ހައިލަމްގެ ނަޒަރުގައިވެސް ޝަރުއީ ދާއިރާ ވަނީ ސިޔާސީވެފައި!

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުން އިސްތިއުފާދެއްވި އަހްމަދު ހައިލަމް

ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް ތުހުމަތު ކުރައްވައިފިއެވެ. ހައިލަމް ވަނީ އިއްޔެގެ ވަގުތެއްގައި ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ކުރައްވައި، ނުފޫޒުން އެއްކިބާ ކުރައްވާ، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކީގައި އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވުމަށްފަހުއެވެ.

އެެހެންނަމަވެސް ފެންނަމުންދަނީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކަމަށް ބުނެ، ސިޔާސީ ނުފޫޒުން ފަނޑިޔާރުންގެ މައްސަލަތައް ބެލުމާއި، އެއްވެސް ހަމައެއް ލަމައެއް ނެތި ފަނޑިޔާރުން މަގާމުން ވަކި ކުރާ މަންޒަރެވެ. އެކަންކަމާ ގުޅިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ މައި ޕާޓީއަށް ސުޕަރ މެޖޯރިޓީ އޮތުމުން، އެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ފަނޑިޔާރުން ވަކި ކުރުމަކީ މާ މޮޅު ކަމަކަށް ހަދައިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިދިޔަ މަހުގެ 18 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރުގެ މަގާމުން ޑރ.އަހުމަދު އަބްދުﷲ ދީދީވެސް ވަނީ ވަކިކޮށްފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު އޮތް މިންވަރު ވަރަށް ރަނގަޅަށް ހާމަކޮށްދެއްވައިފައެވެ. އެގޮތުން ގާނޫނީ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއަށް ލިބިފައި ނެތް ބާރުތަކެއް އަމިއްލައަށް ލިބިގަނެގެން ޝަރުއީ ދާއިރާއާމެދުގައި ރައްޔިތުންގެ އިތުބާރު ކުޑަ ކުރަމުން އަންނަ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ފަނޑިިޔާރުގެއަށް ސިޔާސީ ނުފޫޒު ވައްދާ ކަމުގެ އެތައް ތުހުމަތެއް ކުރަމުން އަންނައިރު، އެފަދަ ނުފޫޒުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އެންމެ ފަހުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްވެސް އިސްތިއުފާ ދެއްވީއެވެ.

ރާއްޖޭގެ އެންމެ ޒުވާން ގާޒީންގެ ތެރޭގައި ހިމެނޭ ހައިލަމް އިސްތިއުފާ ދެއްވީ، ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައި ކުރެހުމެއް ހުރި މައްސަލާގައި އޭނާ ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ. އެ އަމަލާ ގުޅިގެންޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ މައްސަލަ ބަލަން ފަށައި، ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި، އެކަން ވަނީ މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށައަޅައިފި އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައި ވަނީ، ޖޭއެސްސީގެ އިޖުރާއަތުތައް ރަނގަޅު ކަމަށެވެ.

އޭގެ މާނައަކީ ގާޒީކަމުން ހައިލަމް ވަކިކުރަން، މި ހަފުތާގައި މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް މިހާތަނަށް ފޮނުވި، ފަނޑިޔާރުންގެ ހުރިހާ މައްސަލައެއް ނިންމާފައި ވަނީ، ޖޭއެސްސީން ހުށައެޅި ގޮތަށެވެ.

ވާނީވެސް އެހެންތާއެވެ. ޖޭއެސްސީގެ ހުރިހާ ބާރެއް އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އެކުވެރި ހިސާން ހުސެންގެ އަތްޕުޅުގައެވެ. ޖޭއެސްސީއަކީ ހިސާން ބޭނުންފުޅުވާ ގޮތަށް ކުޅެން އޮންނަ ބޯޅައެއް ފަދަ އެއްޗަކަށް ހަދާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޖޭއެސްސީގެ އެންމެ ފަހުގެ ޓާގެޓު ކަމުގައިވާ ހައިލަމް އަކީ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގެ ޝަރީއަތް ހިންގެވި ފަރާތެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ މައްޗަށް އިއްވާނެ ހުކުމަކާ ގުޅޭގޮތުން ހައިލަމްއާ ސުވާލުކޮށް، އެދެވޭ ޖަވާބެއް ނުލިބުމުން ސަރުކާރުގެ ނުފޫޒު ގަދަ ވެރީންނަށް ފެނިވަޑައިގެންނެވި އެންމެ ރަނގަޅު ގޮތަކަށްވީ ހައިލަމް ވަގުތުން ސަސްޕެންޑު ކުރުން ކަމުގައިވާތީ، ރައީސް ޔާމީންގެ މައްސަލައިގައި ހުކުމް އިއްވަން ފަސްގަޑިއިރަށް ވެފައިވަނިކޮށް އެކަން ކުރަން ނިންމީއެވެ.

ހައިލަމް މަގާމުން އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އޭނާ ޖޭއެސްސީ އަށް ފޮނުއްވި ސިޓީތަކުގައިވާ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ. ހައިލަމް ވަނީ ޖޭއެސްސީ އަށް ހާޒިރުވާން އެންގުމުން އެކަމަށް އިންކާރު ކުރައްވައި، ތުހުމަތުތަކާ ގުޅޭ ގޮތުން ބަޔާނެއް ނެރުއްވައި އެއީ ޖޭއެސްސީ އަށް ދެއްވަން ހުރި މައުލޫމާތު ކަމަށް ވިދާޅުވެފަ އެވެ.

ހައިލަމްގެ ސިޓީގައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާއާމެދު ނިންމާފައިވާ ނިންމުންތައް ގާނޫނުއަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާ އެއްގޮތް ނުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތްކުރަނީ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމު ސިޔާސީ ގޮތުން ވަކި މިސްރާބަކަށް ބައްޓަންކުރާށެވެ. ހައިލަމް ވިދާޅުވި ގޮތުގައި އޭނާ ފަނޑިޔާރުކަމުން ސަސްޕެންޑްކުރީ އަދި މަގާމުން ވަކިކުރަން ފޮނުވީ ވެސް ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށެވެ.

އަދި ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، އެކަމާ ހިތާމަކުރައްވާ ކަމަށް ހައިލަމް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...