"ފަލަސްތީނު ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް އެމެރިކާއިން ފަށައިފި"

މުޅި ފަލަސްތީނު ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް އެމެރިކާއިން ފަށާފައިވާ ކަމަށް ރަޝިޔާއިން ތުހުމަތުކޮށްފިއެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އެޅުމަކީ ކުށެއް ކަމުގައި ބަލައިނުގަންނަން އެމެރިކާއިން ނިންމާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އިޒްރޭލާ ފަލަސްތީނުގެ މައްސަލައިގައި އެމެރިކާއިން އަބަދުވެސް ހުންނަނީ އިޒްރޭލްގެ ކޮޅަށް ނަމަވެސް، މީގެ ކުރިން އެގައުމުން ވަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންގެ އާބާދީ އިތުރު ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާއެއް ކަމަށް ގަބޫލުކޮށްފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުންވެސް އެމައްސަލައިގައި ބުރަވަނީ ފަލަސްތީނުކޮޅަށެވެ. އެހެންނަމަވެސް އެކަން ބަދަލުކޮށް ފާޅުގައި އިޒްރޭލަށް ތާއީދު ކުރުމަށް އެމެރިކާއިން ނިންމުމުން ރަޝިޔާއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގީ ލަވްރޮފް ވިދާޅުވީ، ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅަން އެމެރިކާއިން ތާއީދު ކުރުމަކީ އދގެ އާންމު މަޖިލީހާއި، ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފު ކަމެއް ކަމަށެވެ.

ޤުދުސް އަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން ނިންމުމާއި، ގޯލަން ހައިޓްސްއަކީ އިޒްރޭލުން ހިފާފައިވާ ތަނެއް ނޫން ކަމަށާއި އެއީ އިޒްރޭލްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ނިންމުމުގެ އިތުރުން، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އެޅުމަކީ ކުށެއް ކަމުގައި ބަލައިނުގަންނަން އެމެރިކާއިން ނިންމުމުން، މުޅި ފަލަސްތީނުގެ ހިފަން އެމެރިކާއިން އަމާޒު ހިފާފައިވާ މިންވަރު ދޭހަވާ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ފަލަސްތީނުގައި ޔަހޫދީންނަށް ގެދޮރު އެޅުމަށް ތާއީދު ކުރުމަށް އެމެރިކާއިން ނިންމުމުން، އެކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ވަނީ "ޑޭ އޮފް ރޭޖް"ގެ ނަމުގައި މުޒާހަރާތަކެއް ކޮށްފައެވެ. އެގޮތުން ހުޅަނގު އައްސޭރީގައި ކުރި މުޒާހަރާތަކުގައި އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ހިންގި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ 77 މީހަކު ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...