ހުކުރު ހުތުބާގައި ދޭ ނަސޭހަތްތައް ވަރުގަދަ ކުރަން ޖެހޭ!

މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޒުވާނުންގެ ފިކުރާ ކުޅެ، ސެކިއުލަރިޒަމްގެ ވިސްނުން ޒުވާނުން ހިތްތަކުގައި އަށަގެންނެވުމަށް ބަޔަކު މަސައްކަތް ކުރަމުން ދިޔުމެވެ. މިފަދަ ދަނޑިވަޅެއްގައި ހުކުރު ހުތުބާގައިވެސް އެވާހަކަ ދެއްކުމުގެ ބަދަލުގައި ހުތުބާވެސް މިވަނީ ސިޔާސީ ކޮށްފައެވެ. ހުތުބާގައިވެސް ދެނީ ސަރުކާރުން ބޭނުންވާ ނަސޭހަތެކެވެ. 

ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު، ހުކުރު ނަމާދުގައި އިއްވާ ހުކުރު ހުތުބާ ވާން ޖެހޭނީ މުޖްތަމައުގައި އެއިރެއްގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންނަށް ނަސޭހަތްދީ ތެދު މަގު ދައްކައިދޭން މަސައްކަތް ކުރާ ނަސޭހަތުގެ ބަސްތަކެއް އިވިގެންދާ އެއްޗަކަށެވެ. ހުކުރު ހުތުބާގެ ބޭނުމަކީވެސް އެއީއެވެ. މީސްތަކުންނަށް ހެޔޮ މަގު ދައްކައިދީ ނަސޭހަތްތެރިވުމެވެ.

އެހެންނަމަވެސް މިހާރަަކަށް އައިސް ހުކުރު ހުތުބާތަކުގައި ވަރަށް އާދައިގެ ކަންކަމަށް ނަސޭހަތްދޭކަންވެސް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި މައްސަލައަކަށް ނުވާފަދަ، ވަރަށް އާދައިގެ ކަންކަންވެސް ހިމަނާފައިވެެއެވެ.

އެގޮތުން ބޮޑު ޗުއްޓީ ހޭދަކުރާނެ ގޮތާގުޅޭގޮތުންވެސް ދާދި ފަހުން ހުކުރު ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. މިއަދު މިގައުމުގައި ދީނީ ގޮތުން ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޮޑު ޗުއްޓީ ހޭދަކުރާނީ ކިހިނެއްކަން ނޭނގުންތޯއެވެ؟

ހުކުރު ހުތުބާގައި ނަސޭހަތްތެރިވާން ޖެހޭ ގިނަ ކަންތައްތައް އެބަހުއްޓެވެ. އޭގެތެރެއިން އެއް ކަމަކީ ލާދީނީ ފިކުރު މި ގައުމުގައި އިންތިހާއަށް އިތުރު ވެގެން ދިޔުމެވެ. ބޭރުގެ އެކި ކަރަކަރައިން ފައިސާ ނަންނަގަވައިގެން ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކާއި، އެބޭފުޅުންގެ އަމަލުތަކުން ދިވެހީން ސަލާމަތްކޮށް، އެކަމަށް ހޭލުންތެރި ކުރުވަން ނަސޭހަތްދޭން ޖެހެއެވެ.

ދިވެހީން އިސްލާމުންގެ ގޮތުގައި ތިބޭތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ ކަމަށް ބުނެ، ދިވެހީންނަށް ދީނީ ނަސޭހަތް ދޭން ނުޖެހޭނެ ކަމަށް ބޭފުޅަކު ވިދާޅުވިޔަސް، އެފަދަ ނަސޭހަތް ދިވެހީންނަށް މިއަދު މިއޮތީ ނުހަނު ބޭނުންވެފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ހުކުރު ހުތުބާއިންވެސް ފާހަގަވީ ރާއްޖޭގައި ލާދީނީ ފިކުރު ފެތުރުން އާންމުވެފައިދާ ދަނޑިވަޅެއްގައި މުޅީން އެހެން މައުޟޫއަކަށް ހުކުރު ހުތުބާގައި ނަސޭހަތް ދިން ކަމެވެ. އެގޮތުން، ހުކުރު ހުތުބާގައިވަނީ ދީނުގެ ނަމުގައި ފަތުރާ އެކި މައުލޫމާތުތަކަށް ސަމާލުވާން ޖެހޭ ކަމަށް ބުނެފައެވެ. ދީނާ ދެކޮޅަށް ދިވެހީންގެ ތެރެއިން ކުރަމުން އަންނަ މަސައްކަތުގެ ވާހަކައެއް އެއްގޮތަކަށްވެސް ނުދައްކައެވެ.

ލާދީނީ ފިކުރު އާންމު ކުރާ ވާހަކަ ދައްކައި، އެކަމާ ގުޅޭގޮތުން ހުތުބާގައި ނަސޭހަތްދިނުމަކީ މުހިންމު ކަމެކެވެ. އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމަށް ހުޅަނގުން ފަތުރާ ޕްރޮޕެގެންޑާތަކާ ގުޅޭ ވާހަކަތައް ދައްކައި، ހުކުރު ހުތުބާގައި އެކަންކަން ހިއްސާކުރުން ބުއްދިވެރިވާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...