ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމް "ގޯސް" ކަމަށް ވަކީލުން ވިދާޅުވަނީ ކީއްވެ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް--

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއްކަމަށް އެމަނިކުފާނުގެ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.

އެގޮތުން ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ކަންކަމަށް އެއްވެސް ވަރަކަށް ބަލާފައި ނުވާކަން ފާހަގަކޮށް އެމަނިކުފާނުގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަަކަށް ނުބެލެވޭނެ ކަމަށްވެސް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެމަނިކުފާނުގެ އެކައުންޓުގައި ހުރި ކޮރަޕްޝަންގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ޖަމާ ކުރަން ބުނުމުން އެނޫން އެހެން ފައިސާއެއް ކަމަށް ޖަމާ ކުރި ކަމަށް ނިންމުމަށް ފަހުގައެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު އެސްއޯއެފް އިން ޖަމާ ކުރުމުން ރައީސް ޔާމީން އެ ފައިސާ ދެން ޓްރާންސްފާ ކުރެއްވީ އިންވެސްޓްމެންޓް އެކައުންޓަކަށެވެ. އޭސީސީ އިން އޭގެ ފަަހުން ފާހަގަ ކުރީ އެ ފައިސާ އަކީ ދައުލަތުގެ ފައިސާ އަށް ވެދާނެކަމަށެވެ.

އެއަށްފަހު ރައީސް ޔާމީންގެ އިސް ނެންގެވުމަކަށް އޭސީސީ އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އޭސީސީ އަށް ރައީސް ޔާމީން ދެއްވަން ޖެހެނީ އެއް މިލިއަން ޑޮލަރެވެ. އަދި 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާތޯ ނޫންތޯ ކަނޑައަޅަން އޭސީސީ އިން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް އެ މުއްދަތު ފަހަނަ އަޅައިދިޔައިރުވެސް އޭސީސީއަށް އެކަން ކަނޑައެޅިފައެއް ނުވެއެވެ. ރައީސް ޔާމީން އަތުން ނެންގެވި އެއް މިލިއަން ޑޮލަރު އަދިވެސް ހުރީ އޭސީސީގެ ބެލުމުގެ ދަށުގައެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވާފައި މިވަނީ އޭސީސީ އަށް ދީފައިވަނީ "އެހެން 1 މިލިއަން ޑޮލަރެކޭ" ބުނެފައެވެ. އެކައުންޓަށް ފައިސާ ޖަމާކޮށް ހަމަ ސީދާ އެ ފައިސާ އަލުން ދެވޭނެ ގޮތެއް ނޯންނާނެކަން ހަމަ ބުއްދި ހުންނަ ނުވަތަ ބޭންކިން ނިޒާމު ދަންނަ މީހަކަށް އިނގޭނެއެވެ. ދައުލަތަށް ގެއްލިގެން އުޅޭކަމަށް ޝައްކު ކުރެވެނީ އެއް މިލިއަން ޑޮލަރެވެ. ރައީސް ޔާމީން ވަނީ އެއް މިލިއަން ޑޮލަރުގެ ފައިސާ ދައްކަވައިފައެވެ. މިއީ މީހަކަށް 100 ރުފިޔާގެ ލޯނެއް ދީފައި ފަހުން އެ ލޯނު އަނބުރާ ހޯދާއިރު، ހަމަ ސީދާ ކުރިން ދިން 100 ރުފިޔާގެ ނޫޓު ދޭށޭ ބުނުން ކަަހަލަ ކަމެއް ނޫންތޯއެވެ؟

ރައީސް ޔާމީނަށް ހުކުމް އިއްވެވުމުގެ ކުރީން މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ރައީސް ޔާމީން އަމިއްލަފުޅަށްވެސް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ ހިޔާނާތުގެ ފައިސާ ކަމަށް ގަބޫލު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަން ބަޔާން ކުރަމުން ފަނޑިޔާރު ވަނީ 2018 ވަނަ އަހަރުގެ ރައީސް ޔާމީންގެ މާލީ ބަޔާނުގައި އެސްކްރޯ އެކައުންޓުގައި ހުރި ފައިސާއަކީ އެމްއެމްޕީއާރްސީން އަދީބު ދެއްވި ކަމަށް ބުނާ ފައިސާއެއް ކަމަށް ބަޔާން ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ 2015 ވަނަ އަހަރު ޖަމާކުރި ކަމަށް ބުނާ ފައިސާތަކެއްގެ މައްސަލަ ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު ޖަމާކުރި ކަމަށް ބުނާ ފައިސާއަކީ ކޮން ފައިސާއެއްކަން އެއްވެސް މީހަކަށް އެނގޭނެތޯ ވަކީލުން ވަނީ ސުވާލު އުފައްދައިފައެެވެ. އެމަނިކުފާނުގެ މާލީ ބަޔާނުގައި ވަނީ މާ ފަހުން އެނގުނު ކަންތައްތަކެއްގެ ވާހަކަ ކަމަށްވެސް ވަކީލުން ވިދާޅުވެފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުވާ ލިބޭ ފަރާތުން ފާހަގަކުރާ ކަންކަމަށް ހުކުމެއް އިއްވާއިރު، ރިއާޔަތް ކުރަން ޖެހެއެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް ނިޔާ އިއްވިގެން ދިޔައިރު، ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ދިފާއީ ހެއްކަކަށް އެއްވެސް މިންވަރަކަށް ރިއާޔަތްކޮށްފައެއް ނުވެއެވެ. ޝަރީއަތަށް ފާހަގަވި ނުކުތާތައް ގާޒީ އަލީ ރަޝީދު ވިދާޅުވަމުން ގެންދެވިއިރު، އެއްވެސް ވަރަކަށް ރައީސް ޔާމީން ދައްކަވާފައިވާ އެއްވެސް ވާހަކައަކަށް ރިއާޔަތް ކުރައްވައިފައެއްވެސް ނުވެއެވެ.

އެކަންކަމަށް ބަލާފައި ނުވާތީ ރައީސް ޔާމީންގެ ވަކީލުން ވިދާޅުވާ ގޮތުން ގާނޫނީ ގޮތުން ބަލާއިރު، އެމަނިކުފާނަށް ވަނީ ޝަރީއަތް ކާމިޔާބު ކުރެވިފައެވެ. ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ވަކީލުންގެ ފަރާތުން ވަނީ ދެކަމަކަށް އެދިވަޑައިގެންފައެވެ. އެއީ ރައީސް ޔާމީނަށް މިހާރު ކޮށްފައިވާ ހުކުމް ފަސް ކުރުމުގެ އަމުރަކަށް އެދުމާއި، އޭގެ އިތުރުން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ވެސް ވަނީ އެދިފައެވެ.

ކަފާލާތުގެ ދަށުން މިނިވަން ވުމުގެ ފުރުސަތަކީ ހަމައެކަނި ތަހުގީގުގެ މަރުހަލާގައި އޮންނަ ފުރުސަތެއް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ވަގުތީ އިސް ގާޒީ އަލީ ރަޝީދު ވިދާޅުވިޔަސް، ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވިގެން ދިޔަ މައްސަލައަކީ ކަފާލާތުގެ ދަށުން މިނިވަން ނުވެވޭނެ މައްސަލައެއް ނޫނެވެ. އެމަނިކުފާނުގެ މައްޗަށް ސާބިތު ކުރި ކުށަކީ ނުރައްކާތެރި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއްވެސް ނޫނެވެ.

މަނީ ލޯންޑްރިންގެ ކުށަކީ ނުރައްކާތެރި ކުށަކަށް ނުވާއިރު، ރައީސް ޔާމީން ނުރައްކާތެރި ކުށްވެރީން ބަހައްޓާ ތަނެއްގައި ބެހެއްޓުމުން އިދިކޮޅު ކޯލިޝަނުން ދަނީ އެމަނިކުފާނުގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ޔާމީންއަށް ހުކުމް ކުރި ގޮތަށް އެމަނިކުފާނު އެންމެ ފުރަތަމަ ގެންގޮސް ބެހެއްޓެވީވެސް ފާހާނާ ހަލާކުވެފައިވާ، އަދި ވަރަށް ދަށް ހާލަތެއްގެ ކުޑަގޮޅިއެއްގައެވެ. އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް ވަކީލުން އެދިވަޑައިގެންފައިވާއިރު، ސަރުކާރުން އަދިވެސް އުޅެނީ ޖަލުގައި ހުންނެވިއިރުވެސް ރައީސް ޔާމީން ދެކެ ބިރުންހެން ހީވެއެވެ. ސަބަބަކީ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔުމެވެ.

އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންނާ ހުތުރުބަހުން މުއާމަލާތް ކުރެއްވި ކަމަށް ބުނެ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެއެވެ. އެހެންނަމަވެސް މިހާރު ޝަރުއީ ދާއިރާއަށް އަތްގަދަ ކުރައްވައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ އެކުވެރި ހިސާން ހުސެއިންފަދަ ބޭފުޅުން ފަނޑިޔާރުގެއާ، ފަނޑިޔާރުންނަށް އަމާޒުކޮށް ދެއްކި އެއްވެސް ވާހަކައެއް އެބޭފުޅުން ހަނދުމަފުޅު ނެތް ފަދައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...