ބިޝާމް ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވައިފި

ޕްރޮސެކިއުޓަރ ޖެނެރަލް ޕީޖީގެ މަޤާމުގައި ހުންނެވި އައިޝަތު ބިޝާމް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ބިޝާމް އިސްތިއުފާދެއްވި ސިޓީ މިއަދު ހެނދުނު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ކުރެއްވި ޓްވީޓުގައި ވަނީ ޕީޖީގެ މަޤާމުގައި ހުންނަވައިގެން ބިޝާމް އަދާކުރެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ބިޝާމް އިސްތިއުފާ ދެއްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމާ ގުޅޭ އިޖުރާއާތްތައް ފަށާފައިވަނިކޮށެވެ. މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ބިޝާމް ނެރުއްވި ބަޔާނެއްގައި ވަނީ އޭނާ ވަކިކުރުމުގެ މަސައްކަތް ފަށާފައި ވަނީ ޤާނޫނު އަސާސީގެ ރޫހާ ޚިލާފަށް ކަމަށެވެ. އެގޮތުން އޭނާ މަޤާމުން ވަކިކުރަން އުޅެނީ ކޮން ތުހުމަތުތަކެއްގެ ސަބަބުންކަން ވެސް ސާފުކޮށްދެވިފައި ނުވާކަމަށް ވިދާޅުވިއެވެ.
ބިޝާމްގެ ބަޔާނުގައި ވަނީ އޭނާ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން، ޖަވާބުދާރީވުމަށް އަންގާފައި ވަނީ ކޮން ތުހުމަތުތަކަކަށްކަން ވެސް އަންގަވާފައިނުވާ ކަމަށެވެ. އަދި ޤާނޫނު އަސާސީއިން ލިބިދީފައިވާ ޢަދުލުވެރި އިދާރީ ފިޔަވަޅުގެ ޙައްޤުގެ ދަށުން ތައްޔާރުވެގެން ޖަވާބުދާރީވުމުގެ ޙައްޤުންވެސް މަހުރޫމުކޮށްފައިވާ ކަމަށް ބިޝާމް ވަނީ ވިދާޅުވެފައެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުވެސް ވަނީ އެމަނިކުފާނު މަޤާމުން ވަކިކުރައްވާފައި ވަނީ އިޖުރާއަތްތަކާއި ޚިލާފަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެޝަކުވާއަށް ރިޢާޔަތްކޮށް ވާހަކަ ދެއްކުމެއްނެތި އެމަނިކުފާނުވަނީ މަޤާމުން ވަކިކޮށްފައެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ މަގާމަށް އައިޝަތު ބިޝާމް އައްޔަން ކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެގޮތުން އެކަމަނާ އެ މަގާމަށް އިންތިޚާބު ކުރެއްވުމާއި ގުޅިގެން އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެހެން ނަމަވެސް އެބޭފުޅުން ވެރިކަމަށް އައުމަށްފަހު ބިޝާމް ބޭނުން ކުރައްވައިގެން ސަރުކާރުން ބޭނުންވާ ވަކި ކަހަލަ ދައުވާތަކެއް އުފުލުމަށް ވަނީ މަސައްކަތްކޮށްފައެވެ
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.