބަރުންގެ ދިފާއުގައި ވާހަކަފުޅު ދެއްކެވީ ކީއްވެގެންތޯއެވެ؟ އަންހެނުން ބުރުގާ އަޅަން ކަމު ނުދާ ކަަމަށް ވިދާޅުވީ ކީއްވެގެންތޯއެވެ؟

ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރާތީ ރާއްޖެއިން ޑީޕޯޓް ކޮށްލި ޑޭވިޑް ހާޑިންހަމް، އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ގެންނެވީ ކީއްވެގެންތޯއެވެ؟ މިފަދަ ކިތަންމެ ސުވާލެއްވެސް އެމްޑީޕީގެ ރައީސްއާ ގުޅޭ ގޮތުން ކުރެެވިދާނެއެވެ. އެ ސުވާލުތަކުގެ ޖަވާބު ތިޔަބޭފުޅުން އަމިއްލައަށް ދެއްވާށެވެ.

މީ އެމްޑީޕީގެ މިހާރުގެ ރައީސްގެ ވާހަކައެވެ. އަލަތު ރައީސްގެ ވާހަކަވެސް ދައްކާލަން ޖެހޭނެއެވެ. ސްރީލަންކާގެ ކޮލޮމްބޯގައި ޕާޓީގެ އޭރުގެ ލީޑަރޝިޕް އަރުވާލެވިގެން ތިބެ، އެމްޑީޕީ އެންމެ ފުރަތަމަ އުފެއްދީ 2003 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެޕާޓީ، އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އަކީ މަންދު ކޮލެޖުގެ ވެރިޔަކަށް ހުންނެވި އިބްރާހީމް އިސްމާއީލް ނުވަތަ މަޝްހޫރު ނަމުންނަމަ އިބްރާއެވެ. އިބްރާހީމް އިސްމާއީލް އަކީ ދީނަކީ އިޖުތިމާޢީ އެއްޗެއް ކަމަށް ވިދާޅުވި ބޭފުޅެކެވެ. ދީނުގެ އެކި ހުކުމްތަކަށް ފާޅުގައި ގޮންޖައްސަވައި، ދީނީ އިލްމުވެރިންނަށް ފާޑުވިދާޅުވަމުން ގެންދަވާ އިބްރާހީމް އިސްމާއީލްއަކީ އެމްޑީއެންގެ ބާނީކަމުގައިވާ ޝަހިންދާ އިސްމާއީލްގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.

އެމްޑީޕީގެ ފިކުރަކީ "ލާދީނީ" ފިކުރު ކަމުގައި ނުވާނަަމަ، އެޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކު އިސްލާމް ދީނާ ދެކޮޅަށް އެކި ވާހަކަތައް ދައްކަވަނީ ކީއްވެގެންތޯއެވެ؟

މި ދަންނަވާލީ އެމްޑީޕީގެ ރައީސުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ދީނާ ހިލާފަށް ކުރެއްވި ބައެއް ކަންކަމުގެ ވާހަކައެވެ. މިހާރު އެޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވީ އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން، އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވާހަކަވެސް ދައްކާލަން ޖެހެއެވެ. ރައީސް ސޯލިހުއަަކީ ބަސްމަދު އަދި އަމަލު ގިނަ ބޭފުޅަކަށްވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމް ދީނަށް ހަޖޫ ޖެހުން އިންތިހާއަށް އިތުރުވެ، ތަފާތު އެކި ވާހަކަތައް ދީނާ ދެކޮޅަށް ދައްކަމުން އަންނައިރުވެސް ރައްޔިތުންނަށް ފެނިގެންދަނީ ރައީސް ސޯލިހު ހަނު ހުންނަވާ މަންޒަރެވެ.

ބެސްޓްފްރެންޑް ނަޝީދު ދައްކަވާ އެއްވެސް "ލާދީނީ"ވާހަކައެއް، އަދި އެމްޑީއެންއިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓެއްވެސް ރައީސް ސޯލިހު ކުށްވެރިއެއް ނުކުރައްވައެވެ.

ކިރިޔާ ކަމެއްވާއިރަށް ޓްވީޓް ކުރައްވާ ރައީސް ސޯލިހު އެމްޑީއެންގެ މައްސަލައިގައި އިހްތިޔާރު ކުރެއްވީ އެކަން ފެނިވަޑައިގެންނެވި ކަމަށްވެސް ނުހެއްދެވުމެވެ. މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ފަދައިން، ރައީސް ނަޝީދުގެ އަމާޒަކީ ރައީސް ސޯލިހުގެވެސް އަމާޒެވެ. އެހެންކަމުން ދީނީ ކަންކަމުގައި ހައްގު ބަސް ވިދާޅުނުވެ، ރައީސް ސޯލިހު ހަނު ހުންނަވާ ސަބަބު ރައްޔިތުންނަށް ވަރަށް ސާފެވެ.

އެމްޑީޕީގެ ފިކުރަކީ ރައީސް ނަޝީދާ ރައީސް ސޯލިހުގެވެސް ފިކުރެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ފަދައިން، ރައީސް ނަޝީދާއި ރައީސް ސޯލިހުއަކީ އެއް ހަށިގަނޑެއްގައިވާ ދެ ފުރާނައެވެ. އެހެންކަމުން އެމްޑީޕީއަކީ އުފެދުމުގައިވެސް "ލާދީނީ" ފިކުރުގެ ޕާޓީއެކޭ ބުނުމުގެ ޖާގަ އެބައޮތެވެ. އެ ޕާޓީގެ މާޒީއާއި، މިއަދަށް ބަލައިލުމުންވެސް އެ ޕާޓީއާ ލާދީނީ ފިކުރާ އޮތް ގުޅުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. މިއީ އެމްޑީޕީގެ ދީނަށް ލޯބި ކުރާ މެމްބަރުން ވިސްނަން ޖެހޭ ކަންކަމެވެ. އެޕާޓީއާ ވަކިވާން ޖެހޭ ސަބަބުތަކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...