ސަލަފުން ޓެރަރިޒަމަށް ވާގިދޭ: ސަބް ކޮމިޓީ

ޖަމްއިއްޔަތުލް ސަލަފް އަކީ ޓެރަރިޒަމަށް ވާގިދޭ ޖަމްއިއްޔާއެއްގެ ގޮތުގައި ލޭބަލްކޮށް އެ ޖަމްއިއްޔާއަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީގެ ތެރެއިން ނެގި ސަބް ކޮމެޓީއަކުން ނިންމައިފިއެވެ.

ސަލްފް ޖަމްއިއްޔާ އުވާލުމާ ގުޅޭ ނުވަތަ ފިޔަވަޅު އެޅުމާ ގުޅޭ އެއްވެސް މަސައްކަތެއް މަޖިލީހުގެ ކޮމެޓީއަކުން ކޮށްފައިނުވާނެ ކަމަށް މަޖިލިސް މީޑިއާއިން ބުނެފައިވަނިކޮށް އެކަން ކަށަވަރުކޮށްދެއްވީ މަޖިލީހުގެ ރިޔާސަތުންނެވެ.

މަޝްހޫރު ދިނީ އިލްމުވެރިޔާ ޝަހީދު ޑރ.އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓާއި ގުޅިގެން މިމަހުގެ 19 ވަނަ ދުވަހު މަޖިލީހުގެ ސަލާމަތާއި ޚިދުމަތްތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިކަން ފާހަގަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެބައްދަލުވުމުން އިތުރު ކުޑަ ކޮމެޓީއެއް ނެގި ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި އެ ކޮމެޓީއިން ވަނީ ޖަމްއިއްޔަތުލް ސަލަފަކީ ޓެރަރިޒަމަށް ވާގީދޭ ޖަމާއަތެއްކަމަށް ނިންމާފައެވެ.

އަދި އެ ޖަމްއިއްޔާއަށް ފިޔަވަޅު އެޅުމަށް ސަބްކޮމެޓީއިން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ފޮނުވައި އެކަމަށް ގޮތެއް ކަނޑައެޅުމަށް މަޖިލިސްގެ ރިޔާސަތައް ހުށައަޅާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެ ކަމާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު ޝިޔާމް ވަނީ ވަކި ބައެއްގެ ބޮލުގައި ޑރ.އަފްރާޝީމްގެ މަރު އެޅުވުމަކީ ކަންބޮޑުވާ ކަމެއް ކަން ފާހަގަކުރައްވާފައެވެ. އަދި މަރުތަކާއި ބެހޭ ކޮމިޝަންގެ ރިޕޯޓަކީ އެ ކޮމިޝަންގެ 5 މެމްބަރުން ނެރުނު ރިޕޯޓެއްތޯ ބެލުމަށް އެ ކޮމިޝަނުގެ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މެމްބަރު ޝިޔާމް މިގޮތަށް ވިދާޅުވެފައިވާއިރު ޝަހީދު ޑރ.އަފްރާޝީމްގެ މަރުގެ ރިޕޯޓް ރަސްމީކޮށް ހާމަނުކޮށް އޮއްވައި އެ ރިޕޯޓް ލީކުވި މައްސަލައިގައި އެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސުއޫދު ވަނީ އޭނާ ރަށުގައި ނެތް ދަނޑިވަޅެއްގައި އެ ރިޕޯޓް ލީކުވުމުން އެކަމާ ހިތާމަކުރާކަން ހާމަކުރައްވާފައެވެ.

ޝިޔާމްގެ ވާހަކަތައް ނަޝީދު އިންކާރު ކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ބޭނުމަކީ ގައުމަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާ އަކުން ރައްޔިތުން ސަލާމަތް ކުރުން ކަމަށެވެ. އަދި ހަރުކަށި ދީނީ ފިކުރުގެ ޓެރަރިޒަމަށް ބާރުދޭ ނެޓުވޯކެއް ރާއްޖޭގައި އޮތްކަން އެންމެންވެސް ގަބޫލު ކުރަންޖެހޭ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ސަލަފް ޖަމްއިއްޔާ އިން ކުޑަކުދިންގެ މަރުކަޒަށް ގޮސް ކުދިންތަކެއް ހޯދައިގެން އެ ކުދިން ހަނގުރާމައަށް ފޮނުވުމުގެ މަސައްކަތް ކޮށްފައިވާކަމުގެ މައުލޫމާތު ނިމިދިޔަ ހަފްތާގައި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ލިބިފައިވާކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ހަމައެކަނި ކަންބޮޑުވެގެން މިއުޅެނީ ހަނގުރާމައަށް މީހުން ފޮނުވާތީ. މިތަނުގެ ހިއުމަން ރައިޓްސް ކޮމެޓީއަށް މިދިޔަ ހަފްތާގައި އެނގުނީ ކުޑަކިދުންނާއި ގުޅޭ މަރުކަޒަށް ހަމަ އެ ޖަމްއިއްޔާއިން ޖަމާއަތަކުން ބަޔަކު ގޮސް އެތަނުން ކުދިން ހޯދައިގެން އެކުދިންވެސް އަނެއްކާވެސް ރާއްޖެއިން ބޭރަށް ހަނގުރާމައަށް ފޮނުވުމުގެ މަސައްކަތް ކުރުން. މިކަމަށް ލޯމަރައިގެން ނުތިއްބަވާށޭ އަޅުގަނޑު އާދޭހާއި އެކު މިދަންނަވަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަލަފް ޖަމްއިއްޔާއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިސްލާމީ އިލްމާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން އައިސްފައިވާ ކަންތައްތައް ރައްޔިތުންނަށް ހިއްސާކޮށް އިސްލާމް ދީނުގެ އަސާސްތައް ދެމެހެއްޓުމަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ބޭނުންކޮށްގެން ހަރަކާތްތެރިވަމުން އަންނަ ޖަމްއިއްޔާއެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...