"ޖަލަށް ލާފައި އެވަނީ އިސްލާމް ދީން ދަމަހައްޓަން މަސައްކަތް ކުރެއްވި ލީޑަރެއް"

ސިޔާސީ ހުކުމެއް އިއްވައި، މިހާރު ޖަލަށްލާފައި އެވަނީ ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުމަށްޓަކައި ގުރުބާންވެވަޑައިގެންނެވި ލީޑަރެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމުން "އަސަރު" ކުރަނީ ސަބަބުތަކެއް ނެތިއެއް ނޫން ކަމަށެވެ. އެގޮތުން ރައީސް ޔާމީން އަކީ ރާއްޖޭގެ އެއްވެސް ޖަލެއްގައި އޮންނަން ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އަކީ ރާއްޖޭގެ ޅަދަރިންގެ މުސްތަގުބަލު އާރާސްތު ކުރަން ނުކުމެވަޑައިގެން ހުންނެވި ކުޅަދާނަ މާލިމީއެއް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ އަޑު އައްސަވައި، ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ގޮވާލައްވާ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމް ދީން އޮންނަން ބޭނުންވާ ކޮންމެ ރައްޔިތަކު ރައީސް ޔާމީންއަށްޓަކައި ގުރުބާންވާން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށާއި، އެމަނިކުފާނުގެ ހިތުގައި ގައުމާ ދޭތެރޭގައި އޮތް ލޯބި ވޭތުވެ ދިޔަ ފަސް އަހަރު ސާބިތުކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގެންނެވިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އެގޮތުން 2018 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި، ރައީސް ޔާމީން ދަތުރުކުރައްވަމުން ގެންދެވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާއި، އެމަނިކުފާނު ދަތުރު ކުރެއްވި ކާރުކޮޅުގައި އެއްޗެއް ގޮއްވާލަން އުޅުނުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އެހުރިހާ ގޮންޖެހުންތަކާ ރައީސް ޔާމީން ކުރިމަތިލެއްވީ އަމިއްލަ އެއްވެސް އެދުންފުޅެއް އޮވެގެން ނޫން ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް އަސަރު ކުރޭ މިއަދު ރައީސް ޔާމީން ޖަލުގައި އޮތީމަ" އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.