އިގްތިސާދު ރަނގަޅުކުރުމަށް މި ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް: ސައީދު

ދިވެހިރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕިއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގެ 73ވަނަ ޖަލްސާގައި މާލީ ސެކިއުރިޓީގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު ހިންގާ ކުރިއެރުވޭނެ ފަދަ ގާބިލިއްޔަތު ކަމެއް މި ސަރުކާރުގެ ނެތް ކަމަށެވެ.
އެގޮތުން ރާއްޖެ އޮތީ ތަރައްގީގެ ދުވެލީގައި ބަނގުރޫޓު ވެފައި ކަމަށާއި، އަދި ދައުލަތުގެ ރިޒާވް ދަށްވެފައިވަނީ ބިރުވެރިކަން އެކުލެވިފައިވާ މިންވަރަކަށްކ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ ސަރުކާރުގެ އިސް ވެރީން ދައުލަތް ދޮވެލާފައިވާ ކަމަށެވެ. އަދި އިންސާފެއް، ހަމައެއް ނެތި ހިނގަމުންދާ ސަރުކާރަކަށް އިގްތިސާދީ ގޮތުން ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ ފޭރިގެންފައިވާ އިންތިހާބަކުން ކަމަށެވެ. އަދި އެކަންތައް ރައީސް ސާލިހުއަށާއި، މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ނަޝީދަށާއި ކޯލިޝަން މެމްބަރުން ކަމަށް ހެދިގެން މަޖިލީހުގައި މަސައްކަތް ކުރައްވަމުން ގެންދާ މެމްބަރުންނަަށް އިނގޭނެ ކަމަށެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.