އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުވެއްޖެ

އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ މައުސޫމް ޒުވާނަކު ޝަހީދުވެއްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހިބްރޫން ސިޓީގައި ފަލަސްތީނުގެ އުމުރުން 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާއެއްގައި ވަނީ ޝަހީދުކޮށްލައިފައެވެ. އެ ޒުވާނާ ޝަހީދުކޮށްލުމަށްފަހު، އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ވަނީ އޭނާގެ ހަށިގަނޑުވެސް ގެންގޮސްފައެވެ.

މި ހާދިސާ ހިނގާފައިވަނީ ފަލަސްތީނުގެ ބިންތަކަށް ގަދަ ބާރުން ވެރިވެގަނެ، ޔަހޫދީންގެ އާބާދީ ފަލަސްތީނުގައި އިތުރު ކުރުމަށް އިޒްރޭލުން ކުރާ މަސައްކަތަށް ތާއީދު ކުރާ ކަމަށް އެމެރިކާއިން ބުނުމާ ގުޅިގެން އެކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން އެއްވުންތަކެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ.

1967 ވަނަ އަހަރުގައި ފަލަސްތީނުގެ ހުޅަނގުއައްސޭރިއާއި، އިރުމަތީ ގުދުސް އިޒްރޭލްގެ ޔަހޫދީންގެ ބާރުގެ ދަަށަށް ގެންގޮސްފައިވާއިރު، އެ ސަރަހައްދުތަކުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ވަނީ ހަލުވި ކަމާއެކު ފަށާފައެވެ. ހުޅަނގުއައްސޭރި އަދި އިރުމަތީ ގުދުސްގައި ހަތްލައްކައަށްވުރެ ގިނަ ޔަހޫދީން އަންނަނީ ދިރިއުޅެމުންނެވެ.

ފަަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިވެގެން އުޅެނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...