ސަލަފު އުވާލުމާ ދެކޮޅު: އާދަމް ޝަރީފު

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު

އިސްލާމް ދީނުގެ ވަހުދަތު ކުރިއަރުވަން މަސައްކަތް ކުރާ ޖަމިއްޔަތުލް ސަލަފު އުވާލުމާ ދެކޮޅު ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ޖަމިއްޔަތުލް ސަލަފަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ޓެރަރިޒަމްގެ ތުހުމަތު ކުރާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

އެ ރިޕޯޓް އިތުރަށް ދިރާސާ ކުރުމަށް އެ ކޮމިޓީން ވަނީ ކުޑަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީ ގައި ހިމެނިވަޑައިގަންނަވަނީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފާއި ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި ހެންވޭރު ހުޅަނގު ދާއިިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައިި ނަޝީދު ވިދާޅުވީ، އެ ކޮމިޓީގެ މަސައްކަތްތައް ރޭ ނިންމާލާފައިވާ ކަމަށާއި، އެ ރިޕޯޓްގައި، ޓެރަރިޒަމަށް ވާގިދޭ ޖަމާއަތްތަކާ މެދު ކަން ކުރާނެ ގޮތެއް މަޖިލީހުން ނިންމަން އެދޭ ކަމަށެވެ. އޭގެ ތެރޭގައި ސަލަފް ޖަމިއްޔާ ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ސަލަފަށް ޓެރަރިޒަމްގެ ތުހުމަތު ކުރި ކަަމަށް ނަޝީދު ވިދާޅުވި ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ، އެ ސަބް ކޮމިޓީން ތިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، އެބައްދަލުވުންތަކުގެ ތެރެއިން ސަލަފަށް ޓެރަރިޒަމްގެ ތުހުމަތު ކުރި ބައްދަލުވުމުގައި އޭނާއަށް ބައިވެރިވެވަޑައިނުގެންނެވުނު ކަމަށެވެ.  އަދި ސަލަފް ޖަމިއްޔާ އުވާލުމާ ދެކޮޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ސަލަފު ޖަމިއްޔާ އުވާލުމަށް އެމްޑީޕީގެ މެމްބަރުން ގޮވާލަމުން އަންނައިރު ލާދީނީ ރިޕޯޓެއް ލިޔުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް އެޕާޓީގެ މެމްބަރުން ގޮވާލާފައެއް ނުވެއެވެ. ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސަލަފާ ދޭތެރޭ ފިޔަވަޅެއް އަޅާފައިވޭތޯ ބެލުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ސުވާލު ކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...