މާރިޔާ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަގާމުން އިސްތިއުފާދެއްވުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ޑިފެންސް މިނިސްޓަރު މާރިޔާގެ އިސްތިއުފާއަށް ގޮވާލައްވާފައި މިވަނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވަދެގަނެ އެތަނަށް ބޮމުގެ ހަމަލާއެއް ދީ، އެތަން ގޮއްވާލާނެ ކަމުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޝުޖާއުގެ ޓްވީޓުގައިވަނީ އެއީ ވަރަށް ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވައިފައެވެ.

އެކަމާ ގުޅޭގޮތުން ޗެނަލް13އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ، މިދިޔަ މަހުގެ 18 ވީ ހޯމަ ދުވަހުގެރޭ، 21:00 ހާއިރު ބަންޑާރަކޮށި މައި ގޭޓުން ރަޖިސްޓްރީ ނަންބަރުގައި "ސީ ----" ބޯޑު ޖަހާފައިވާ ވޭންއެއް ވަނުމާއެކު ހުއްޓުވާފައިވާ ކަމަށެވެ.

އަދި އެ ވޭން ހުއްޓުވައި ޗެކު ކުރި އިރު ވޭން، ދުއްވަން އިނީ ބިދޭސީ ޑްރައިވަރެއް ކަމަށާއި، އެ ވޭނުގައި އިތުރު މީހަކު ނެތް ކަމަށެވެ. އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން ދަނީ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން އެމްއެންޑީއެފްއިން ނެރުނު ބަޔާނެއްގައި ވަނީ މިއަދުގެ މާހައުލުން އެއްވެސް ގޮތަކަށް ޝައްކުކުރެވޭފަދަ އެއްވެސް ބާވަތެއްގެ ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެކަމުގައިވާނަމަ، މިކަން ސަލާމަތީ ޚިދުމަތްތަކުގެ ސަމާލުކަމަށް ލަސްނުކޮށް އެންގުމަށް ހުރިހާ ރައްޔިތުންނަށް ހަނދާންކޮށްދޭ ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ ދެ ހަފްތާކުރިން ހިނގި އެ ހާދިސާގައި އެމީހާ ސިފައިންގެ މައި މަރުކަޒަށް ވަނީ ވޭނެއްގަ އެވެ. އެ ވޭން ބަންޑާރަކޮށީގެ ގޭޓުން އެތެރެއަށް ވަނީ ސިފައިންގެ އުޅަނދެއް އެތަނަށް ވަނަން ދިޔަ ވަގުތު، އެ އުޅަނދުގެ ފަހަތުން ގޮހެވެ. ގޭޓުން ވަނުމުގެ ކްލިއަރަންސް އެ ވޭނަށް ލިބުނީ އެއީވެސް ސިފައިންގެ ވެހިކަލެއް ކަމަށް ބަންޑާރަކޮށީގައި ތިބި ޑިއުޓީ އޮފިސަރުންނަށް ހީވުމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ވޭން ދުއްވަން އިނީ ބިދޭސީއެކެވެ. އޭނާ ވޭނުގައި ވަނުމާ އެކު ސިފައިން އޭނާ ހުއްޓުވައި ސުވާލުކުރުމުން އޭނާ ބުނީ، އޭނާ އެތަނަށް ވަނީ އެތަން "ގޮއްވާލަން" ކަމަށެވެ. އަދި އެ މީހާ ސިފައިނަށް ހަމަލާ ދިން ކަމަށް ވެސް އެނގިފައިވެ އެވެ. ރާއްޖޭގައި މީގެ ކުރިން ވެސް ބޮން ހަދައި އަދި ބޮން ގޮއްވައިގެން މީހުން ހައްޔަރުކޮށްފައިވެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...