ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ދިފާއުގައި ސޫޗީ ބައިނަލްއަގްވާމީ ކޯޓަށް!

މިޔަންމާގެ ލީޑަރު އަންސަން ސޫޗީ

މިޔަންމާގެ ރަހީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ މައްސަލައިގައި މިޔަންމާގެ ދިފާއުގައި އެގައުމުގެ ލީޑަރު އަންސަން ސޫޗީ ބައިނަލްއަގްވާމީ ކޯޓަށް ހާޒިރުވާން ނިންމަވައިފިއެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ރާވައިގެން، ލާއިންސާނީ ޖަރީމާތަކެއް ހިންގާފައިވަނީ 2017 ވަނަ އަހަރުގެ އޯގަސްޓްމަހުގައެވެ. އެގޮތުން އެއްވެސް ރަހުމެއް ނެތް އަނިޔާތަކެއް ދީ، ރޮހިންޔާ ދަރިފަސްކޮޅުގެ އެތައް ބަޔަކު މަރައި، ރޭޕް ކުރުން ފަދަ އަމަލުތައް މިޔަންމާ ސިފައިން ހިންގާފައިވެއެވެ. އެ އަނިޔާތަކަށް ކެތް ނުކުރެވިގެން ރޮހިންޔާ ދަރިކޮޅުގެ ހަތްލައްކައަށްވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.

އެ މައްސަލައިގައި މިޔަންމާގެ ލީޑަރު ސޫޗީ މިޔަންމާގެ ސަރުކާރުގެ ދިފާއުގައި ނުކުންނަވަން ނިންމަވާފައިވާއިރު، ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ދިން އަނިޔާތަކާ ގުޅިގެން އޭނާއަށާއި، މިޔަންމާގެ ސަރުކާރަށް ދުނިޔޭގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މިޔަންމާގެ ސަރުކާރުގެ ގާނޫނީ ޓީމާއެކު ސޫޗީ ނެދަލެންޑްގައި ހުންނަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް( އައިސީޖޭ)އަށް ހާޒިރުވެވަޑައިގަންނަވާނެ ކަަމަށް އޭނާގެ އޮފީހުން ބުދަ ދުވަހު ވަނީ ކަށަވަރު ކޮށްދީފައެވެ.

މުސްލިމުންގެ އާބާދީ ބޮޑު ގެމްބިއާއިން މިޔަންމާ ސަރުކާރުން ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ލާއިންސާނީ އެތައް ޖަރީމާއެއް ހިންގި މައްސަލަ ބައިނަލްއަގްވާމީ ކޯޓަށް ހުށަހަޅާފައިވަނީ، މިޔަންމާ ސިފައިން ރޮހިންޔާ ދަރިކޮޅުގެ މީހުން ގަތުލުކޮށް، އެމީހުންގެ ގެދޮރު އަންދައި، ޖިންސީ އަނިޔާތައް ކުރި މައްސަލައިގައެވެ. އެ މައްސަލަ ހުށަހެޅުމަށް އޯގަނައިޒޭޝަން އިފް އިސްލާމިކް ކޯޕަރޭޝަންގެ މެމްބަރުންގެ ގޮތުގައި ތިބި 57 ގައުމަކުން ވަނީ ތާއީދުކޮށްފައެވެ.

އައިސީޖޭއިން ބުނީ އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑު އެހުންތައް ބާއްވާނީ އަންނަ މަހުގެ 10 އަދި 12 ވަނަ ދުވަހުގައި ކަމަށެވެ. މިޔަންމާގައި 1991 ވަނަ އަހަރުގައި އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު އަންސަން ސޫޗީއަށް ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައެވެ. އޭރު އޭނާ އިނީ ގޭބަންދުގައެވެ.

ސޫޗީއަށް ނޯބެލް ސުލްހައިގެ އިނާމު ދީފައިވަނީ އޭނާ މިޔަންމާއަށް ޑިމޮކްރަސީ ގެންނަން މަސައްކަތް ކޮށްފައިވާތީ ކަމަށް ބުނެއެވެ. އެހެންނަމަވެސް ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ސޫޗީ އިސްވެ ހުންނަވައިގެން ހިންގި ޖަރީމާތަކުގެ ސަބަބުން ނޯބެލް ސުލްހައިގެ އިނާމު އޭނާއަށް ހައްގު ނޫން ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...